Last Updated: April 27, 06:22
Saturday, April 27, 2024
މީހުން

ބިލިއަނަރު ކެން ގްރިފިން އެމެރިކާގެ އެންމެ އަގުބޮޑު އެޕާޓްމެންޓް ގަނެފި

ހަތަރު ފަންގިފިލާގެ އެޕާޓްމެންޓް ހުންނަނީ 220 ސެންޓްރަލް ޕާކް ސައުތުގައި - ފޮޓޯ: ގެޓީ އިމޭޖެސް

އެމެރިކާގެ މެންހެޓަންގެ އެޕާޓްމެންޓެއް 238 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. އެއީ މިހާތަނަށް އެމެރިކާގައި ވިކުނު އެންމެ އަގުބޮޑު ގެއެވެ.

220 ސެންޓްރަލް ޕާކް ސައުތު އިމާރާތުގައި ހުންނަ އެ ގޭގައި ހަތަރު ފަންގިފިލާ ހުންނައިރު، އެ އެޕާޓްމެންޓުން މަޝްހޫރު ނިއު ޔޯކް ޕާކް ފެނެއެވެ.

އެ އެޕާޓްމެންޓް ގަނެފައި ވަނީ ސިޓަޑެލްގެ ފައުންޑަރ ކަމުގައިވާ ބިލިއަނަރު ކެން ގްރިފިން އެވެ.

އުމުރުން 50 އަހަރުގެ ގްރިފިން ވަނީ މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގެ ބަކިންހަމް ޕެލެސް ކައިރިން 124 މިލިއަން ޑޮލަރުގެ ގެއެއް ވެސް ގަނެފަ އެވެ.

މީގެ ކުރިންވެސް ގްރިފިން ވަނީ މަޔާމީ އާއި ޝިކާގޯގެ އެންމެ އަގުބޮޑު ގެ ގަތުމުގެ ރެކޯޑް ހަދާފައެވެ. އެގޮތުން 2015 ވަނަ އަހަރު 60 މިލިއަން ޑޮލަރުގެ އެޕާޓްމެންޓެއް މަޔާމީ އިން ގަނެފައިވާއިރު، ގްރިފިން ވަނީ ޝިކާގޯ އިން ވެސް މިދިޔަ އަހަރު ގާތްގަނޑަކަށް 59 މިލިއަން ޑޮލަރުގެ އެޕާޓްމެންޓެއް ގަނެފައެވެ.

މީގެ އިތުރުން ޝިކާގޯގައި ގްރިފިންގެ އިތުރު ތިން ލަގްޒަރީ ގެ ހުންނައިރު، ފްލޮރިޑާގެ ޕާމް ބީޗް އޭރިއާގައި ހަ ގެ އަދި ހަވާއީގައި އޭނާގެ ދެ ގެ ހުރެއެވެ.

ސެންޓްރަލް ޕާކް ފްލެޓް ގަތުމުގެ ކުރިން އެމެރިކާގައި އެންމެ އަގުބޮޑުކޮށް ގެއެއް ވިކިފައި ވަނީ 2014 ވަނަ އަހަރު އެވެ. އެއީ އީސްޓް ހެމްޕްޓަންގައި ހުންނަ ގެއެކެވެ. އެ ގެ ވިއްކާލާފައި ވަނީ 137 މިލިއަން ޑޮލަރަށެވެ.