ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމުގައި ދިވެހިން އަދާކުރަންޖެހޭ ޒިންމާއާ ގުޅޭގޮތުން ބާއްވާ ހާއްސަ ދަރުހެއް މިރޭ ބާއްވަން ނިންމައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބާއްވާ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ. މި ދަރުސް ދެއްވާނީ އައްޝައިޙް އިލްޔާސް ޖަމާލްއެވެ.
އިސްލާމްދީން ދެމެހެއްޓުގައި ދިވެހިން އަދާކުރަންޖެހޭ ޒިންމާއާ ގުޅޭ ދަރުހެއް މިރޭ ބާއްވާއިރު، މި ދުވަސްވަރަކީ ދީނާއި ދެކޮޅު ވާހަކަތައް ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެއެވެ.
ދީނާއި ހިލާފު އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފައިވާއިރު، އިސްލާމް ދީނަށް ތައުހީންކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި ދީނީ ޝިއާރުތަކަށް އުސޫލުތަކަށް ފާޑުކިޔާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދާދިފަހުން ފުލުހުން ވަނީ ދީފައެވެ.