Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ހަވީރު" ނޫހުގެ މައްސަލަ އަލުން ބަލަން އަމުރުކޮށްފި

ހަވީރު ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

2016 ވަނަ އަހަރު "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމްއެވެ.

އެ ތިން ބޭފުޅުން ދައުވާ ކޮށްފައިވަނީ، "ހަވީރު ނޫސް އޭޖެންސީ" ގެ އާމްދަނީން އެ ބޭފުޅުންނަށް ލިބެންޖެހޭ މިންވަރު ހޯދުމުގެ އިތުރުން އެތަން ހިންގުމުގައި އެ ތިން ބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

އަދި އެ މައްސަލާގައި ސިވިލް ކޯޓުން އޭރުކޮށްފައިވާ ހުކުމުގައި ވަނީ ހަވީރު ނޫސް ވަގުތީ ގޮތުން ހުއްޓާލުމަށާއި އެތަނުގެ މުވައްޒަފުން 2 އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ އެ ކޯޓުގައި ދައުވާކުރި ކަންކަމުގެ މައްޗަށް ނޫން ކަމަށް ބުނެފައެވެ. ދައުވާގައި ނެތް ކަންކަމަށް ހުކުމް ކުރީ ދައުވާގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދީކަމަށާއި އެހެންކަމުން މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުން އެ ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.