Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

ރޮނާލްޑޯ އާ އެއްވަރަށް ބެންޒެމާ ގޯލް ޖަހައިފި!

ޔުވެންޓަސްގެ ރޮނާލްޑޯ (ކ) އާއި ރެއާލްގެ ބެންޒެމާ (ވ) އެ ދެ ޓީމަށް ލީގުގައި ކުޅެނީ. --ފޮޓޯ: މާސާ

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނަށް ޔުވެންޓަސް އަށް ބަދަލުވުމުން އޭނާ ނެތްތަން ފޫބެއްދުމަށް އެ ޓީމުގެ ކަރީމް ބެންޒެމާ އާއި ގަރެތު ބޭލް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި އެއީ ފަސޭހަކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ސީޒަން ފެށިގެން އައިއިރު ކަންތައްތައް ދިމާވީ ހަމަ ހީކުރިގޮތާއި އެއްގޮތަށެވެ. ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށްޓަކައި ރެއާލަށް ރަނގަޅު ކުޅުންތެރިއެއް ނުހޯދުނުއިރު އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިންގެ ފަރާތުން ސީޒަނުގެ ކުރީ ބައިގައި ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

އެ ޓީމުން ލީގުގެ ފުރަތަމަ 13 މެޗު ނިންމާލީ ތާވަލްގެ ހަވަނައިގައި އޮވެގެންނެވެ. ކުޅުނު 13 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިއިރު މޮޅުވެފައިވަނީ ހަ މެޗުންނެވެ. ފުރަތަމަ 13 މެޗުގައި 20 ގޯލް ކާމިޔާބުކުރިއިރު ބައިކޮޅަށް ވަނީ ގިނަ ގޯލްތަކެއް ވަދެފައެވެ. ނަމަވެސް އޭގެފަހުން ކުޅުނު 8 މެޗުގައި 14 ގޯލްޖަހާފައިވާއިރު މި ވަގުތު އެ ޓީމު އޮތީ ލީގުގެ ތިންވަނައިގައެވެ. މީގެއިތުރުން، އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު އެ ކުޅުންތެރިން އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައުމުން ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ ކުޅުން މިހާރަށްވުރެ ރަނގަޅުވާނެކަމަށް ބެލެވެއެވެ.

ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 31 އަހަރުގެ ބެންޒެމާ މި ވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ ރެއާލަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ފަސް ލަނޑުޖަހާފައެވެ. މީގެއިތުރުން، އޭނާ ވަނީ މި އަހަރު މިހާތަނަށް ކުޅުނު 8 މެޗުގައި ހަ ގޯލް ޖަހާފައެވެ. އެގޮތުން، އޭނާ ވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ރެއާލްގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑޯ އާ އެއްވަރަށް މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 34 މެޗުގައި 17 ގޯލް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް، ރޮނާލްޑޯ މިއަދަދަށް ގޯލްޖަހާފައިވަނީ 29 މެޗުންނެވެ.

ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ތެރެއިން. މި މެޗުގައި ބެންޒެމާ ވަނީ ދެލަނޑުޖަހާފައިި. –ފޮޓޯ: ލަލީގާ

މި ދެ ކުޅުންތެރިން ނިމިދިޔަ ސީޒަނުގައި މި ހިސާބަށް އައިއިރު ގޯލްޖެހި އަދަދަށް ބަލާއިރު ރޮނާލްޑޯ 20 ގޯލް ޖެހިއިރު ބެންޒެމާ އަށް ކާމިޔާބުކުރެވުނީ އެންމެ ހަ ގޯލެވެ. ނަމަވެސް، ކުރީ ސީޒަނާއި ހިލާފަށް މި ސީޒަނުގައި ބެންޒެމާގެ ކުޅުން ކުރިއަށްވުރެ ވަނީ ރަނގަޅުކޮށްފައެވެ. އެގޮތުން، މި ސީޒަނުގައި މި ދެ ކުޅުންތެރިންވެސް މިހާތަނަށް އެއްވަރަކަށް ގޯލްޖަހާފައިވާއިރު ބެންޒެމާ ކާމިޔާބުކޮށްފައިވާ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ އިދިކޮޅު ޓީމުގެ ޕެނަލްޓީއޭރިޔާ ތެރެއިންނެވެ.

މީގެކުރީން، ރެއާލަށް ކުޅޭ ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ލަނޑުޖެހުމަށް ލިބޭ ފުރުޞަތުތައް ނިންމާނުލެވި ރޮނާލްޑޯ އާ އެއްވަރަކަށް ނުވަތަ ކައިރި ކުރާވަރަށްވެސް ބެންޒެމާ އަށް ގޯލް ނުޖެހޭތީވެ ގިނަ ބައެއްގެ ފާޑުކިއުންތައް ދިޔައީ އޭނާ އަށް އަމާޒުވަމުންނެވެ.

އެއާ ހިލާފަށް މި ސީޒަނުގައި ފަހަކަށް އައިސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ އެ ޓީމަށް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކާމިޔާބުކުރި ގޯލްތަކަށްފަހު ރެއާލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި އޮތް ހޫގޯ ސަންޗޭޒް ފަހަތަށް ޖައްސާލުމަށްފަހު 209 ގޯލާއެކު ހަމަޖެހިލައިފައެވެ.

މި ސީޒަނުގައި ލަލީގާގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ބެންޒެމާ އަށް ވުރެ ގިނައިން މިހާތަނަށް ގޯލް ޖަހާފައިވަނީ ބާސެލޯނާގެ ލިއޮނަލް މެސީ އެކަންޏެވެ. މެސީ 27 ގޯލް ޖަހާފައިވާއިރު ބެންޒެމާ އާ އެންމެކައިރިން ވާދަކުރަނީ ސެވިއްޔާގެ ފޯވާޑް ވިސާމް ބެން ޔެޑާ އާއި ބާސެލޯނާގެ ލުއިސް ސުއަރޭޒްގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޮއިން ގްރީޒްމަން އެވެ. މި ތިން ކުޅުންތެރިންވެސް ކާމިޔާބުކޮށްފައިވަނީ 16 ގޯލެވެ.