Last Updated: April 26, 11:19
Friday, April 26, 2024
ސިއްހަތު

ކަދުރު: މާބަނޑު މީހުން ބޭނުން ކުރުމުން ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ

ކަދުރަކީ ފޮނި، އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރު ކެއުމުން ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދެއެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައިދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ކަދުރު ރާއްޖޭގެ ގިނަ މީހުން ހުހަށް ކައި އުޅުނު ކަމުގައި ވިޔަސް ކަދުރު އަޅައިގެން ވަރަށް މީރު ބޯކިބާ ވެސް ފިހެއެވެ. ފޮނި ކާތަކެއްޗަށް ލޯބިކުރާ ފަރާތްތަކަށް މިއީ ބޭނުންކުރަން ވަރަށް ރަނގަޅު މޭވާއެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.

މާބަނޑު މީހުންނަށް ކަދުރަކީ ވަރަށް ރަނގަޅު އެއްޗެކެވެ. މާބަނޑު ދުވަސްވަރު ކަދުރު ބޭނުންކުރުމުން ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދެއެވެ. މިއީ ( ރަހިމުގެ މަސްތައް ވަރުގަދަވުމަކީ) ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. އަދި ހަމަމިހެން ކަދުރު ބޭނުންކުރުމާއި، ވިހެއުމަށްފަހު އާދަޔާ ޚިލާފަށް ލޭބޭރުވުމާއި، ގުޅުމެއް ވާކަމަށް ވެސް ބުނެވެއެވެ. އެހެންކަމުން މިއީ މާބަނޑު މީހުންނަށް ފައިދާހުރި ކާނާއެއް ކަމުގައި ބެލެވެއެވެ.

ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ. އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން ތުއްތު ދަރިފުޅު ބަލިތަކާއި ދުރުކޮށް ދެއެވެ.

ކަދުރުގައި "ފްލޯރިން:" ކިޔާ މާއްދާއެއް ހުރެއެވެ. މީގެ އިތުރުން ކަދުރުގައި ކެލްސިއަމް ވެސް ހުރެއެވެ. ފްލޯރިން އަކީ ދަތުގެ ބޭރުބައި ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި މިއީ ދަތްފަނި ކެއުމުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ކަދުރު ފަދަ ހިކިކޮށް ހުންނަ ކާނާ ބޭނުންކުރުމުން ވަރަށް ގިނަ ފަހަރު، ދެދަތް ދޭތެރޭގައި ކާތަކެތިކޮޅު ހަރުލާފައި ހުންނަ ގޮތް ވެއެވެ. އެހެންކަމުން ކަދުރު ކެއުމަށްފަހު ރަގަޅަށް ދަތް އުގުޅުމަކީ ދަތްފަނި ކެއުމުން ދުރުވެ ހުރުމަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެކެވެ.

ކަދުރުގައި މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމުގައިވާ، ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވާކަމަށް ބުނެއެވެ. މީގައި ހިމެނޭ މުހިއްމު ކެރޮޓިނޮއިޑެއް ކަމުގައިވާ ޒިއެޒެންތިންގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަންގެ މައްސަލައިން ރައްކާތެރިވުމުގައި އެހީތެރި ވެދެއެވެ.

ކަދުރަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދުޖެހުން ކޮންޓްރޯލް ކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭނެ ކަމެކެވެ. ސަބަބަކީ ޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް އެތެރެވާ ވަރަކަށް، ސޯޑިއަމް ހަށިގަނޑުން ބޭރުވާ މިންވަރު މަތިވާތީ އެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ކޮންޓްރޯލް ވާގޮތް ދިމާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމް ގިނައިން ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 400 މިލިގްރާމްގެ ޕޮޓޭސިއަމް ކާނާ އިން ހަށިގަނޑަށް ފޯރުކޮށްދެވޭނަމަ، އެމީހަކަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށްވެގެން ދެއެވެ. މީގެ އިތުރުން ކަދުރަކީ ހަށިގަނޑުގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.

ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ. ދޮންވެފައި ހުންނަ ރޯ ކަދުރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ކަދުރަކީ ފަސޭހައިން ހަޖަމުވާ އެއްޗަކަށް ވުމުން ބޭރަށްހިންގުން ފަދަ ކަންތައްތައް ވަރަށް އަވަހަށް ކަދުރު ބޭނުންކުރާނަމަ ރަގަޅު ވެއެވެ.

ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީ ބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެ ތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ، އިތުރުކަމަށް ބުނެވެއެވެ. މީގެ އިތުރުން ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ.

ކަދުރަކީ އިންސާނާގެ ޖިންސީ އެދުންވެރިކަން ރަގަޅުކޮށްދޭ އެއްޗެކެވެ. ބަކަރީގެ ކިރުގެ ތެރެއަށް ކަދުރުމުށެއް އަޅައި، ފޯވަންދެން ބެެހެއްޓުމަށްފަހު، އެކިރާއި، މާމުއި، އަދި ހިމުންކޮށް މުގުރާފައި ހުރި ކާފޫރުތޮޅި އާއި އެއްކޮށްގެން، މިކްސްޗަރުން ގިރާލުމަށްފަހު، ބޭނުންކުރުމަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމެއްކަމަށް ބުނެއެވެ.

ބުނެވޭގޮތުގައި ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުން ކަދުރާއި، ކިއުކަމްބާ ޗިސްކޮށްގެން ހަދާފައި ހުންނަ ޕޭސްޓާއި އެއްކޮށް ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން އިތުރުވާކަމަށް ބުނެއެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސް ސަބަބުން ގޮހޮރުގެ އެކިއެކި މައްސަލަތަކަށް ލުިއކަން ގެނެސް ދެއެވެ. ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. އެއީ ހަށިގަނޑަށް ގެއްލުންދެނިވި ޖަރާސީމް ގޮހޮރުގައި އަށަގަތުން ހުއްޓުވައިދީގެންނާއި، ގޮހޮރުގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާގެ ނިސްބަތް ގޮހޮރުގެ ތެރޭގައި ގިނަކޮށްގެންނެވެ.

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން "ބަނޑު ސާފުކޮށްދޭ" ކަމަށް ބުނާ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. ކަދުރުގައި ހިމެނޭ "ބަނޑު ސާފުކުރުމުގެ" ފައިދާ ލިބިގަތުމަށް ފުރިހަމަ އެއްރޭ ވަންދެން ކަދުރު ފޯކުރަން ފެނަށް އަޅާފައި ބަހައްޓަން ޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު ފޯވެފައި ހުރި ކަދުރުތައް ގިރާލައިގެން ސަރުބަތުގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން ބަނޑު ފަސޭހަ ކޮށްދޭނެ އެވެ.