Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

ޝެޑިއުލާއި އެއްގޮތައް ދަތުރުތައް ކުރިއަށްދާނެ: މޯލްޑިވިއަން

ޝެޑިއުލާއި އެއްގޮތައް ދަތުރުތައް ކުރިއަށްދާނެ ކަމަށް މޯލްޑިވިއަނުން މިރޭ ބުނެފިއެވެ.

މޯލްޑިވިއަނުން މިހެން ބުނެފައިމިވަނީ އެ އެއާލައިންގައި މަސައްކަތްކުރާ ޕައިލެޓުންތަކެއް މާދަމާ އިހުތިޖާޖަށް ނިކުންނަން ނިންމާފައިވާތީ އެކަމާ ގުޅިގެން މިރޭ ކުރި ޓްވީޓެއްގައެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބުރުލެއް ނާރާނެ ކަމަށާއި ޝެޑިއުލާއި އެއްގޮތައް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕައިލެޓުން މާދަމާ އިހުތިޖާޖަށް ނިކުންނަނީ މޯލްޑިވިއަންގެ ޑައިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، މުހައްމަދު އަމީން މަގާމުން އިސްތިއުފާ ނުދީގެންނެވެ. އެގޮތުން އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ވަޒީފާ އަށް ނުނިކުތުމަށް ޕައިލެޓުން ވަނީ ނިންމާފައެވެ.

އަދި އަމީން މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް ހަޅުތާލު ކުރިއަށްގެންދާނެ ކަމަށްވެސް މިކަމުގައި ބައިވެރިވާ ޕައިލެޓުން ވަނީ މައުލޫމާތު ދީފައެވެ.

ގާތްގަނޑަކަށް 150 ހަކަށް ޕައިލެޓުން އުޅޭ ގައުމީ އެއާލައިންގެ ބައެއް ޕައިލެޓުން ދާދިފަހުން ގިނަ ޝަކުވާތަކެއް ފެންމަތިކޮށް، އެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އެދި ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ނަމަވެސް އެ ޝަކުވާތަކަށް އަދި މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމަށް ޕައިލެޓުން ބުނެއެވެ.