Last Updated: March 29, 11:09
Friday, March 29, 2024
ސިއްހަތު

ސަންބްލޮކް ބޭނުންކުރިއަސް ހަންގަނޑު އަނދަނީ ކީއްވެ؟

އަހަރުގެ ހުރިހާ ދުވަހެއްގައި ރާއްޖެއަށް އަވިދީފައި އޮންނަ އިރު، ބޭރަށް ކިރިޔާ ނިކުމެލާއިރަށް ހަންގަނޑު އަނދާ ވާހަކައަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. މިކަމުގެ ހައްލެއްގެ ގޮތުން ސަންބްލޮކް ބޭނުންކުރުމަށް ގިނަ ހަމުގެ ޑޮކްޓަރުން ލަފާދެއްވާއިރު، ސަންބްލޮކް ބޭނުންކުރިއަސް ހަންގަނޑު އަނދާކަމުގެ ޝަކުވާއަށް ހުއްޓުމެއް ނާދެއެވެ.

ގިނަ ފަހަރަށް އަހަރެމެންގެ އާދައަކީ ސަންބްލޮކް ބޭނުން ނުކޮށް ބޭރަށް ދިޔުމެވެ. އެހެންނޫނީ ބޭރަށް ދަމުން ސަންބްލޮކް ކޮޅެއް ހަންގަނޑުގައި އުނގުޅާލުމެވެ. މިއީ ހަންގަނޑަށް ވަރަށް ގެއްލުންހުރި، އަދި ނުރައްކާތެރިގޮތެކެވެ. ޑޮކްޓަރުން އިރުޝާދު ދެއްވާގޮތުގައި 20 މިނެޓަށްވުރެ ގިނައިރު ބޭރުގައި އުޅޭނަމަ ސަންބްލޮކެއް ހަންގަނޑުގައި އުނގުޅަންވާނެއެވެ. ވިއްސާރަ ނުވަތަ ފިނި މޫސުމުގައިވެސް ސަންބްލޮކް ބޭނުންކުރަންވާނެއެވެ. އިރުގެ ޔޫވީ ރޭއިސްތަކުން ހަންގަނޑު ހަލާކުކުރަން ނަގަނީ އެންމެ 15 މިނެޓެވެ. އަދި ހަންގަނޑު އެނދުމަށްފަހު ރަނގަޅުކުރަން ވަރަށް ގިނަ ދުވަސްނަގާނެއެވެ. އެހެންކަމުން ސަންބްލޮކް އެންމެ ރަނގަޅަށް ބޭނުންކުރާނީ ކިހިނެއްތޯއެވެ؟

ބޭނުން ކުރެވެނީ ރަނގަޅު ސަންބްލޮކެއްތޯ؟

ސަންބްލޮކެއް ގަންނަ އިރު ސަން ޕްރޮޓެކްޓިވް ފެކްޓަރ، ނުވަތަ އެސް.ޕީ.އެފް 30 އަށްވުރެ މަތި ސަންބްލޮކެއް ގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް، ރާއްޖެކަހަލަ ހޫނުގަދަ ޤައުމެއްގައި ރަނގަޅުވާނީ އެސް.ޕީ.އެފް މަތިވިވަރަކަށެވެ. އެސް.ޕީ.އެފް އަދަދުން އަންގައިދެނީ ސަންބްލޮކް ބޭނުން ނުކޮށް ހުންނަ އިރު ހަންގަނޑު އަނދަން ނަގާނެ ވަގުތާއި ސަންބްލޮކް ބޭނުންކޮށްގެން ހުންނަ އިރު ހަންގަނޑު އަނދަން ނަގާނެ ވަގުތެވެ. މިސާލަކަށް، އެސް.ޕީ.އެފް 30ގެ މާނައަކީ، ސަންބްލޮކް ބޭނުން ނުކޮށް ހުންނައިރު 5 މިނެޓުން ހަންގަނޑު އަނދާނަމަ، އޭގެ 30 ގުނަ ވަގުތު، ނުވަތަ 150 މިނެޓު ( (30 x 5 = 150ހަންގަނޑު ނާނދާ އަވީގައި އުޅެވޭނެއެވެ. އެހެންނަމަވެސް، ހަންގަނޑުގެ ބާވަތާއި، އަވީގެ ހޫނުގަދަކަމުގެ ސަބަބުން މިވަގުތު ބަދަލުވެދާނެއެވެ.
އެސް.ޕީ.އެފްގެ މިއަދަދަކީ އަބަދު އެއް ޕްރޮޕޯޝަނެއްގައި އިތުރުވާ އެއްޗެއްނޫނެވެ. އެސް.ޕީ.އެފް 60 އަކުން އެސް.ޕީ.އެފް 30 އަށްވުރެ ދެގުނަ އިތުރު ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެސް.ޕީ.އެފް 30 އިން ގާތްގަނޑަކަށް އިރުގެ ޔޫ.ވީ.ބީ ދޯދިތަކުގެ 97% ބްލޮކް ކުރާމަކަށް ބެލެވޭއިރު، އެސް.ޕީ.އެފް 45 އިން ބްލޮކް ކުރަނީ 98%އެވެ. އެއްވެސް ސަންބްލޮކަކުން ޔޫ.ވީ.ބީ ދޯދިތައް %100 ބްލޮކެއްނުކުރާނެއެވެ. އެހެންކަމުން އެސް.ޕީ.އެފް 30 ނުވަތަ 45ގެ ސަންބްލޮކެއް ބޭނުންކުރުމުން ރަނގަޅުވާނެއެވެ. އަދި މޫދަށްދާނަމަ ވޯޓަރ ރެސިސްޓެންޓް ސަންބްލޮކެއްގަތުމަށް އިސްކަންދޭންވާނެއެވެ.

ބޭނުންކުރާނެ ގޮތް

އެއްވެސް އެއްޗެއް ހަންގަނޑުގައި ބޭނުންކުރުމުގެ ކުރިން އެއެއްޗެއްގެ އެކްސްޕަޔަރީ ޑޭޓް، ނުވަތަ މުއްދަތުހަމަވާދުވަސް ބަލަންވާނެއެވެ. އަދި ހަންގަނޑާ ގުޅޭ، އެލަރޖިކް ނުވާ އެއްޗެއްތޯވެސް ބަލަންވާނެއެވެ. މިކަން ގޭގައި ހުރެގެން ކުރެވޭ ކުޑަ ޓެސްޓަކުން ބެލިދާނެއެވެ. މި ޓެސްޓު ކުރުމަށް، އަތުގެ ކުޑަތަންކޮޅެއްގައި ކުޑަ ސަންބްލޮކް ކޮޅެއް އުނގުޅާލުމަށްފަހު 20 ވަރަކަށް މިނެޓު ވަންދެން އެއްވެސް ހިރުވުމެއް، ރަތްވުމެއް، ފޮޅުނެގުމެއް ނުވަތަ އެފަދަ އެއްވެސް އެލަޖީގެ ނިޝާނެއް ފެނޭތޯބަލާނީއެވެ. މިފަދައެއްވެސް ނިޝާނެއް ފެނިއްޖެނަމަ، އަވަހަށް ސާފުކޮށްލުމަށްފަހު ހަންގަނޑާއި ގުޅޭ ސަންބްލޮކެއް ހޯދުމަށް ޑޮކްޓަރެއްގެ ލަފާހޯދަންވާނެއެވެ. މިފަދައެއްވެސް ނިޝާނެއް ނުފެންނަނަމަ، އެއީ ހަންގަނޑާއި ގުޅޭ ސަންބްލޮކެކެވެ.
ސަންބްލޮކް އަބަދުވެސް ބޭނުންކުރަންވާނީ ބޭރަށް ދިޔުމުގެ ކުރިންނެވެ. ހަންގަނޑުގައި ރަނގަޅަށް އުނގުޅި، އެންމެ ރަނގަޅަށް ހަންގަނޑު ސަލާމަތްކޮށްދިނުމަށްޓަކައި ސަންބްލޮކްގައި ހުންނަ ކެމިކަލްތައް މަސައްކަތްކުރަންފަށަން ގާތްގަނޑަކަށް 30 މިނެޓު ނަގާނެއެވެ. އެހެންކަމުން އެންމެ ފައިދާހުރިގޮތަކީ އަބަދުވެސް ބޭރަށް ދިޔުމުގެ 30 މިނެޓުކުރިން ސަންބްލޮކް ހަންގަނޑުގައި އުނގުޅާލުމެވެ. ތުންފަތުގައި ލިޕް ސަންސްކްރީނެއް ބޭނުން ކުރާނަމަ ބޭރަށް ދިޔުމުގެ 45-60 މިނެޓު ކުރިން އުނގުޅާލުމެވެ. އަދި މުޅި ހަންގަނޑުގައި ރަނގަޅަށް ލެވޭވަރަށް ގިނައިން ސަންބްލޮކް ބޭނުންކުރުމެވެ. އަދި ދިރާސާތަކުން ދައްކާގޮތުން ބޭރަށް ދިޔުމުގެ 15-30 މިނެޓު ފަހުން ސަންބްލޮކް ދެވަނަ ފަހަރަށް ހަންގަނޑުގައި ބޭނުންކުރުމުން ހަންގަނޑު އެނދުމުން ސަލާމަތްކޮށްދޭވަރު އިތުރުކޮށްދެއެވެ. ސަންބްލޮކް ބޭނުންކުރިނަމަވެސް، ހަންގަނޑަށް ލިބޭ ގެއްލުމުން އެއްކޮށް ސަލާމަތެއް ނުވާނެއެވެ. އެހެންކަމުން، އަބަދުވެސް ބޭރުގައި އުޅޭއިރު ހިޔަލެއްގެ ދަށުގައި ހުރެވޭތޯ ބަލަންވާނެއެވެ. އަދި އެންމެ ހޫނުގަދަ ވަގުތުތަކުގައި ކޮންމެހެން ބޭރަށް ދާންޖެހިގެން މެނުވީ ބޭރަށްނުދިޔުމަކީ އެންމެ ރަނގަޅުގޮތެވެ. ބޭރަށްދާނަމަ އަބަދުވެސް ހަންގަނޑު އަވިން ސަލާމަތްކޮށްދޭފަދަ ހެދުމެއްލެވޭތޯ ބަލަންވާނެއެވެ.

ތިމާ އާއި އެއްކޮށް ތިމާގެ ވެށި ސަލާމަތްކުރުން

ސަންބްލޮކް ބޭނުންކޮށްގެން ތިމާގެ ހަންގަނޑު ސަލާމަތްވާއިރު، ސަންބްލޮކް ބޭނުންކުރުމުގައި ތިމާވެއްޓަށްވެސް ގެއްލުންނުވާނެފަދަގޮތަކަށް ސަންބްލޮކް ބޭނުންކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ. އެގޮތުން އާދައިގެ ސަންބްލޮކްތަކުގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ފަރުތަކާއި، ފަރުތަކުގައި ތިބޭ ދިރޭތަކެއްޗަށްވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެއެވެ. ދިވެހިރާއްޖެ ވަށާލެވިގެންވަނީ މިފަދަ ނާޒުކު ތިމާވެއްޓަކުން ކަމަށްވާއިރު އަބަދުވެސް މިކަމަށް ވިސްނުމަކީ އެންމެންގެވެސް ޒިންމާއެކެވެ. މިކަމަށް ހައްލެއްގެ ގޮތުން މިހާރު ވަރަށް ގިނަ މިނެރަލް ބޭސްޑް، ބަޔޯ ޑީގްރޭޑަބްލް، އިކޯ-ފްރެންޑްލީ ސަންބްލޮކްތައް ހަދާފައި ހުރެއެވެ. އެހެންކަމުން، ސަންބްލޮކް ބޭނުންކުރާއިރު އަބަދުވެސް ތިމާވެއްޓާ ރައްޓެހި ސަންބްލޮކެއް ބޭނުންކުރެވޭތޯ ބަލަންވާނެއެވެ.