Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

ފްލައިން ސްކޫލް އެގްރިމެންޓު މުއްދަތު ހަމަވެއްޖެ، ކުދިން ވާނުވާގައި!

އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އަށް ގަމުން ދީފައިވާ ބިމުގެ މުއްދަތު ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު އެތަނުގެ މުސްތަގްބަލާއި މެދު ސުވާލު އުފެދިއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ފްލައިން ސްކޫލް ހިންގުމަށް ގަމުގެ އެެއާޕޯޓުގެ ހެނގަރު ކުއްޔަށް ދިނުމުގެ އެއްބަސްވުން 31 ޖެނުއަރީއަށް ވަނީ ހަމަވެފައެވެ. އަދި ފްލައިން ސްކޫލްގެ ކްލާސްތަކާއި އެކަމޮޑޭޝަނަށް ދީފައިވާ ބިމުގެ އެއްބަސްވުން މި ފެބްރުއަރީ މަހުގެ ނިޔަލަށް މުއްދަތު ހަމަވާނެއެވެ.

ފްލައިން ސްކޫލްގައި ގިނަ އަދަދެއްގެ ދިވެހި ކުދިން ބޮޑެތި ލޯން ނަގައިގެން ކިޔަވަމުން އަންނަ އިރު އެކުދިންނާއި އެކުދިންގެ ބެލެނިވެރިން ތިބީ މާޔޫސްވެ ވާނުވާއެެއްގެ ތެރޭގައެވެ.

ފްލައިން ސްކޫލްގެ އެގްރިމެންޓުގެ މުއްދަތު ހަމަވުމާއި ގުޅިގެން ވަގުތީ ތިން މަހުގެ މުއްދަތެއް ދީފައިވާ އިރު ގަމުގައި ފްލައިން ސްކޫލް އިތުރަށް ކުރިއަށް ގެންދިއުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމާއި ގުޅިގެން ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.

ފްލައިން ސްކޫލްގެ އެއްބަސްވުން ހަމަވެފައިވާ އިރު އެތަނުގައި ކިޔަވާ ބައެއް ކުދިން ކިޔަވަންދާނެ އެހެން ތަނެއް ހޯދުމަށް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ވަރަކަށް ކުދިންނަށް ފްލައިން ނުލިބޭތީ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.

"އައްޑޫލައިވް" އާއި ކަންބޮޑުވުން ހިއްސާ ކުރި ބައެއް ދަރިވަރުން ބުނެފައިވަނީ އެތަން ހިންގަމުން އައީ މިލިޓަރީ ތަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެތަނާއި ގުޅޭ ޝަކުވާ ކުރުމާއި އެއްވެސް މައުލޫމާތެއް ތަނުން ބޭރަށް ނުވަތަ މީޑިއާއަށް ހިއްސާކޮށްފިނަ އެދަރިވަރަށް އެކި ގޮތްގޮތުން ފިއްތުން ކުރިމަތި ކުރުވާ ކަމަށެވެ. އަދި އެތަނުގައި ކިޔަވާ ދިވެހި ކުދިންނާއި ބޭރު ކުދިން އިންތިހާއަށް ތަފާތު ކުރާ ކަމަށެވެ.

ފްލައިން ސްކޫލުން ދިވެހި ކުދިން މަޑު ޖެއްސުމަށްފަހު ރާއްޖެއިން ބޭރުން އައިސް ތިބޭ ކުދިން އަވަހަށް ކޯސް ނިންމުވާކަންވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި މިކަމަކީ ފްލައިން ސްކޫލް އެގްރިމެންޓް އާ ނުކުރެވިގެން ކުރަމުން އަންނަ ކަމެއް ކަމަށްވެސް އެކުދިން ތުހުމަތު ކުރެއެވެ.

ފްލައިން ސްކޫލުން ފަހަކަށް އައިސް ދިވެހި ކުދިންނަށް ދެމުން އައި ޑިސްކައުންޓްވެސް ވަނީ ކަނޑާލާފައެވެ. އަދި ކޯހުގެ އަގު ބޮޑުކޮށްފައިވާ އިރު މިހާރު އެތަނުން ޕައިލެޓް ކޯހަކަށް 50،000 ޑޮލަރު ނަގައެވެ. އެތަނުގައި މިހާރު 200އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު ގިނައީ ދިވެހި ކުދިންނެވެ.