Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫގެ ރަށް ގިރުމާއި ގުޅޭ ގޮތުން ހަދާ ސާވޭގެ މަސައްކަތް ފަށައިފި

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި މިންވަރު ބަލައި އެސަރަހައްދުތައް ދެނަގަތުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޓީމަކުން އިއްޔެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޖައިކާއިން ފަށާ މި ސާވޭއަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައި، އެފަދަ މައްސަލަތައް ކުރިމަތިވަމުންދާ ރަށްތަކަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަ ރަށްތަކަކަށް ހެދުމަށްޓަކައި ބޭރުގެ އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް ތައްޔާރުކުރަމަށް ހަދާ ސާވޭއެއް ކަމަށެވެ.

މިސާވޭގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވޭ ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި މިސާވޭގައި އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުމީދޫގައި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި އެކި ސަރަހައްދުތަކުގައި ޖައިކާގެ ޓީމުން ހަރަކާތްތެރިވާނެ ކަމަށާއި، އެގޮތުން އެސަރަހައްދުތަކުގެ މޫދުގެ ރާޅާއި އޮއިވަރު ހުރި ގޮތާއި، އަޑި ގުޑަން ހުރި ގޮތާއި ފުންމިންތައް ބެލުމަށް ބަތިމެޓްރިކް އަދި ޓޮޕޮގްރަފިކް ސާވޭ ހެދުމާއި، ބީޗް ސާވޭ އަދި ފަރުގެ ހާލަތު ދެނެގަތުމަށް ޓީމުގެ ފަރާތުން މަސައްކަތްތަކެއް ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން އިތުރަށް ބުނީ އެއަށްފަހު އެންމެ ބޮޑަށް މައްސަލަތައް ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނަގަނެ އެމައްސަލަތަކާ ގުޅޭގޮތުން ރިޕޯޓް ތައްޔާރު ކުރުމަށްފަހު ޕްރޮޕޯސަލް ޑްރާފްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަށްތަކަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ރަށްގިރުމުގެ މައްސަލަތައް ދެނެގަތުމަށް ޖައިކާގެ ޓީމުން ހަދާ މިސާވޭ ލާމު އަތޮޅާއި މާލެ ސިޓީގައި ވެސް ކުރިއަށް ދާނެއެވެ. ސާވޭގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.