Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސައްބީސްވަނަބައި)

ސައިކަލު ކައްސާލައިގެން މަގުމެދަށް ވެއްޓުމާއެކު، ފަހަތުން އައި އެހެން ސައިކަލެއްގެ މިސްރާބު ގެއްލި ދިޔަގޮތަށް ގޮސް ފަރަހަނާޒްގެ ގައިގާ ޖެހިފައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. ފަރަހަނާޒްގެ ވޭނީ ހަޅޭކުގެ އަޑާއި އުޅަނދުތައް އެކަތިއަނެކައްޗާއި މުޑިއެރި އަޑުވެސް ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. އެވަގުތު ޝައުންއަށް ހީވީ އޭނާގެ ހިތްވެސް މޭފޫއަޅާ ބޭރަށް ނުކުތްހެންނެވެ.

ޝައުން ތެދުވެ ފަރަހަނާޒާއި ދިމާއަށް ދުއްވައިގަތެވެ. ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ފަރަހަނާޒްގެ ގައިދަށުން ލޭގެ ރޮގެއްދެމިގެން ދިޔަ މަންޒަރުފެނިފައި ގަތްބިރުން ޝައުންގެ މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ލޯމަތިން މަންޒަރު ފުސްވަމުން ގޮސް އޭނާ އަރިއަޅާލިއެވެ. ދެން އޭނާއަށް ލޯހުޅުވާލެވުނުއިރު އޮތީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައެވެ. ބޮލުގައި މަޑުރިހުމެއްހުރި އިރު އޭނާގެ އަތުގެ މުލައްދަނޑީގައިވެސް ވަނީ ބޭސްއަޅާފައެވެ. އޭނާގެ ގާތުގައި އަމީން ފެންކަޅިވެފައި އިނެވެ.
" ބައްޕާ..ނާޒް ކޮބާ؟…" ފުންމައިގެން ތެދުވަމުން ޝައުން އަހާލިއެވެ.

" ދަރިފުޅާ…އޮށޯވޭ…ނާޒްވީ އަދި އޮޕަރޭޝަން ތިޔޭޓަރގަ….." ލޮލުން ކަރުނަ ފުހެލަމުން އަމީން އޮޅުން ފިލުވައިދިނެވެ.

" ބައްޕާ އަހަރެން ބޭނުން ނާޒްގެ ގާތަށްދާން…." އާދޭހުގެ ރާގަކަށް ޝައުން ބުންޏެވެ.

" ދަރިފުޅާ….އިހަށްމަޑުކުރޭ!….އަދި ދަރިފުޅު ހަމައަކަށް ނޭޅެއެއްނު….ފަހުން ދާނީ…" އަމީން ލޯތްބާއެކު ބުންޏެވެ.

" ނޫން ބައްޕާ….އަހަރެން ބޭނުން މިހާރުދާން….." ޝައުން އާދޭސްކުރަން ފެށިއެވެ. އެންމެ ފަހުން އަމީންއަށް މަޖުބޫރުވެގެން ނަރުސް ކުއްޖަކަށް އެންގުމަށްފަހު ޝައުން ގޮވައިގެން އޮޕަރޭޝަން ތިޔޭޓަރ ކައިރީގައިވާ ވެއިޓިންގްރޫމަށް ދިޔައެވެ. އޭރު އެތާނގައި އަޒީފާއާއި އޭނާގެ ރަހުމަތްތެރިޔަކު ހުއްޓެވެ.

" ކޮބާ…އާޒިމްމެންގެ ޚަބަރަކީ؟…." އަޒީފާ ފެނުމާއެކު އަމީން އަހާލިއެވެ.

" އާޒިމް ދެންމެ ގުޅި… މިހާރު އެއާރޕޯޓުން މިކޮޅަށް އަންނަނީ…..އަދި އިރުކޮޅެއްވާނޭ ބުނި…" އަޒީފާ ޖަވާބުދިނެވެ.
" ދަރިފުޅާ….ދަރިފުޅު ކީއްކުރަން އެހާއަވަހަށް ތެދުވެގެން ތިއުޅެނީ…" އަޒީފާ އައިސް ޝައުންގެ އަތުގައި ހިފާލަމުން ކަންބޮޑުވެފައި ބުންޏެވެ.

" މަންމާ….ޑޮކްޓަރ ކީކޭ ބުނީ؟…ނާޒް ރަނގަޅުވާނެތަ؟…" ޝައުން ދެރަވެފައި އަހާލިއެވެ.

" ދަރިފުޅާ….އަދި ނޭނގެ ވާނުވާއެއް…..އަދި އޮޕްރޭޝަން ކުރިޔަށްދަނީ….ނިމުނީމައެއްނު އެނގޭނީ އެއްޗެއް ބުނަން….އިރާދަކުރެއްވިއްޔާ ނާޒް ރަނގަޅުވާނެ….އަހަރެމެން އެންމެން ދުޢާކުރީމަ ރަނގަޅުވާނެ…." އަޒީފާ ޝައުން ގެނެސް އޭނާގެ ގާތުގައި ބޭންދުމަށްފަހު ބުރަކަށީގައި ފިރުމާލިއެވެ.

*****
އިރުކޮޅެއްފަހުން އާޒިމްގެ ދެމަފިރިންނާއި އައިރާ އަދި ހާދީއާއި އާއިންވެސް އަތުވެއްޖެއެވެ. އެންމެންގެ މޫނުތަކުންވެސް އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ފަރަހަނާޒްގެ އެކްސިޑެންޓްގެ ޚަބަރު ލިބުނީއްސުރެ އާއިންގެ ތަބީއަތްވަނީ ގޯސްވެފައެވެ. ހާދީގެ ލޮލުންވެސް އެންމެ ހިނދުކޮޅަކުވެސް ކަރުނަ ނުހިކެއެވެ. އެހެންކަމުން އެދެމީހުންކުރެ މީހަކަށް ކަމެއްވެދާނެތީ އާޒިމްހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

" ބޮއްތާ އަހަރެންގެ ނާޒްއަށް ކިހިނެއްތަވީ؟…އަހަރެން ބުނީމެއްނު ނާޒް ރަނގަޅަށް ބަލާށޭ…ދެން ކީއްވެ ނާޒް އެކްސިޑެންޓްވީ….ކީއްވެ ބޮއްތަނުބެލީ؟.." ކުއްލިއަކަށް އަޒީފާގެ އަތުގައި ހިފާފައި އާއިން ޝަކުވާކުރަން ފެށިއެވެ.
" ކޮއްކޯ…ބޮއްތައަށް މާފުކުރޭ!….ބޮއްތައަށް ވައުދާ ޚިލާފުވެވުނީ….އެކަމު ބޮއްތަ ހިޔެއްނުކުރަން މިފަދަކަމެއްވާނެއެކޭ….ހަމަކުޑައިރުކޮޅަކަށް ގެއިން ބޭރަށްދިޔައީ…." އާއިންއަށް ވެފައިހުރިގޮތުން ދެރަވީވަރުން އަޒީފާއަށް ވަގުތުން ރޮވުނެވެ.

އާއިން ދެންވެސް ހުއްޓުމެއްނެތި ޝަކުވާކުރަމުން ދިޔައެވެ. ފަރަހަނާޒްގެ އެކްސިޑެންޓްގެ ޚަބަރު ލިބުނީއްސުރެ އޭނާގެ ހާލަކީ އެއީއެވެ. އަޒީފާގާތު ފަރަހަނާޒް ރަނގަޅަށް ބަލާށޭބުނެ އާދޭސްކޮށްފައި ދިއުމުންވެސް ފަރަހަނާޒްއަށް އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވީތީ އޭނާއަށް އެކަން ބަލައިނުގަނެވުނީއެވެ. އެހެންކަމުން އޭނާ ހުއްޓުމެއްނެތި އެޝަކުވާކުރަމުން ދިޔައެވެ. އެމަންޒަރު ފެނިފައި ޝައުންގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.'

އާއިންގެ ކިބައިން މާފަށް އެދެން އޭނާބޭނުންވިއެވެ. ނަމަވެސް އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާ މިހުރިހާ ދުވަހު ފަރަހަނާޒަށް ނަފްރަތުކުރިއެވެ. ފަރަހަނާޒް އާއިންގެ ހަޔާތުން ފޮނުވާލުމަށްޓަކައި ހިތާހިތުން އޭނާ ރޭވުންތައް ރޭވިއެވެ. ފަރަހަނާޒް މަރުވުމަށްވެސް އޭނާ އެތައްފަހަރަކު ބަދު ދުޢާކުރިއެވެ. މިއަދު ފަރަހަނާޒަށް އެޖެހުނީ އޭނާގެ ބަދު ދުޢާ ނޫންކަމެއްވެސް ނޭނގެއެވެ. މިއަދު ފަރަހަނާޒް މަރުވެއްޖެނަމަ އެކަމުގައި ޒިންމާވާން ޖެހޭނީ ޚުދު އޭނާއެވެ. އޭނާ ދުވަހަކުވެސް އޭނާގެ އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެއެވެ. ފަރަހަނާޒްގެ އަމިއްލަ ފުރާނަ ގުރުބާންކޮށްގެން ފަރަހަނާޒް އެވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްފައެވެ. އޭނާ މުޅިއުމުރަށް ފަރަހަނާޒަށް ދަރައިފިއެވެ.

އެކަމާ ވިސްނަމުން ދިޔަވަރަކަށް ޝައުންގެ ހިތުގައި ބިރުވެރިކަން ބޮޑުވަމުން ދިޔައެވެ. އޭނާގެ ލޮލުން އޮހެމުންދާ ކަރުނަ އިތުރުވަމުން ދިޔައެވެ. ލޭގެކޯރެއްގެ ތެރޭގައި ކަޅިވަމުންދިޔަ ފަރަހަނާޒްގެ ސޫރަ އޭނާލެ ލޯމަތީގައި ސިފަވުމާއެކު އަނެއްކާވެސް ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ޝައުން އަރިއަޅާލުމާއެކު ސިހިފައި އަޒީފާއަށް ހިފަހައްޓާލެވުނެވެ. ޝައުންގެ ޚަބަރު ހުސްވުމުން އަނެއްކާވެސް އޭނާ އެނދުމަތި ކުރެވުނެވެ.
*****
އިންތިޒާރުގެ ދިގު ވަގުތު ތަކަކަށްފަހު އޮޕަރޭޝަން ތިއޭޓަރުން ޑޮކްޓަރ ނުކުތެވެ. އަދި ފަރަހަނާޒްގެ ބެލެނިވެރިޔަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެއާއި އެކު އެންމެން އެއްފަރަހަނާ ޑޮކްޓަރގެ ގާތަށް ދިޔައެވެ.
" ޑޮކްޓަރ…އަހަރެންގެ ނާޒް….ނާޒްކޮބާ؟….އަހަރެން ދަރިފުޅު ކޮބާ؟…" އެންމެނަށްވުރެ ކުރިން އާއިން ހިތްއަވަސްވެފައި ސުވާލުކުރަން ފެށިއެވެ.
" އަހަރެންނަށް މާފުކުރޭ! ދަރިފުޅު ސަލާމަތެއްނުކުރެވުނު….މަންމަގެ ހާލުވެސް ވަރަށް ސީރިއަސް…ހޭއެރީމަ ނޫނީ އެއްޗެއް ބުނާކަށް ނޭނގޭނެ….ހިތްވަރުކުރޭ! ދުޢާކުރޭ!…." ޑޮކްޓަރ އާއިންއަށް ހިތްވަރުދިނެވެ.
ލިބުނު ހިތާމަވެރި ޚަބަރުން ހާދީއަށް ކެތްކުރަން އުނދަގޫވިއެވެ. ވަގުތުން އޭނާގެ ޚަބަރު ހުސްވެ އެނދުމަތިކުރަން ޖެހުނެވެ. އާއިންގެ މިޒާޖަށްވެސް ހަމަހިމޭންކަން ވެރިވެ ގަނބުވިއެވެ. އަޒީފާ ރޮއެ ރޮއެފައި އާއިންގާތު މާފަށްއެދި ހިތްވަރު ކުރުމަށް ބުނަމުން ދިޔައިރުވެސް އާއިންގެ އެއްވެސް ހަރަކާތެއްނެތެވެ. އޭނާ އެއިންގޮތަށް ބަހެއްވެސް ނުބުނެ ގަބުވެފައި އިނެވެ. އެހެން އިނދެގެން ފަރަހަނާޒްގެ ނަން ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. ފަރަހަނާޒް ދޫކޮށްލާފަ މާލެދެވުނީތީ އޭނާ އެކަމާ ހިތާމަކުރިއެވެ. އޭނާ ގާތުގައިހުރިނަމަ ކޮންމެ ހާލަކާއި ލައިގެންވެސް އޭނާ ފަރަހަނާޒް ސަލާމަތްކުރީހެވެ. ނަމަވެސް ދެންކުރާނީ ކީއްހެއްޔެވެ؟ އޭނާއަށްވެސް ވާންހުރިކަމެއް ނުހުއްޓުވޭނެ ނޫން ހެއްޔެވެ؟

ފަރަހަނާޒް ހޭއަރާނެ ކަމުގެ އިންތިޒާރުގައި ބާރަގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް އޭނާ ހެޔެއްނޭރިއެވެ. އެހެންކަމުން ފަރަހަނާޒް ކޯމާއަކަށް ދިޔައީކަމުގައި ޑޮކްޓަރ ބުންޏެވެ. އަދި ދެންއޮތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުން ކަމުގައިވެސް ބުންޏެވެ. ޑޮކްޓަރުންނަށްވެސް އިތުރަށް ކުރެވޭނެކަމެއް ނެތްކަމުގައި ބުންޏެވެ.

ޖެހިގެން އައިދުވަހު އުޝާއާއި އިޒްޔަން އަދި މާޒްވެސް ސިންގަޕޫރަށް އައެވެ. ހުރިހާ އެންމެންވެސް އާއިންއަށް ހަމްދަރުދީވެ ހިތްވަރު ދެމުން ދިޔައެވެ. ބޭބީ ނިޔާވި ނަމަވެސް ފަރަހަނާޒް ރަނގަޅުވާނެ ކަމުގައި ބުނެ އުއްމީދު އާކޮށްދެމުން ދިޔައެވެ. އެންމެންގެ ހެޔޮދުއާ އާއި ހިތްވަރުގެ ބަސްތަކުން އާއިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ފަރަހަނާޒް ގެއްލިދާނެ ކަމުގެ ބިރުވެރިކަންވެސް ހިތުގައި އޮތެވެ.

ފަރަހަނާޒްގެ ދަރިފުޅު ނިޔާވިކަމާއި، ފަރަހަނާޒް ކޯމާއަކަށް ދިޔަކަން އެނގުމުން ޝައުންގެ ހިތުގައިވާ ބިރުވެރިކަން ދެގުނައަށް އިތުރުވިއެވެ. ހަޤީޤަތުގައިވެސް އޭނާގެ ބަދުދުޢާގެ އަސަރު ފަރަހަނާޒަށްކުރީ ކަމުގައި ގަބޫލުކުރެވުނެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ބަޔާންކުރަންދަތި ތަކުލީފެއް ލިބުނެވެ. އޭނާގެ ކިބައިން ރޭގަނޑުގެ ނިންޖާއި ދުވާލުގެ ހަމަޖެހުން ގެއްލުނެވެ. ލޯމަރާލާ ކޮންމެ ފަހަރަކު، ލެއިން ފޯވެފައިވާ ފަރަހަނާޒް އޭނާގެ ލޯމަތީގައި ސިފަވަމުން ދިޔައެވެ.

އެހާދިސާއަށް ފަނަރަ ދުވަސްވެގެން ދިޔައިރުވެސް ފަރަހަނާޒް ހެޔެއްނޭރިއެވެ. ނަމަވެސް ފަރަހަނާޒަށް ލިބިފައިވީ ޒަޚަމްތައްވަނީ މުޅީންހެން ފަސޭހަވެއްޖެއެވެ. އެހެންކަމުން ހާލަތުވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ފަރަހަނާޒް ރަނގަޅުވާނެ ކަމުގެ އުއްމީދުވަނީ އާވެފައެވެ. މިހާރު ހަމައެކަނި ކުރެވޭ އިންތިޒާރަކީ ފަރަހަނާޒް ހޭއެރުމެވެ. އާއިންގެ މިޒާޖުވެސް މިހާރުވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެހެންކަމުން އާޒިމްގެ ދެމަފިރިންނާއި އައިރާއާއި އިޒްޔަންމެންވެސް އެނބުރި މާލެދިޔައެވެ.

ނަމަވެސް ޝައުންގެ ހާލަކަށް ބަދަލެއް ނާދެއެވެ. މިގޮތުގައި ރޭދުއާ ތަކުރާރުވާން ފެށުމުން ޝައުންގެ ތަބީއަތް މުޅިން ގޯސްވެ ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް އޭނާވިއެވެ. އާއިންގެ ހިތާމަވެރިމޫނު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އަސަރު ކުރެއެވެ. ފަރަހަނާޒްގެ ހާލު ބަލާލަން އޭނާ ކިތަންމެ ބޭނުން ނަމަވެސް ދާކަށްވެސް ނުކެރެއެވެ. އެކްސިޑެންޓަށްފަހު އޭނާއަށް ފަރަހަނާޒް ފެނުނީ އެންމެ ފަހަރަކުއެވެ. އެއަށްފަހު އޭނާގެ މިޒާޖު ކުރިޔަށްވުރެ ގޯސްވީއެވެ. ދަންވަރު ހޭލައިގެން ރުއިމާއި އިރުއިރުކޮޅުން ހޭނެތުމަކީ އާދައަކަށް ވެއްޖެއެވެ. އެންމެންވެސް ހީކުރީ އެކްސިޑެންޓްގެ ސަބަބުން ޝައުންއަށް ޝޮކެއްލިބުނީ ކަމުގައެވެ. އެހެންކަމުން ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ޝައުންއަށް ބޭސްކުރަން ފެށިއެވެ. ނަމަވެސް އޭނާއަކަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ. އެކަމުގެ ސަބަބުން އޭނާގެ ކިޔެވުމަށްވެސް ބުރޫއަރައިގެން ދިޔައެވެ.

ފަރަހަނާޒް ހޭއަރާނެ ދުވަހެއް ނޭނގުނު ނަމަވެސް، އެދުވަހެއްގެ އިންތިޒާރުގައި އާއިން މާލެނުގޮސް ސިންގަޕޫރުގައި މަޑުކުރިއެވެ. މުޅި އުމުރު އެގޮތުގައި ހޭދަކުރަން ޖެހުނު ނަމަވެސް އޭނާއަށް ފަރުވާލެއްނެތެވެ. އޭނާގެ މަސައްކަތާއި ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް ފަރަހަނާޒް މުހިއްމެވެ. އެހެންކަމުން ރޭދުވާ އޭނާ ހޭދަކުރަނީ ފަރަހަނާޒަށް ހެޔޮދުޢާ ކުރުމުގައެވެ. އޭނާއަށް ވިސްނެނީ ހަމައެކަނި ފަރަހަނާޒްއާމެދުގައެއް ނޫނެވެ. ޝައުންގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލާއިމެދު އޭނާ ވިސްނައެވެ. ޝައުން ހުންނަނީ މުޅީން ހަމަހިމޭންވެފައެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ރަނގަޅަކަށް ނުކައެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރި ތެރޭގައެވެ. އެކަމާ އަޒީފާއާއި އަމީންވެސް ނުހަނު ހިތާމަކުރެއެވެ.

" ދަރިފުޅާ….ދެން ތިގޮތަށް އަބަދު ކޮޓަރީގަ ނޯވެ…ގިނަގިނައިން ބޭރަށް ގޮސް އުޅެބަލަ! " ޝައުންގެ ހާލުބަލަން ކެތްނުވެގެން އެއްދުވަހަކު އަޒީފާ ބުންޏެވެ.

" މަންމާ….އަހަރެން ޔުނިވާރސިޓީއަށް ދާހިތެއް ނުވެޔޭ….އެއްވެސް މީހަކާ ބައްދަލު ކުރާހިތެއްވެސް ނުވޭ….ކިޔާވަކަށްވެސް ބޭނުމެއްނޫން…ނާޒް ރަނގަޅުވީމަ ނޫނީ އަހަރެންނަށް އެއްކަމެއްވެސް ރަނގަޅަކަށް ނުވާނެ…އަހަރެން ކިހިނެއް އެހާދިސާ ހަނދާން ނައްތާލާނީ މަންމާ…އަހަރެން އަބަދު ނާޒް ފެންނަނީ…ނާޒްގެ ބޭބީވެސް މަރުވީ އަހަރެންގެ ސަބަބުން…ނާޒް ބުނީމަވެސް އެދުވަހު ނުދެވުންނަމަ ކިހާ ރަނގަޅު" ޝައުން އަމިއްލަ ނަފްސު ކުށްވެރިކޮށްފައި އެތައްއިރަކު ރުޔެވެ. ޝައުންގެ ވާހަކަތަކަށް ދޭނެ ރައްދެއް އަޒީފާއަކަށްވެސް ނޭނގުނެވެ. އެހެންކަމުން މޮޅިވެގެން ހުރެ އޭނާ އެކޮޓަރިން ނުކުތެވެ.

އިއްތިފާގުން އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް އާއިންއަށް އިވުނެވެ. ޝައުން އަމިއްލަ ނަފްސު ކުށްވެރިކޮށްފައި ވާހަކަދެއްކި އަޑުއިވުމުން އާއިން ދެރަވިއެވެ. ޝައުންއަށް އެހާބޮޑު އަސަރެއްކޮށްގެން އެއުޅެނީ އެހެންވެގެންކަންވެސް އާއިންއަށް ވިސްނުނެވެ. އެހެންކަމުން އޭނާ ޝައުންއަށް ވިސްނައިދޭން ނިންމިއެވެ. ޝައުން ކޮޓަރީގައި ހިތާމަކުރަން އެހާލުގައި އޮއްވައި މީހަކު ދޮރު ހުޅުވާލި އަޑުއިވުނެވެ.

" މަންމާ ޕްލީޒް އަހަރެން ނުދާނަން އެއްވެސްތާކަށް…." އެތެރެއަށްވަނީ ކާކުތޯވެސް ބަލާނުލައި ޝައުން ބުންޏެވެ. އާއިން މަޑުމަޑުން އައިސް ޝައިންގެ މަގަތުން އެނދުގައި އިށީނެވެ.

" ޝައުން….ތިހެން ކޮޓަރިން ނުނުކުމެ އޮތަސް ވީކަމެއް ބަދަލެއްނުވާނެ…." ކުއްލިއަކަށް އާއިންގެ އަޑުއިވިފައި ޝައުން އެނބުރިލިއެވެ. އޭނާއާއި ދާދިގާތުގައި އިށީނދެލައިގެން އިން އާއިން ފެނިފައި އޭނާ އަވަސް އަވަހަށް ތެދުވެ އިށީނެވެ.
" ޝައުން…ވިސްނާލަބަ! އެއީ އަހަރެންގެ އަންހެނުން….އަހަރެންނާ ވަކިވެގެން ދިޔައީ އަހަރެން ދަރިފުޅު….ނާޒްއާ ނުލާ ދިރިއުޅޭނެ ގޮތެއް އަހަރެންގެ ޚިޔާލަކަށްވެސް ނުގެނެވޭ….އަހަރެންގެ ލޯބި….އަހަރެންގެ ދިރިއުޅުން…އެކަމުވެސް އަހަރެން މިހުރީ ކެތްކޮށްގެން….އަހަރެންނަށް އެނގޭ މިއީވެސް އިމްތިހާނެއްކަން….އެހާއަވަހަށް ނާއުއްމީދުވެ ދިރިއުޅުންމަތިން މާޔޫސްވާކަށް ނުވާނެ…އެއީ މުސްލިމުންގެ ގޮތެއްނޫން….އަހަރެންނަށް އެނގޭ ޝައުން ތިހުރީ ވަރަށް ދެރަވެފަކަން….އެހާދިސާ ލޮލުންދެކެފަ ހުރީތީ އެކަމާ ވިސްނޭނެކަންވެސް އެނގޭ….އެކަމު އެކަމުގަ ޝައުންގެ ކުށެއް ނެތެއްނު….ތަޤުދީރުގާ ރޭވިފައިވާކަމެއް ނުވެޔެއް ނުދާނެއްނު….އިންސާނުންނަށް އެއްވެސް ބާރެއް ލިބިގެންނުވޭ…އެހެންވީމަ އަމިއްލަ ނަފްސު ކުށްވެރިކޮށް ހިތާމަ ނުކުރޭ!..އަހަރެން ނޭދެން ޝައުންއަށް ދެރަގޮތެއްވާކަށްވެސް….އެދުވަހު އެހާދިސާގަ ޝައުންއަށްވެސް އެފަދަގޮތެއްވުމަކީ ދުރުގަ އޮތްކަމެއްނޫން…އެހެންވީމަ އެއްގޮތަކަށްވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ….އޭގެ ބަދަލުގަ ހެއްދެވި ފަރާތަށް ޝުކުރުވެރިވޭ ޝައުން ސަލާމަތްވީތީ…އަދި ނާޒްވެސް ދިރިއޮތީތީ…" އާއިން ޝައުންއަށް ވިސްނައިދިނުމުން ޝައުންގެ ކަރުނަތައް އިތުރުވިއެވެ. އަދިވެސް އޭނާއާމެދުގައި އާއިން ވިސްނާކަން އެނގުމުން އުފާވެސްވިއެވެ.

" އައިމް ސޮރީ އާން….އައިމް ރިއަލީ ސޮރީ…" ކުއްލިއަކަށް އާއިންގެ ގައިގާ އޮޅުލައިގެންފައި ޝައުން ރޯންފެށިއެވެ. އާއިން ޝައުންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މިވަގުތު ޝައުން ދުރުކުރާކަށް އޭނާވެސް ބޭނުމެއްނުވިއެވެ. ޚުދު އޭނާވެސްހުރީ މީހެއްގެ އެހީއަށް ބޭނުންވެފައެވެ. އާއިންގެ ހިމާޔަތް ލިބުމުން ޝައުން ހިތްފުރޭންދެން ރުޔެވެ. އާއިންވެސް ޝައުން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ކަރުނަޔަކީ ހިތަށް ލުއިކަން ގެނެސްދޭ އެއްޗެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ.

ނުނިމޭ