Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

ވަންޕްލަސް 7، ވަންޕްލަސް ޓީވީ މޮބައިލް ވާލްޑް ކޮންގްރެސްގައި ލޯންޗްކުރަނީ

މި ހިނގާ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބާސެލޯނާގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސް 2019 (އެމްޑަބްލިއުސީ) ގައި އަންޕްލަސްގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލާނެ އެވެ.

އެގޮތުން އެ ކޮންގްރެސްގައި ވަންޕްލަސްގެ އެންމެ ފަހުގެ ފޯން "ވަންޕްލަސް 7" އަދި "ވަންޕްލަސް ޓީވީ" ވެސް ލޯންޗްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ވަންޕްލަސް އިން ވަނީ އެ ކޮންގްރެސްގެ ކުރިން ބާއްވާ ބައްދަލުވުމަކަށް މީޑިއާއަށް ދައުވަތު އަރުވާފައެވެ. އެ ދައުވަތުގައި މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކޮންގްރެސްގައި 5ޖީ ސްމާޓްފޯނަކާއި "ވަންޕްލަސް ޓީވީ" ވެސް ލޯންޗްކުރާނެ އެވެ.

ވަންޕްލަސް 7

ވަންޕްލަސް 7ގައި ލޯންޗްކުރާނީ އާ ސްކްރީން އަދި ކެމެރާ ޑިޒައިން އަކާއެކު ކަމަށް ލަފާކުރެވެއެވެ. ލީކްކޮށްލާފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އޮނަރ މެޖިކްގައި ހުންނަ ގޮތަށް ވަންޕްލަސް 7ގައި ސްލައިޑަރ ޑިޒައިން އެއް ހިމަނާފައިވާއިރު، ހައި ކޮލިޓީގައި ނެޓްފްލިކްސް ފަދަ އެޕްލިކޭޝަންތައް ސްޓްރީމްކުރެވޭނެ ގޮތަށް އެ ފޯންގައި އެޗްޑީއާރް ސަޕޯޓް ވެސް ހިމެނޭނެ އެވެ.

އެ ފޯންގައި ކުއަލްކޮމް ސްނެޕްޑްރެގަން 855 ޕްރޮސެސަރ ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ސޮނީގެ އައިއެމްއެކްސް 586 ސެންސަރ ވެސް އެ ފޯންގައި ބޭނުންކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން މި ފޯންގައި ވޯޕް ޗާޖު 30 އަދި 5ޖީ ސަޕޯޓްވެސް ހިމެނޭނެ އެވެ.

ވަންޕްލަސް ޓީވީ

ވަންޕްލަސް ސީއީއޯ ޕީޓް ލާއު ވަނީ "ވަންޕްލަސް ޓީވީ" ލޯންޗް ކުރުމަށް ރާވަފައިވާ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ބުނެފައެވެ. ޕީޓް ބުނީ އެ ޓީވީގައި އެންމެ މަތީ ފެންވަރުގެ ޑިޒައިނާއި ފޮޓޯ އަދި އޯޑިއޯ ކޮލިޓީ ހިމެނޭނެ ކަމަށެވެ.

ވަންޕްލަސް އިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނަކީ "ވަންޕްލަސް 6ޓީ" އެވެ. އެ ފޯން ނެރެފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 08 ވަނަ ދުވަހު އެވެ.