Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

އިސްތާންބުލްގެ އިމާރާތެއް ވެއްޓި، ތިން މީހުން މަރުވެއްޖެ

މީހުން ސަލާމަތްކުރުމުގައި ރެސްކިއު ޓީމްތަކުން ޙަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓާސް

ތުރުކީގެ އެންމެ ގިނަ މީހުން ދިރިއުޅޭ އެއް ސިޓީ ކަމުގައިވާ އިސްތާންބުލްގެ އަށް ބުރީގެ އިމާރާތެއް ވެއްޓި ތިން މީހުން މަރުވި ހާދިސާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުންނެވެ.

27 އަހަރު ވެފައިވާ އެ އެޕާޓްމެންޓް ބްލޮކް އިއްޔެ ވެއްޓުނުއިރު، އިމާރާތް ދަށުގައި ތާށިވެފައި ތިބި މީހުންގެ ސީދާ އަދަދު އެނގިފައެއް ނުވެއެވެ.

އިސްތާންބުލްގެ ގަވަރުނަރު އަލީ ޔެލްލިކާޔާ ވިދާޅުވީ އެ އިމާރާތުގެ 14 އެޕާޓްމެންޓެއްގައި ޖުމްލަ 43 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި، އިމާރާތުގެ އެންމެ މަތީ ތިން ފަންގިފިލާ އަޅާފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

އެ ހާދިސާގައި މިހާތަނަށް 12 މީހުން ސަލާމަތްކޮށްފައިވާއިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުން ދަނީ ކުރަމުންނެވެ. ސަލާމަތްކުރި މީހުންގެ ތެރޭގައި ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ.

ކައިރި އިމާރާތްތައް ވެސް ހަލާކުވެފައި ހުރެދާނެތީ އެ އިމާރާތްތަކުން ވެސް މީހުން ވަނީ ހުސްކޮށްފަ އެވެ.

މި ހާދިސާ މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ރެސްކިއު އޮޕަރޭޝަންގައި އެހީތެރިވުމަށް ގިނަ ބަޔަކު ޖަމާވުމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން ވަނީ މިހާރު އެ ސަރަޙައްދު އެއްކޮށް ބަންދުކޮށްފައެވެ.