Last Updated: April 25, 09:40
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ހަތާވީސްވަނަބައި)

" އައިމް ސޮރީ އާން….އައިމް ރިއަލީ ސޮރީ…" ކުއްލިއަކަށް އާއިންގެ ގައިގާ އޮޅުލައިގެންފައި ޝައުން ރޯންފެށިއެވެ. އާއިން ޝައުންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މިވަގުތު ޝައުން ދުރުކުރާކަށް އޭނާވެސް ބޭނުމެއްނުވިއެވެ. ޚުދު އޭނާވެސްހުރީ މީހެއްގެ އެހީއަށް ބޭނުންވެފައެވެ. އާއިންގެ ހިމާޔަތް ލިބުމުން ޝައުން ހިތްފުރޭންދެން ރުޔެވެ. އާއިންވެސް ޝައުން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ކަރުނަޔަކީ ހިތަށް ލުއިކަން ގެނެސްދޭ އެއްޗެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ.
ރޮއެ ރޮއެ ހިތްފުރޭ ވަރުވުމުން ޝައިން އޭނާގެ ރުއިން ހުއްޓާލިއެވެ. އާއިންގާތު ކިތަންމެ ވާހަކައެއް އޭނާ ބުނަން ބޭނުމެވެ. އާއިންގެ ދަރިފުޅު މަރުވީ އޭނަ ސަލާމަތްކުރަން ފަރަހަނާޒް އުޅުމުން ކަމުގައިވެސް ބުނަން ބޭނުމެވެ. ނަމަވެސް އޭނާއަށް އެހައި ހިތްވަރެއް ނުލިބުނެވެ. އެކަން އެނގުމުން އާއިންއާއި އާއިލާގެ އެހެންމީހުންވެސް އޭނާދެކެ ރުޅިއަންނާނެވަރު ހިތަށް އެރުމުން އެވާހަކަ ބުނަން އޭނާއަށް ނުކެރުނީއެވެ.
" އެދުވަހު ޕާކަށްދާން ނުދެވުނު ނަމައޭ މިހާރު ހިތަށްއަރާ…" ކަރުނަ ފުލެލަމުން ޝައުން ބުނެލިއެވެ.
" ދެން އެވާހަކަ ހުއްޓާލާ….ހިނގާ ކޮފީއެއް ބޯލަންދާން.." ޝައުން ހަމައަކަށް އެޅުމުން އާއިން އެދުނެވެ. ޝައުން ފާޚާނާއަށް ވަދެ މޫނުދޮވެލައިގެން ބޭރަށް ނުކުތްއިރު އާއިން ކޮފީ ތައްޔާރު ކުރަނީއެވެ.
" އާދޭ….މިހާރު ނިމުނީއޭ މި…" ޝައުން ފެނުމުން އާއިން ބުނެލިއެވެ. ދެމީހުން އެކުގައި ކޮފީބޯން ތިބިއިރު، ގިނަ ވަގުތު ޝައުން އިނީ ހިމޭނުންނެވެ. އާއިން ޝައުންގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮށް ހެދިއެވެ. ދުވަސްތަކަކަށްފަހު ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކުރެވުމުން ދެމީހުންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔަވަރަކަށް އާއިންގެ އިންތިޒާރު ދިގުވަމުންދިޔައެވެ. އީމާންކަން ހިތުގައި ކިތަންމެ ވަރުގަދަ ނަމަވެސް އިންސާނުންނަކީ އެބައިމީހުންގެ ޒާތުގައި ބަލިކަށި ބައެކެވެ. ކޮންމެ ޖަޒްބާތަކާއެކު ބެހިގެންދާ ބައެކެވެ. އެހެންކަމުން ފަރަހަނާޒް ހޭނާރާ ގިނަދުވަސްވީވަރަކަށް އާއިންގެ ހިތުގައިވެސް މާޔޫސްކަމާއި ހާސްކަން އިތުރުވަމުން ދިޔައެވެ. އެހެންކަމުން ފަރަހަނާޒްގެ ހަނދާންތަކުން ހިތަށް ލިބޭ ތަކުލީފު ލުއިކުރުމަށްޓަކައި އޭނާ ޝައުންއާއެކު ގިނަ ވަގުތު ހޭދަކުރަންފެށިއެވެ. އާއިންއަށްވެސް އެކަމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބެއެވެ. އޭނާގެ ހިތުގެ ތަކުލީފުތައް ލުއިވެއެވެ. ނަތީޖާއަކަށްވީ އެދެމެދުގައި ހީނަރުވެފައިވާ ގުޅުން އަނެއްކާވެސް ރަނގަޅުވާން ފެށިއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ޝައުންއާމެދު އާއިންއަށް ކުރިއެކޭ އެއްގޮތަށް ގާތްކޮށް ކަންކަ ކުރެވެން ފެށިއެވެ. މިއަދު ޝައުންގެ އެހީތެރިކަން ނުލިބޭނަމަ، އޭނާ ޑިޕްރެޝަންއަކަށްވެސް ދިޔައީހެވެ.
އެކަމުގެ ސަބަބުން ޝައުންގެ ހިތަށް އުފާވެރިކަން ލިބުނު ނަމަވެސް ހަމައެވަރަށް އެހިތް ބިރުވެސްގަތެވެ. އޭނާ ކިތަންމެ ވަރަކަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނު ނަމަވެސް އާއިންއަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އާއިންގެ ގާތްކަން ލިބެންފެށުމުން އަނެއްކާވެސް އޭނާގެ ހިތް އާއިންއަށް ލެނބެންފެށިއެވެ. އާއިންއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވިއެވެ. ވޭތިވެދިޔަ ދުވަސްތަކުގައި އާއިން އޭނާއާ ދުރުވުމުން ޚުދު އޭނާވެސްވަނީ އާއިންއާ ނުލައި އުޅެން އާދަކޮށްފައެވެ. ނަމަވެސް އަނެއްކާވެސް އާއިންގެ ގާތްކަން ލިބެންފެށުމުން އޭނާގެ ހިތް އެކަމަށް ފަރިތަވެ، އާއިން ގެއްލިއްޖެނަމަ އެހިތަށް ދެން ލިބޭތަކުލީފު ކުރިއަށް ވުރެވެސް އިތުރުވެގެން ދާނެކަން އޭނާއަށް އެނގެއެވެ.
ފަރަހަނާޒް އެއީ އާއިންއާ އެކަށީގެންވާ މީހެއްނޫންކަމުގައި ކުރިން އޭނާ ބުނަމުން އައިނަމަވެސް، އެއީ ކޮންމެ ފިރިހެނަކު އެދޭނެފަދަ ރަނގަޅު ކުއްޖެއްކަން މިހާރު އޭނާއަށް ގަބޫލު ކުރެވެއެވެ. ނޫންނަމަ ފަރަހަނާޒްގެ ސަބަބުން މުޅި އާއިލާ ފުންހިތާމައަކަށް ނުވެއްޓޭނެއެވެ. އެހާދިސާގެ ފަހުން އޭނާއަށް ޚުދު އޭނާގެ މަންމަ މޫނުންވެސް އުފާވެރިކަމެއް ނުފެނެއެވެ. އާއިންގެ އާއިލާގެ އިތުރުން އޭނާގެ އާއިލާވެސް އެކަމުގެ ހިތާމަކޮށް ފަރަހަނާޒްގެ ރަނގަޅުކަމާއި ހެޔޮކަމުގެ ވާހަކަތައް ދައްކާފައި އެހަނދާން އާކުރެއެވެ. ފަރަހަނާޒްއާ ބެހޭގޮތުން އެމީހުންގެ ފުށުން އިވުނު ކޮންމެ ވާހަކައަކީ ރަނގަޅު ވާހަކައެކެވެ. ރެޔާއި ދުވާލު އާއިންގެ ދުލުން ފަރަހަނާޒްގެ ވާހަކަތައް އިވި އިވި އޭނާގެ ކަންފަތްވެސް މިހާރު އެކަމަށް ހޭނިއްޖެއެވެ. އާއިން ފަރަހަނާޒްދެކެ ވާލޯބި އަންދާޒާ ކުރެވުމުން، ފަރަހަނާޒް ނެތްދުނިޔެއެއްގައި އާއިން އުޅޭނެ ހާލު ހިތަށްއަރާފައިވެސް އޭނާ ބިރުގަތެވެ. މިފަދަ ޚިޔާލުތައް ކުރެވުނު ވަރަކަށް ޝައުންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވޭލެއް ބޮޑުވިއެވެ.

" އަހަރެން ކިހިނެއް ހަދާނީ؟…އާން ދުވަހަކުވެސް އަހަރެންނަށް މާފު ކުރާނެތަ؟…ނާޒް މަރުވެއްޖެނަމަ ކިހިނެއްވާނީ؟…ނޫން ނޫން….އަހަރެން މޮޔަވެދާނެ…" ނިދަން އޮވެގެން ޝައުން ވިސްނަމުން ދިޔައެވެ.
ފަރަހަނާޒް އެކްސިޑެންޓްވީ އޭނަ ސަލާމަތްކުރަން އުޅެނިކޮށް ކަމުގައި އެއްވެސް މީހަކު ގާތުގައި އޭނާ ނުބުނެއެވެ. އެހެންކަމުން އެކަކުވެސް އެހާދިސާގައި އޭނާ ކުށްވެރިއެއް ނުކުރެއެވެ. ނަމަވެސް އެދުވަހުގެ ހާދިސާ ހިނގީ އޭނާގެ އިހުމާލުން ކަމުގައި ގަބޫލުކުރެވި އެކަމުގެ ޒިންމާ ބޮލުގަ އަޅައިގެން އެގޮތަށް އުޅެންވުމުން ޝައުންގެ ނުހަނު ތަކުލީފު ލިބެމުން ދިޔައެވެ. އާއިންވެސް އޭނާއާ ހިތްހެޔޮކަމާއެކު ވާހަކަ އެދައްކަނީ އެކަން ނޭނގޭތީ ކަމުގައި އޭނާ ގަބޫލުކުރިއެވެ. އެހެންނޫންނަމަ އާއިން އޭނާއަށް ނަފްރަތު ކުރީހެވެ. ނަމަވެސް ފަރަހަނާޒް ހޭއަރާ ވަގުތުން ފެށިގެން އެކަން އާއިންއަށް އެނގޭނެއެވެ. އަދި އާއިން އޭނާދެކެ ރުޅިވެސް އަންނާނެއެވެ. އާއިންގެ ދަރިފުޅުގެ މަރުގެ ޒިންމާވެސް އޭނާ އުފުލަން ޖެހޭނެއެވެ. އެންމެންގެ ކުރިމަތީގައި އޭނާ ކުށްވެރިވާނެއެވެ. އެންމެންވެސް އޭނާއަށް ނަފްރަތު ކުރާނެއެވެ. ޝައުންގެ ހިތަށްއެރި އެއްޗެހި ގިނަކަމުން އޭނާގެ ބޯހާސްވާ ގޮތްވިއެވެ. އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
ޝައުން ވިސްނިވަރަކަށް އޭނާގެ ހިތަށް އުނދަގޫވުން ނޫންކަމެއް ނުވެއެވެ. ހިތުގެ ތަކުލީފުތަކަށް ލުއެއް ހޯދުމަށްޓަކައި އޭނާ އެހެންގޮތެއް ޚިޔާރުކުރިއެވެ. ކޮލެޖުގެ ކޮންމެވެސް ކަމެއްކަމުގައި ބުނެ އޭނާ ގިނަ ވަގުތު ގެއިން ބޭރުގައި އުޅެން ފެށިއެވެ. ގޭގައި އުޅޭ ވަގުތު ތަކުގައިވެސް އާއިންއަށް ނުފެނި ވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އާއިން އައިސް ކޮޓަރި ދޮރުގައި ޓަކިދިން ނަމަވެސް " ބިޒީ" ކަމުގައި ބުނެފައި ނުނިކުމެ ހުންނަން ފެށިއެވެ. ޝައުން މިގޮތަށް ކަންތައް ކުރަން ފެށުމުން އާއިންގެ އެކަނިވެރިކަން އިތުރުވާން ފެށިއެވެ. އޭނާއަށް ޝައުންގެ އެހީތެރިކަން ބޭނުންވެފައި ވާވަރު ޝައުންއަށް އިހުސާސް ނުކުރެވެނީބާއޭ ހިތަށްއަރައި ހިތާ ހިތާ ޝަކުވާވެސް ކުރެވެން ފެށިއެވެ.
ނަސީބު ދިމާކުރިގޮތުން ހަމަ އެދުވަސްކޮޅު އާއިންގެ މަންމައާއި ތޫބާ އަދި އަރްވިންވެސް ސިންގަޕޫރަށް އައެވެ. އެމީހުން ބޭނުންވީ ދުވަސްކޮޅަކު އާއިންގެ ގާތުގައި މަޑުކުރުމަށެވެ. އެކްސިޑެންޓްވީ ޚަބަރު ލިބުމުންވެސް އަރްވިން އާއިންއާއެކު އަންނަން އުޅުނެވެ. ނަމަވެސް އާއިން އެކަން މަނާކުރީއެވެ. އެހެންކަމުން އަރްވިން ދިޔައީ ފޯނުކޮށްގެން ބަރާބަރަށް އާއިންގެ ހާލުބަލަމުންނެވެ. ތޫބާވެސް ފަރަހަނާޒް ދެކޭހިތުން ކިޔާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އޭނާގެ ކިޔެވުމުގެ އެންމެ ފަހު ދުވަސްވަރުކަމުން ކިޔެވުން ދޫކޮށްފައި ނައުމަށް އާއިން އެދުނެވެ. ނަމަވެސް މިހާރު އެކަމަށް ހުރަހެއް ނެތުމުން އެމީހުން ބޭނުންވީ ސިންގަޕޫރަށް އައިސް އާއިންއާއެކު ދުވަސްކޮޅެއް ހޭދަކޮށްލުމަށެވެ. އެކަމުގެ ސަބަބުން އާއިންގެ އެކަނިވެރިކަން ފިލާދިޔައެވެ.
އާއިންގެ ހާލުބެލުމަށްޓަކައި އާޒިމް ދުވާލަކު އެތައްފަހަރަކު ގުޅައެވެ. އައިރާއި ޒާހިދާގެ އިތުރުން މާޒްވެސް އޭނާއަށް ވަގުތުވީ ވަރަކުން ގުޅާހަދައެވެ. އުޝާއާއި އިޒްޔަންވެސް އާއިންއާއި ފަރަހަނާޒްގެ ހާލުބަލައެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ޝައުންގެ އަޅާލުން ކުޑަކަން ފެނިފައި އާއިންގެ ހިތަށް ތަދުވިއެވެ. އެހާދިސާއަށް ކިރިޔާ މަހެއްވީއިރު، ޝައުން އެހާބޮޑަށް ބަދަލުވީތީވެސް އޭނާ އަޖާއިބުވެއެވެ. ނަފްސާނީގޮތުން ޝައުންއަށް ކުރި އަސަރުވެސް މުޅިން ފިލައިގެން ދިޔައީބާއޭވެސް އޭނާގެ ހިތަށްއަރައެވެ.
ނަމަވެސް އާއިންއަށް ނޭނގުނު ނަމަވެސް ޝައުން އަބަދުވެސް އާއިން އުޅޭ ނޫޅޭގޮތް ބަލައެވެ. ފަރަހަނާޒްގެ ހާލާމެދު ވިސްނައި ހިތާމަކުރެއެވެ. ރޭގަނޑުގެ އެތައްދަމެއް ނިދި ނަގާލާފައި ވިސްނާ ފިކުރުކުރަން އޮވެއެވެ. އާއިންއާއި ދުރުގައި އުޅެންވުމުން ހިތަށް ލިބޭ ހިތްދަތިކަމުން އެތައް ކަރުނައެއްވެސް އޮއްސައެވެ. ނަމަވެސް ބޭރުފުށުން އޭނާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. އެއްވެސްކަމަކާ ކަންބޮޑުވެގެން ނޫޅެއެވެ. އަދި އެކުވެރިންނާއެކު މަޖާކޮށް އުފާކުރެއެވެ. އޭނާ ހަމައަކަށް އެޅިފައިވުމުން އޭނާގެ މައިންބަފައިން އެކަމާ އުފާކުރެއެވެ.
އެހިތާމަވެރި ހާދިސާއަށް ހަމަސްވާން ގާތްވެފައިވަނިކޮށް ފަރަހަނާޒް ހޭއަރައި އާއިންގެ ދިގު އިންތިޒާރުގެ ނިމުން އައިސްފިއެވެ. އެންމެންވެސް އެކަމާ ނުހަނު އުފާކުރިއެވެ. ހުރިހާ އެންމެނަށްވުރެ އުފާވި މީހަކީ ޝައުންއެވެ. އޭނާހުރީ ފަރަހަނާޒް މަރުވެދާނެކަމުގެ ބިރުގައެވެ. ނަމަވެސް ފަރަހަނާޒް ހޭއެރުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި ހަމައެހެންމެ ބިރުވެރިކަމެއްވެސް ހިތުގައި އުފެދުނެވެ. އެންމެން ފަރަހަނާޒަށް ޒިޔާރަތްކުރަން ދިއުމުން އޭނާވެސް ދިޔައެވެ. ފަރަހަނާޒް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ހަނދާންތައްވަނީ ކޮންމެވެސް ވަރަކަށް އުނިވެފައެވެ. އެހެންކަމުން އެއްކޮށް ހަނދާންތައް އައިސް ހަމައަކަށް އެޅުމަށް ދުވަސްނަގާނެ ކަމުގައި ޑޮކްޓަރ ބުންޏެވެ. އެހާބޮޑު ހާދިސާއަކުން ފަރަހަނާޒް ސަލާމަތްވުން އެއީ ވަރަށް އަޖާއިބު ކަމެއްކަމުގައިވެސް ޑޮކްޓަރ ފާހަގަކުރިއެވެ.
ފަރަހަނާޒްގެ ހާލަތު ހަމައަކަށް އެޅޭންދެން އިތުރަށް ސިންގަޕޫރުގައި މަޑުކުރުމަށް އާއިން ބޭނުންވިއެވެ. އެހެންކަމުން އިތުރު އެއްމަސްވާންދެން އޭނާ ސިންގަޕޫރުގައި މަޑުކުރިއެވެ. ޑޮކްޓަރގެ ލަފާގެ މަތިން ފަރަހަނާޒްގެ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނެގޮތުގެ ޕްލޭންއެއް އާއިން ކަނޑައެޅިއެވެ. ފަރަހަނާޒްގެ ގައިގާ ވަރުޖެހި ނާރުތަކާއި މަސްތަކުގައި ވަރުޖެއްސުމަށްޓަކައި މާލީޝްކުރާނެގޮތްތައްވެސް އާއިން އިތުރަށް ދަސްކުރިއެވެ. އެއްމަސްވުމުން ޑޮކްޓަރުންގެ ލަފާގެ މަތިން އާއިން ފަރަހަނާޒް ގޮވައިގެން މާލެ އައެވެ.
**** ދެއަހަރު ފަސް***
އާއިން އޭނާގެ އޮފީހުގައި އަވަދިނެތި އުޅެމުންދަނިކޮށް އޭނާގެ ފޯނު ރިންގްވިއެވެ.
" ހެލޯ…މައި ލަވްލީ ވައިފް….މާބޮޑަށް މިސްވީތަ؟…" ފޯނު ނެގިގޮތަށް ހެވިލާފައި އާއިން އަހާލިއެވެ.
" މިއަދު ކާންވެސް ނާންނަނީތަ؟…މިހާރު ބަނޑުހައިވެގެން ހާންތިވެފައެއްނު ހުންނާނީ…" ފަރަހަނާޒް ބުނެލިއެވެ.
" ސޮރީ ބޭބީ….ހަމަ ބިޒީކަމުން ވަގުތެއް ނުވެގެން މިއުޅެނީ….އިރުކޮޅަކުން އެބަދާން…." އާއިން ސީރިއަސްވެފައި ބުނެލިއެވެ.
" އެންމެ ރަނގަޅު….އަވަހަށް އަންނާތި" ފަރަހަނާޒް އެހެން ބުނެފައި ފޯނު ބޭއްވިއެވެ.
އެއީ މިހާރު އާއިންއާއި ފަރަހަނާޒްގެ ދިރިއުޅުމުގެ އާދައެވެ. އާއިން އޮފީހުގައި އަވަދިނެތި މަސައްކަތްކުރަމުން ދިޔަނަމަވެސް އިރު އިރުކޮޅުން އޭނާ ފަރަހަނާޒްގެ ހާލުބަލައެވެ. ނުގުޅިއްޖެނަމަ މެސެޖަކުން ނަމަވެސް ވާހަކަދައްކާނެއެވެ. ހަމައެފަދައިން ފަރަހަނާޒްވެސް އިރުއިރުކޮޅުން އާއިންއަށް މެސެޖުކޮށްލައެވެ.
އާއިންގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ފަރަހަނާޒްވަނީ މުޅީން ހަމައަކަށް އެޅިފައެވެ. އެދެމީހުންގެ މެދުގައިވާ ލޯބިވަނީ ކުރިއަށްވުރެވެސް ފުންވެ ވަރުގަދަވެފައެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީނަމަވެސް، އެދިރިއުޅުމުގައި އަބަދުވެސް ހުސްކަމެއްވާކަމުގެ އިހުސާސް ދެމީހުންނަށްވެސް ކުރެވެއެވެ. އެއީ ދަރިޔަކު ނެތުމުގެ ހުސްކަމެވެ. ދަރިޔަކު ބޭނުންވެގެން ފަރަހަނާޒް އެތައް ފަހަރަކު އާއިންއާ ވާހަކަވެސް ދައްކައިފިއެވެ. މިހުރިހާ ދުވަހު އާއިން އެކަމަށް އިންކާރު ކުރަމުން އައީ، ދަރިޔަކު ހޯދާވަރަށްވުރެ ފަރަހަނާޒްގެ ހަށިގަނޑު އަދި މާނިކަމެތި ކަމުގައި ބުނަމުންނެވެ. އެހާދިސާގެ ސަބަބުން ފަރަހަނާޒަށް ލިބުނު ޒަޚަމްތައް ފަސޭހަވީނަމަވެސް އަދިވެސް ސިއްޚީގޮތުން ފަރަހަނާޒް ބަލިކަށިކަމުގައި ބުނެ އާއިން ވިސްނައިދެމުން ދިޔައެވެ. ފަރަހަނާޒްވެސް އެވާހަކަތައް ގަބޫލުކުރިއެވެ. ނަމަވެސް ތޫބާއަށް ދަރިޔަކު ލިބުމުން މާބޮޑަށް ފަރަހަނާޒް ދަރިޔަކު ހޯދާހިތްވިއެވެ.
އެންމެފަހުން އާއިންއަށް އެކަމުގެ އަސްލު ހަޤީޤަތް ފަރަހަނާޒަށް ކިޔައިދޭން މަޖުބޫރުވިއެވެ. އެކަން އެނގުމުން ފަރަހަނާޒް އިންތިހާއަށް ދެރަވިއެވެ. ކައިވެނީގެ ކުރިން ވިސްނަންވާވަރަށް ނުވިސްނުނީތީ އަމިއްލަ ނަފްސުވެސް ކުށްވެރިކުރިއެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ؟ އާއިންއާ ވަކިވެވޭވަރަށްވުރެ ބޮޑަށް އޭނާއަށްވަނީ އާއިންދެކެ ލޯބިވެވިފައެވެ.
" އާއިން…އަހަރެންނަށް އެނގޭ އާއިންވެސް ދަރިޔަކު ބޭނުންވާނެކަން….އާއިންގެ މައިންބަފައިންވެސް ބޭނުންވާނެއްނު އާއިންއަށް ދަރިޔަކު ލިބޭތަން ދެކެން….އެހެންވީމަ އާއިން އެހެންމީހަކާ ކައިވެނިކުރަންވީނު…" އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން ފަރަހަނާޒް އާއިންގެ ގާތުގައި ބުންޏެވެ.
" ނާޒް…ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟….އަހަރެން އެކަނިތަ ދަރިޔަކު ބޭނުންވާނީ؟…ނާޒް ބޭނުމެއްނުވޭތަ؟….ނާޒްގެ ބައްޕަ ބޭނުމެއްނުވާނެތަ؟…އަހަރެން ނާޒްގާތު އެހެންމީހަކާ ކައިވެނިކުރާށޭ ބުނެފިނަމަ ނާޒް އެކަމާ އެއްބަސްވާނަންތަ؟" ފަރަހަނާޒްއާ ހަތަރުކަޅި ހަމަކޮށްލަމުން އާއިން ކޮށްލި ސުވާލުން ފަރަހަނާޒް ހިމޭންވިއެވެ.
އާއިން އެބުނީ ތެދެކެވެ. އޭނާވެސް ދަރިޔަކު ބޭނުންވެއެވެ. އޭނާއަށްވެސް އެހެންމީހަކާ ކައިވެނި ކޮށްގެން ސިއްޚަތު ރަނގަޅު ދަރިޔަލު ލިބުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އޭނާއަށް އާއިންނޫން މީހަކާމެދު އެފަދަ ނަޒަރަކުން ދުވަހަކުވެސް ނުދެކެވޭނެއެވެ. އެނޫން މީހަކުދެކެ ލޯތްބެއްވެސް ނުވެވޭނެއެވެ.
" ކިހިނެއްވީ؟…ކީއްވެ އެއްޗެއް ނުބުނީ؟.." ފަރަހަނާޒް ހިމޭނުން އިނުމުން އާއިން އަހާލިއެވެ.
" އަހަރެންނަށް އާއިންއާ ވަކިން ނޫޅެވޭނެ…." އިސްޖަހައިގެން އިނދެ ރޮވިފައިވާ އަޑަކުން ފަރަހަނާޒް ބުންޏެވެ.
" އަހަރެންނަށްވެސް ނާޒްއާވަކީން އުޅެވިދާނެހެން ހީވޭތަ؟…" ފަރަހަނާޒްފެ އަތުގައި ހިފާލައިގެން އިނދެ އަހާލިއެވެ.
" އެކަމު އާއިންއަށް ދެއަންބަށްވެސް މީހަކާ އިނދެވިދާނެއްނު…އޭރުން އާއިންއަށް ދަރިޔަކު ލިބިދާނެއްނު….އާއިންގެ ދަރިޔަކީ އަހަރެންގެވެސް ދަރިޔެއްގެ ގޮތުގައި ދެކިގެން އުޅެފާނަމޭ….އަހަރެން ބޭނުމީ ދަރިޔެއް…" ފަރަހަނާޒް އާދޭހުގެ ގޮތުގައި ބުނެލިއެވެ.
" ނާޒް…އާދޭސްކޮށްފަ ބުނަން..ތިކަހަލަ ވާހަކަ ނުދައްކަބަލަ! ނާޒް ދަރިޔަކު ބޭނުންވާ ވަރުން ތިހެން ބުންޏަސް….އަހަރެން އެހެންމީހަކާ އިނދެފިނަމަ ނާޒް ދެރަވާނެ ވަރުވެސް އަހަރެންނަށް އެނގެއޭ….އަހަރެން ބޭނުމެއްނޫން ނާޒްއަށް ކުޑަނަމަވެސް ހިތާމައެއްދޭކަން….މިހާރުވެސް ނާޒް ކިހާވޭނެއް އުފުލައިފި…ދެން އިތުރަށް ތަކްލީފެއް އުފުލާތަން ދެކޭކަށް ބޭނުމެއްނޫން…..ދެން ތިވާހަކަ ނުދައްކައްޗޭ!…ދަރިޔަކު ނެތްނަމަވެސް ނާޒް އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން….އަހަރެމެން ނޫނަސް ދަރިން ނުލިބޭ ކިތަންމެ ބަޔަކު އެބަތިބި މިދުނިޔޭގަ….ހަމައެގޮތަށް ޔަތީމު މިސްކީން ކިތަންމެ ކުދިންނެއް މިދުނިޔޭގަ އެބައުޅޭ…އެއިން ކުއްޖަކު އެޑޯޕްޓް ކުރިޔަސް ދަރިޔަކު ލިބުނީނު…" އާއިން ފަރަހަނާޒަށް ވިސްނައިދިނެވެ.
އެހެންކަމުން ފަރަހަނާޒް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. އާއިން ބުނިފަދައިން ޔަތީމު ކުއްޖެއްގެ މަންމައަކަށް ވުމަށް އޭނާ ތައްޔާރުވިއެވެ.

ނުނިމޭ