Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

2020 ވަނަ އަހަރުގެ އޮލިމްޕިކްގެ މެޑަލް ފަރުމާކުރުމަށް އުކާލެވޭ އިލެކްޓްރޯނިކްސް ބޭނުންކުރަނީ

އޮލިމްޕިކްސްގައި އަންހެން އެތުލީޓެއް މެޑަލްއަކާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް

ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން، ޖަޕާނުން ކުރިއަށް އޮތް 2020 ވަނަ އަހަރުގެ އޮލިމްޕިކްގެ މެޑަލްތައް ފަރުމާކުރުމަށް އުކާލާފައި ހުންނަ ސްމާޓްފޯނާއި ލެޕްޓޮޕްގެ އިތުރުން އެހެނިހެން ގެޖެޓްސްތައް ބޭނުންކުރާނެއެވެ.

ޓޯކިއޯގެ އޮލިމްޕިކްގެ ކޮމިޓީއިން ދާދިފަހުން ވަނީ މިކަމަށް ބޭނުންވާ ގާތްގަނޑަކަށް 48،000 ޓަނުގެ އިލެކްޓްރޯނިކް ކުނި އެއްކުރެވިފައިވާކަމަށް ބުނެފައެވެ.

އެ ކޮމިޓީ އިން ހާމަކުރިގޮތުގައި ލޯ މެޑަލް ތައްޔާރުކުރުމަށް ބޭނުންވާ 2،700 ކިލޯ (ގާތްގަނޑަކަށް 5،950 ޕައުންޑް) ގެ ތަކެތި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކުރެވުނުއިރު ރަން މެޑަލް ހެދުމަށް ބޭނުންވާ ތަކެތީގެ 30.3 ކިލޯގެ ތެރެއިން 93.7 އިންސައްތަ މިހާތަނަށް ހޯދިފައިވާކަމަށްވެއެވެ. މީގެއިތުރުން، ރިހި މެޑަލް ތައްޔާރުކުރުމަށް ބޭނުންވާ 4،100 ކިލޯގެ ތެރެއިން 85.4 އިންސައްތައިގެ ތަކެތި އެއްކޮށްފައިވެއެވެ. އެގޮތުން، އެ ކޮމިޓީއިން މިހާތަނަށް ބޭނުންނުކޮށް އުކާލާފައިވާ 5 މިލިއަނަށްވުރެ ގިނަ ޑިވައިސް އެއްކުރެވިފައިވެއެވެ. މިއީ ގާތްގަނޑަކަށް 3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ދަގަނޑެވެ.

މީގެތެރެއިން ގިނަ ގެޖެޓްސްތައް ހަދިޔާކޮށްފައިވަނީ ޖަޕާނުގައި ހުންނަ އެންޓީޓީ (ދަ ނިޕޯން ޓެލެގްރާފް އެންޑް ޓެލެފޯން ކޯޕަރޭޝަން) ގެ ސްޓޯރުތަކުންނެވެ. މީގެއިތުރުން، ޕޯސްޓް އޮފީސްތަކާއި އާއްމު ތަންތަނުންވެސް ވަނީ ބައެއް ތަކެތި ލިބިފައެވެ. 2020 ވަނަ އަހަރުގެ އޮލިމްޕިކްގައި ބޭނުންކުރާ ރަން މެޑަލް އަދި ރިހި މެޑަލް ފަރުމާކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާތަނަށްއައިއިރު އެއްކުރެވިފައިނުވީ ނަމަވެސް ޓޯކިއޯއިން ގަބޫލުކުރާގޮތުގައި މި އަހަރުގެ މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ކުރީން އެ ކޮމިޓީގެ އަމާޒަށް ވާސިލްވެވޭނެއެވެ.

އެންމެ ފަހުން ބްރެޒިލްގެ ރިއޯ ގައި ބޭއްވުނު 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބޭނުންކުރުމަށް ފަރުމާކުރި 900 މެޑަލްގެ ބަރުދަނުގައި ގާތްގަނޑަކަށް 500 ކިލޯ ހުއްޓެވެ. އައިއޯސީ (އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ) އިން ބަލާ މިންގަނޑުގެ ދަށުން އޮލިމްޕިކްސްގައި ބޭނުންކުރާ ރަން މެޑަލްގައި މަދުވެގެން 6 ގްރާމްގެ ރަނުގެ އިތުރުން 92.5 އިންސައްތައިގެ ރިހި އެކުލެވިގެންވާންޖެހެއެވެ. މިދިޔަ އަހަރު ބޭއްވުނު ޕިޔޮންޗޭން އޮލިމްޕިކްސްގައި ބޭނުންކުރި ރަން މެޑަލެއްގެ އަގު ހުރީ ގާތްގަނޑަކަށް 570 އެމެރިކާ ޑޮލަރުގައެވެ.

ބެލެވޭގޮތުގައި، ޓޯކިއޯގެ އޮލިމްޕިކް ކޮމިޓީން 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބޭނުންކުރާ މެޑަލްތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގައި ދައްކާލާނެއެވެ.