Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ޑިޒްނީ އިން "ޑަމްބޯ"ގެ އާ ޓްރެއިލާއެއް ނެރެފި

1941 ވަނަ އަހަރު ވޮލްޓް ޑިޒްނީ އިން އުފެއްދި ކާޓޫނެއް ކަމުގައިވާ "ޑަމްބޯ"ގެ ލައިވް އެކްޝަން ރީމޭކްގެ މުޅިން އާ ޓްރެއިލާއެއް ނެރެފި އެވެ.

ޓިމް ބާޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމް އަންނަ މާޗު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމްގައި ޑަމްބޯ އަށް އަޅާލާ ދެ ކުޑަކުދިންގެ ރޯލުން ނިކޯ ޕާކާ އާއި ފިންލީ ހޮބިންސް ފެނިގެންދާނެ އެވެ.

އަލަށް ނެރުނު ޓްރެއިލާއިން ފެނިގެންދަނީ ޑަމްބޯ އުފަންވުމާއި ގުޅިގެން ދިމާވާ ކަންތައްތަކެވެ. އެގޮތުން ޑަމްބޯ ފެނުމާއެކު ރިންގްމާސްޓަރ މެކްސް މެޑިޗީ (ޑެނީ ޑެވިޓޯ) ބުނަނީ ޑަމްބޯގެ ސިފައަކީ ހަމައެކަނީ އުފަން މަންމައަށް ލޯބިވެވޭނެ ކަހަލަ މޫނެއް ކަމަށެވެ. އޭނާ އެހެން ބުނަނީ ޑަމްބޯ ގައިގައި އާދަޔާ ޚިލާފަށްވުރެ ބޮޑު ދެ ކަންފަތް ހުންނާތީ އެވެ.

މެކްސް މެޑިޗީ ދެން ހޮލްޓް ފޭރިއަރ (ކޮލިން ފެރެލް) ގާތު ބުނަނީ ޑަމްބޯގެ އެ ދެ ކަންފަތް ނުފެންނަ ގޮތަށް ހެދުމަށެވެ. ޓްރެއިލާ އިން ދެން ފެނިގެންދަނީ ބޮޑު ދެ ކަންފަތުގެ އެހީގައި ޑަމްބޯ އަށް އުދުހެވޭކަން އެނގިގެންދާ މަންޒަރާއި، ޑަމްބޯ ސާކަސްގައި މަޝްހޫރުވެގެންދާ ކަމެވެ.

"ޑަމްބޯ" އިން މައިކަލް ކީޓަން އާއި އީވާ ގްރީން ވެސް ފެނިގެންދާނެ އެވެ.

މި ފިލްމަކީ ޑިޒްނީ އިން މި ފަހަކަށް އައިސް އުފައްދަމުން އަންނަ ލައިވް-އެކްޝަން ރީމޭކްތަކުގެ ތެރެއިން އެއް ފިލްމެވެ. މީގެ ކުރިން މަޝްހޫރު ދެ ކާޓޫނު ކަމުގައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "ދަ ޖަންގަލް ބުކް"ގެ ލައިވް އެކްޝަން ރީމޭކް ވެސް ޑިޒްނީ އިން އުފައްދާފައިވާއިރު، "ދަ ލަޔަން ކިންގް" އާއި "ދަ ލިޓިލް މާމެއިޑް" އަދި "މުލާން"ގެ ލައިވް އެކްޝަން ފިލްމްތައް ވެސް ޑިޒްނީ އިން ދަނީ އުފައްދަމުންނެވެ.