Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް ރެއާލް ދެވަނަ އަށް

އެތުލެޓިކޯ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޑްރިޑް ޑާބީގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ވާދަވެރި ރެއާލް މެޑްރިޑް ލީގުގެ ދެވަނަ އަށް ޖެހިލައިފިއެވެ. ރެއާލުން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

މި ނަތީޖާއާއެކު ރެއާލަށް ދެވަނަ ލިބުނީ 24 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުން ބަލިވި އެތުލެޓިކޯ ވަނީ 44 ޕޮއިންޓާއެކު ތިންވަނަ އަށް ވެއްޓިފައެވެ. ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

އެތުލެޓިކޯ އިން މި މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، މި މެޗުގެ ފުރަތަމަ އެގާރައިގައި ޑިއޭގޯ ގޮޑިން އާއި ސައުލް ނިގުއޭޒް ވަނީ ހިމަނާފައެވެ.

ރެއާލުން މި މެޗަށް ނިކުތްއިރު އެންމެ ފަހުން ބާސެލޯނާ އާ ދެކޮޅަށް ކޮޕާ ޑެލް ރޭ ގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ކުޅުނު ޓީމަށް ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ މެޗުގައި ކުޅުނު މާސެލޯ އާއި މާކޮސް ލޮރެންޓޭގެ ބަދަލުގައި ސާޖިއޯ ރެގުއިލޯން އާއި ކަސެމީރޯ އަށް ވަނީ ފުރުޞަތު ދީފައެވެ. ކުރީ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ކޭލޯ ނަވާސްގެ ބަދަލުގައި މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ތިބައުޓް ކޯޓުއާ އަށެވެ.

އެތުލެޓިކޯގެ ލޫކަސް ހެނާންޑޭޒް (ކ) އަތުން ބޯޅަ ހޯދަން ރެއާލްގެ ލޫކަސް ވަޒްކޭޒް (ވ) މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ

އެތުލެޓިކޯގެ ވެންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ރެއާލުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މިލަނޑުޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މިއީ އެތުލެޓިކޯގެ ޕެނަލްޓީއޭރިޔާތެރެއިން ބައިސިކަލް ކިކަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެ ޓީމުގެ އެންހެލް ކޮރެއާ ދިން ރީތި ޕާހަކުން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ.

ރެއާލަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މިއީ އެ ޓީމުގެ ވިނީޝިއަސް ޖޫނިއާ އަށް އެތުލެޓިކޯގެ ހޯސޭ ގިމެނޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ހާފު ނިމުނީ 2-1 އިން ރެއާލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

އެތުލެޓިކޯ އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

އޭގެފަހުން، ރެއާލްގެ ޕެނަލްޓީއޭރިޔާގެ ކަނާތްފަރާތުގައި ހުރެ އެތުލެޓިކޯގެ ގިމެނޭޒް ފޮނުވާލި ބޯޅައެއް ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ.

މި މެޗުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ގަރެތު ބޭލް އެވެ. މިއީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ލޫކާ މޮޑްރިޗް ދިން ރީތި ޕާހަކުން ބޭލް ކާމިޔާބުކުރި ގޯލެކެވެ. މިއީ ރެއާލަށް އޭނާ ޖަހައިދިން 100 ވަނަ ގޯލެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، އެތުލެޓިކޯގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެލްޓާ ވިގޯ އަތުން 3-1 އިން ގެޓަފޭ މޮޅުވިއިރު އެސްޕަންޔޯލް ވަނީ 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފައެވެ. ޖިރޯނާ އާ ދެކޮޅަށް ހުއެސްކާ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ.