Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ބޯންމައުތު ބަލިކޮށް ލިވަޕޫލް އަލުން އެއްވަނަ އަށް

ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނުމަށްފަހު މުހައްމަދު ސަލާހް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. ލިވަޕޫލް މޮޅުވީ 3-0 އިންނެވެ.

ލީގުގައި ބުދަ ދުވަހުގެ ރޭ އެވަޓަން އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ވަނީ އެއްވަނަ އަށް އަރައިފައެވެ. އެކަމަކު ލިވަޕޫލް ރޭގެ މެޗުން މޮޅުވުމުން އެ ޓީމަށް އަލުން އެއްވަނަ ލިބުނީ 26 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސިޓީ އަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ބޯންމައުތުގެ ރަޔާން ފްރޭޒާ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

އޭގެފަހުން، ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހު އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ދެ ހަމަލާގެވެސް ހުރަހަކަށްވީ ބޯންމައުތުގެ ގޯލްކީޕަރު އާޓާ ބޮރުޗް އެވެ.

ބޯންމައުތު އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި މެޗުގައި ލިވަޕޫލަށް ލީޑްނަގައިދިނީ 24 ވަނަ މިނެޓުގައި ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ޖޭމްސް މިލްނާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް މާނޭ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ސްކޮޓްލަންޑްގެ ފުލްބެކް އެންޑްރޫ ރޮބަޓްސަން ދިން ބޯޅައަކުން ހޮލެންޑްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިންއިރު، މި ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ ލީޑް އިތުރަށް ފުޅާކުރުމަށް ސަލާހު އާއި ވައިނަލްޑަމް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ސަލާހު އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ. މި ވަގުތު ޕްރިމިއާ ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް އޭނާ އެވެ.

މި ހާފުގައި ލިވަޕޫލްގެ ލީޑް ފުޅާކުރުމަށް ސަލާހު އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު އޭގެފަހުން އެ ޓީމުގެ ފިރްމީނޯ އާއި ޓްރެންޓް އަލެގްޒެންޑާ އާނޯލްޑް ފޮނުވާލި ހަމަލާތައް ބޯންމައުތުގެ ކީޕަރު ބޮރުޗް މަތަކުރިއެވެ.

ހަޑަސްފީލްޑްގެ އާރޮން މޫއީ (މ) ބޮލުން ފޮނުވާލި ބޯޅައެއް އާސެނަލްގެ ލޯރެން ކޮޝިއެލްނީ (ކ-2) ދިފާއުކުރަން މަސައްކަތްކުރަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލް ވަނީ އެންމެ ފުލުގައި އުޅޭ ހަޑަސްފީލްޑް ޓައުން 2-1 އިން ބަލިކޮށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން ރަށުން ބޭރުގައި ފުރަތަމަ މޮޅު ހޯދައިފައެވެ.

ހަޑަސްފީލްޑްގެ ޖޯން ސްމިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލަށް ލީޑް ނަގައިދިނީ ސެއަދު ކޮލާސިނަޗް ނަގައިދިން ހުރަހަކުން އަލެކްސް އިވޯބީ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް، އަލެކްސެންޑަ ލަކަޒޭ ވަނީ އާސެނަލަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުނުއިރު 2-0 އިން އާސެނަލް ކުރީގައިއޮތްއިރު، މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުގައި ހަޑަސްފީލްޑުން ގޯލެއް ކާމިޔާބުކުރިއެވެ. މިއީ އާސެނަލްގެ ކޮލާސިނަޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ކާޑިފް ސިޓީ ވަނީ 2-1 އިން ސައުތުހެމްޕްޓަން ބަލިކޮށްފައެވެ. އެވަޓަން އަތުން 1-0 އިން ވަޓްފޯޑް މޮޅުވިއިރު ރޭގެ މެޗަށް ނިކުތްއިރު ތާވަލްގެ 18 ވަނައިގައި އޮތް ބާންލޭ ވަނީ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން މޮޅުވެ 15 ވަނަ އަށް ޖެހިލައިފައެވެ.