Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

ބަޔާން މޮޅުވެ ޑޯޓްމަންޑްގެ ލީޑު ކުޑަކޮށްފި

ރޮބަޓް ލެވެންޑޯސްކީ

ޖަރުމަނު ލީގުގައި ރޭ ޝާލްކޭ އަތުން 1-3 އިން މޮޅުވެ، ބަޔާން މިއުނިކުން ލީގުގެ އެއްވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑްގެ ލީޑު ކުޑަކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގަިއ ބަޔާން އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ޝާލްކޭގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 25 ވަނަ މިނެޓްގައި އަހުމަދު ކުޗޫ ޝާލްކޭ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އޭގެ ދެ މިނެޓްފަހުން ރޮބަޓް ލެވެންޑޯސްކީ ވަނީ ބަޔާނަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ. އަދި މި މެޗުން ބަޔާނަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގްނެބްރީއެވެ.

މި މެޗުން ބަޔާން މޮޅުވުމުން ލީގުގެ އެއްވަނައިގައި އޮތް ޑޯޓްމަންޑްގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފައެވެ. ލީގުގައި ރޭ ޑޯޓްމަންޑާއި ހޮފެންހެއިމް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ޑޯޓްމަންޑް ލީގުގެ އެއްވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 45 ޕޮއިންޓާއެކު ބަޔާން އޮތްއިރު، ތިން ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ބްރޫޝިއާ މޮންގްލަޑްބެކް އެވެ. ހަތަރު ވަނައިގައި ރެޑްބުލް ލީޕްޒިގް އޮތްއިރު، ފަސްވަނައިގައި އޮތީ ފްރެންކްފާޓްއެވެ.