Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ ފަށައިފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ - ރައީސް އޮފީސް

އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވާ ދެއްވައިފިއެވެ.

މިއަދު ފެށުނު މި މަހާސިންތާ ފައްޓަވާ ދެއްވުމުގެ ގޮތުން ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާފައިވާއިރު އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލަރުން ހިއްސާ ކުރައްވާ ދަތިތަކުގެ ވާހަކައަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ކައުންސިލަރުން އަތޮޅެއް ސިޓީއަކަށް ބަދަލުވާ ގޮތާއި ބަދަލުވުމުން ވާން ޖެހޭ ގޮތުގެ ވާހަކަ އައްސަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިޓީއަކަށް އަތޮޅެއް ވަނީ ހަމައެކަނި އާބާދީއަށް ބަލާފައިތޯ އާއި ސިޓީއަކަށް ބަދަލުވުމުން ކައުންސިލަށް އަންނަން ޖެހެނީ ކޮންކަހަލަ ބަދަލުތަކެއްތޯ އަދި މޭޔަރު ހޮވާނީ ކިހިނެއްތޯ، މިފަދަ ސުވާލުތަކަކީ އެމަނިކުފާނާ ކުރެވުނު ސުވާލުތައް ކަމަށާއި މި މަހާސިންތާގައި ކައުންސިލަރުން މިސުވާލުތަކުގެ ޖަވާބު، މަޝްވަރާ ކޮށްގެން ހޯއްދެވުމަށް ރައީސް ލަފާ އެރުވިއެވެ.

ދިވެހި ރާއްޖޭގައި ލާމަރުކަޒީ ގާނޫނެއް ހެދިފައިވި ނަމަވެސް އެހެން ބައެއް ގާނޫނު ތަކުގެ ސަބަބުން ފުރިހަމަ ގޮތުގައި ލާމަރުކަޒީ ނިޒާމެއް ގާއިމުވެފައި އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ގާނޫނުތައް އިސްލާހުކުރުމަށް ހުށައެޅުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށާއި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރައްވާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރަނގަޅު ލާމަރުކަޒީ ނިޒާމެއް ގާޢިމް ވެފައި އޮތްނަމަ އަތޮޅުތެރޭގެ ރައްޔިތުން ދަތުރު ހަދައިގެން މާލެ އަންނަން ނުޖެހޭނެ ކަމަށާއި އެކަމަށް ނިމުމެއް ގެނައުމަށް އަމާޒު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ރާއްޖޭގެ ތިން ސަރަހައްދުގައި ތިން، ޓާޝަރީ ހޮސްޕިޓަލް އަޅައި، އަތޮޅު ތެރެއިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.