ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ޕާސަނަލް ލޯނުގެ އަދަދު ތިން ލައްކަ ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ބޭންކުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯނުގެ އަދަދު ބޮޑުކުރިން ހާމަ ކުރައްވާފައިވަނީ ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް މރ. ކުލްދީޕް ޕަލިވާލް އާއި ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުލްދިފު ވިދާޅުވީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަބަދުވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭންކުގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުންދާ ކަމަށެވެ.
" ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުން. މިއަދު ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ. ކަސްޓަމަރުންނަށް މިހާރު ބޮޑު އަދަދަކަށް އެދި ހުށަހެޅޭނެ އަދި ހަމައެޔާއެކު ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބިގެންދާނެވެސްމެ."
ބޭންކުން ބުނީ އަލަށް ގެނެވުނު ބަދަލާއި އެކު އެކްސްޕްރެސް ލޯނުގެ ގޮތުގައި300,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބިގެންދާނެ ކަމަށެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ކަނޑައެޅިފައިވާ ކަމަށް ބޭންކުން ބުންޏެވެ.
ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. އަދި މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއްވެސް ބޭނުމެއް ނުވެއެވެ. އަދި އަމިއްލައަށް އެއްވެސް ޚަރަދެއްވެސް ކުރަންނުޖެހެއެވެ.
ބީއެމްއެލް އިން ވަރަށް ކުރީއްސުރެ 15،000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނުވެސް މިވަނީ ލުއި މައިކްރޯ އަށް ބަދަލުކުރެވިފައެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ޚަލާސްކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށްވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި 5 އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. ރަހުނަކާއެކު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ބީއެމްއެލް ލައިފްސްޓައިލް ލޯން ދޫކުރެއެވެ.
ބޭންކުން ވަނީ ބީއެމްއެލް ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށްވެސް ވަނީ ބަދަލުގެނެސްފައެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.