Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

އެކްޓަރު މަހޭޝް އާނަންދު މަރުވެއްޖެ

އެކްޓަރު މަހޭޝް އާނަންދު މަރުވިއިރު އުމުރަކީ 57 އަހަރު - ފޮޓޯ: ގޫގުލް

90ގެ އަހަރުތަކުގައި ކާމިޔާބު ބޮޑެތި ހިންދީ ފިލްމްތަކުގައި ނުބައިބައި ކުޅެފައިވާ އެކްޓަރު މަހޭޝް އާނަންދު މަރުވެއްޖެ އެވެ.

"ޓައިމްސް ނައު" އިން ރިޕޯޓްކުރާ ގޮތުގައި މަހޭޝް މަރުވި ސަބަބެއް އަދި އެނގިފައިނުވާ ކަމަށާއި، ޕޯސްޓްމޯޓެމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު މިހާރު ކޫޕާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މަހޭޝް އަކީ 80ގެ އަހަރުތަކުގައި އާއި 90ގެ އަހަރުތަކުގައި ނެގެޓިވް ކެރެކްޓާއެއްގެ ގޮތުގައި ގިނަ ފިލްމްތަކުން ފެނިގެންގޮސްފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި ގޯވިންދާގެ ފިލްމް "ރަންގީލާ ރާޖާ" އިންނެވެ.

މަހޭޝް ފެނިގެންދިޔަ ހިޓް ފިލްމްތަކުގެ ތެރޭގައި "ކުރުކްޝެތްރާ"، "ސްވަރްގް"، "ކޫލީ ނަންބަރ 1"، "ވިޖޭތާ" އަދި "ޝެހެންޝާހް" ވެސް ހިމެނެއެވެ. އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ދަރްމެންދްރަ، ސަނީ ޑިއޯލް، ސަންޖޭ ދަތު، ގޯވިންދާ އަދި އަމީތާބް ބައްޗަން އާއެކު ވެސް މަސައްކަތް ކޮށްފައެވެ.

"ރަންގީލާ ރާޖާ" އަކީ ފާއިތުވި 18 އަހަރުގެ ތެރޭގައި މަހޭޝް ކުޅުނު ފުރަތަމަ ފިލްމެވެ. ފިލްމް ރިލީޒްކުރުމުގެ ކުރިން ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި މަހޭޝް ބުނީ އެ ފިލްމްގައި އޭނާ ފެނިގެންދާނީ އެންމެ 06 މިނެޓަށް ކަމަށާއި، ނަމަވެސް އެނބުރި މަސައްކަތަށް އާދެވުމުން ވަރަށް އުފާވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މަހޭޝް އަށް ވަނީ މާލީ ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބުނެފައި ވަނީ މިދިޔަ 18 އަހަރު ތެރޭގައި އޭނާއަށް ފިލްމެއް ކުޅުމަށް އޮފާއެއް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން އާއްމުދަނީ ހޯދުމަށްޓަކައި ރެސްލިން މެޗުތަކުގައި ބައިވެރިވާ ކަމަށެވެ.