Last Updated: April 18, 16:21
Thursday, April 18, 2024
ޚަބަރު

ހާމައަށް ކުނި އެންދުން ހުއްޓާލުމަށް ބ. އަތޮޅުގެ ތިން ރަށަކުން ޤަރާރެއްގައި ސޮއިކޮށްފި

"ނަމޫނާ ބ. އަތޮޅޅު" ޤަރާރުގައި ސޮއިކުރުމުގެ ތެރެއިން - ފޮޓޯ: ސޮނެވާ

ހާމައަށް ކުނި އެންދުން ހުއްޓާލުމަށް، ބ. އަތޮޅުގެ ތިން ރަށަކުން ޤަރާރެއްގައި ސޮއިކޮށްފި އެވެ. "ނަމޫނާ ބ. އަތޮޅު"ގެ ނަމުގައި އެކުލަވާލާފައިވާ އެ ޤަރާރުގައި ސޮއިކޮށްފައި ވަނީ އެ އަތޮޅު ދަރަވަންދޫ އާރި މާޅޮސް އަދި ކިހާދޫ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިމިގެންދިޔަ ޖެނުއަރީ މަހުގެ 05 އިން 08 އަށް ސޮނެވާފުށީގައި ކުނި ނައްތާލުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި، ދަރަވަންދޫ، މާޅޮސް އަދި ކިހާދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން، މިތިން ރަށާއި، ސޮނެވާފުއްޓާއި، އަދި ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށްޓަކައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމަޢިއްޔާއެއްކަމުގައިވާ، ކޮމަން ސީސްގެ މެދުގައި "ކްލީން ބްލޫ މޯލްޑިވްސް"ގެ ނަމުގައި ޕާޓްނަރޝިޕެއް އުފެއްދުނެވެ. ސޮނެވާ އިން މަޢުލޫމާތުދޭ ގޮތުގައި ކްލީން ބްލޫ މޯލްޑިވްސްގެ އަމާޒަކީ ބ.އަތޮޅު އަދި ދިވެހި ރާއްޖެއަކީ ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް ކުރެވޭ މަސެއްކަތުގައި ބައިނަލްއަޤްވާމީ ގޮތުން ނަމޫނާ ޤައުމެއް ކަމުގައި ވެގެންދިއުން ކަމަށެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮނެވާ އިން މަޢުލޫމާތުދޭ ގޮތުގައި މިތިން ރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލުމުގެގޮތުން 'އީކޯ-ސެންޓްރޯ' ޤާއިމްކުރެވި މިސެންޓަރުތަކުގައި އެރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

އީކޯ-ސެންޓްރޯގެ މޮޑެލް އެންމެ ފުރަތަމަ ގާއިމްކުރެވިފައިވަނީ ބ.މާޅޮސް ކައިރީގައި ހިންގާ ސޮނެވާފުށި ރިސޯޓުގައެވެ. ސޮނެވާފުށީގައި ކާނާއިން އުފެދޭ ހުރިހާ ކުންޏާއި، ލަކުޑި، ބިއްލޫރި، އަދި އެހެނިހެންވެސް ފަނާވެގެންދާނެ ކުނި ފުނޑުކުރެވެއެވެ. އެއަށްފަހު އެއިން އިގްތިޞާދީ އަގެއް ހުންނަ ތަކެތި އުފައްދައެވެ.

އެގޮތުން އެފަދަ ތަކެތިން އިމާރާތްކުރުމަށް ބޭނުންކުރެވޭ ގާ އެޅުމުގައާއި ގަސްކާނާ އުފައްދާ ކަމަށާއި، ސޮނެވާފުށީގައި އުފެދޭ ހުރިހާ ޕްލާސްޓިކް ކުންޏަކީ ރިސައިކްލް ކުރެވޭ ނުވަތަ އަގެއް ހުންނަ އެހެނިހެން ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ އެއްޗެހި ކަމަށް ރިސޯޓުން ބުނެއެވެ.

ސޮނެވާއިން ވަނީ މިސެންޓަރުތައް ޤާއިމްކުރުމަށްޓަކައި "ސޮނެވާ ސޭވް އަވަރ ސީސް“ ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މިގޮތުން އެންމެ ފުރަތަމަ އިކޯ-ސެންޓްރޯ މާޅޮހުގައި މިއަހަރު ގާއިމްކުރެވިގެން ދާނެ ކަމަށާއި، އެ ސެންޓަރު ޤާއިމްކުރެވޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާޅޮހުގައި ހާމައަށް ކުނިއެންދުން އެއްކޮށް ހުއްޓާލެވޭނެ ކަމަށް ސޮނެވާއިން ބުނެއެވެ.

ބ. އަތޮޅުގައި ސޮނޭވާ އާ ގުޅިގެން ހިންގުމަށް ރާވާފައިވާ ކުނި މެނޭޖް ކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން މާޅޮސް ކައުންސިލް ރައީސް ޢަބްދުﷲ ޝުޖާއު ވިދާޅުވީ މާޅޮހަކީ ގިނަ ރަށްތަކަށް ވުރެ ރަނގަޅަށް ކުނި މެނޭޖް ކުރުވޭ ރަށެއް ކަމަށާއި، ނަމަވެސް ސޮލިޑް ވޭސްޓް މެނޭޖް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ނަމޫނާ ބ.އަތޮޅު މަޝްރޫއުގެ ސަބަބުން މިގޮންޖެހުންތައް ނައްތާލާ މިހާރަށްވުރެ ފުރިހަމައަށް މާޅޮހުގެ ކުނި މެނޭޖް ކުރެވޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ އެރަށުގެ އާބާދާއަކީ އެންމެ 529 މީހުން ކަމުގައިވާއިރު، ބޮޑެތި އާބާދީގެ ރަށްތަކާއި އަޅާބަލާއިރު އެ ރަށުގައި އުފައްދާ ކުނި މެނޭޖްކުރުމަކީ ފަސޭހަކަމެއް ކަމަށެވެ. ނަމަވެސް ކިހާދޫގައި ތިމާވެއްޓާ ރައްޓެހި، ސިއްހަތަށް ގެއްލުން ނުލިބޭނެގޮތަކަށް ކުނި މެނޭޖް ކުރާނޭ ނިޒާމެއް ހަމަޖެހިފައި ނެތް ކަމަށާއި، މި މަޝްރޫއުގެ ތެރެއިން ކިހާދޫގައި ހާމަކޮށް ކުނިއެންދުން މުޅިން ހުއްޓާލާތަނަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.

އަދި ދަރަވަންދޫ ކައުންސިލް ރައީސް އަލީ މާޖިދު ވިދާޅުވީ ގެސްޓްހައުސް ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ހިނގާ ރަށެއްގެ ހައިސިއްޔަތުން، ދަރަވަންދޫއަށް މިމަޝްރޫޢުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވި، ރަށަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި ތިން ރަށުގައިވެސް ކުރެވޭ މަސައްކަތް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ބަލައިގަނެ، ކުނި މެނޭޖް ކުރުމުގެ މިމޮޑެލް އެހެން ރަށްތަކުގައިވެސް ގާއިމްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން ސޮނެވާގެ ސީ.އީ.އޯ އަދި ފައުންޑަރ ސޯނޫ ޝިވްދަސާނީ ވިދާޅުވީ އެންމެން އެކުއެކީގައި މަސައްކަތްކޮށްފިއްޔާ ދިވެހިރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އާ ދެކޮޅަށް މަސައްކަތްކުރާ ލާމަސީލް ބައިނަލްއަޤްވާމީ މިސާލަކަށް ވެގެންދާނެ ކަމަށެވެ.

"ކުރިމަގަށް ބަލާލާއިރު އަޅުގަނޑަށް ހިތަށް ގެނެވެނީ ހުރިހާ ރަށެއްގައިވެސް އިކޯ ސެންޓްރޯތަކެއް އުފެދި އެރަށެއްގެ ކުނި ރަނގަޅަށް މެނޭޖްކުރެވި، ކުނިން ރަށަށް މުއްސަނދިކަން ލިބޭތަން؛ ރަށްރަށުގައި ބޯފެން އުފައްދާ އެފެން ބިއްލޫރި ފުޅީގައި ބަންދުކުރެވި މިފެން ބޭނުންކުރާތަން؛ އެއްވެސް ރަށެއްގައި ސިންގްލް ޔޫސް ޕްލާސްޓިކް ކޮތަޅު ބޭނުމެއް ނުކުރާނެ؛ ޕްލާސްޓިކް ހޮޅި ބޭނުމެއް ނުކުރާނެ؛ އެއްވެސް ރިސޯޓަކުންވެސް އަދި ގެސްޓްހައުސްއަކުންވެސް ސިންގްލް ޔޫސް ޕްލާސްޓިކް ފެންފުޅިއެއް ބޭނުމެއް ނުކުރާނެ"، އޭނާ ވިދާޅުވި އެވެ.

ކޮމަން ސީސްގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ ޖޯ ރޯއިލް ވިދާޅުވީ މިވަގުތު ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރެވޭ ސިންގްލް ޔޫސް ޕްލާސްޓިކްއިން އުފެދޭ ކުނި މެނޭޖްކުރުމަކީ އުނދަގޫ، އަނގުބޮޑު މަސައްކަތެއް ކަމަށާއި، އެކުނީގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް މަހާއި ކަނޑުގެ ދިރުމަށް ގެއްލުން ލިބޭ ކަމަށެވެ.

އަދި ދިވެހި ރާއްޖޭގެ ގޮނޑުދަށުން އެންމެ ގިނައިން ފެންނަ ކުންޏަކީ ޕްލާސްޓިކް ފުޅި، ޑިސްޕޯޒަބަލް ނެޕީއާއި، ސިގިރެޓް ބަޓާއި، ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ހޮޅިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިމައްސަލަ ހައްލުކުރަން މަސައްކަތް ފައްޓަންޖެހެނީ ކޮން ހިސާބަކުން އެނގޭ ކަމަށެވެ.

"ކޮމަން ސީސް އިން ކްލީން ބްލޫ މޯލްޑިވްސް އާއި އެކު ދިވެހި ރާއްޖެއަށް ދިމާވެފައިވާ ސިންގްލް ޔޫސް ޕްލާސްޓިކް ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރާނަން"، އޭނާ ވިދާޅުވި އެވެ.

މާލޭގައި ދުވާލެއްގެ މައްޗަށް 280،000 ޕްލާސްޓިކް ފުޅި ބޭނުންކުރެވޭއިރު، މިދިޔަ އަހަރު ރާއްޖެއަށް ނޮން-ބައޯޑީގްރޭޑަބަލް 104 މިލިއަން ޕްލާސްޓިކް ކޮތަޅު ވަނީ އެތެރެކުރެވިފައެވެ. މިއަހަރުގެ ކުރީކޮޅު ރައީސް އޮފީހާއި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ދައުލަތުގެ ބައެއް ކުންފުނިތަކުން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވާފައެވެ.

ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑުވެފައިވާއިރު، ސޮނެވާއިން ވަނީ މީގެ 10 އަހަރު ކުރިން ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލާ ރިސޯޓުގައި އުފައްދާ ފެން ބިއްލޫރި ފުޅީގައި ބޭނުންކުރަން ފައްޓާފައެވެ.