Last Updated: May 1, 20:45
Wednesday, May 1, 2024
ސިއްހަތު

ޓޭން ލައިންސް ފިލުވާނީ ކިހިނެތް؟

ޓޭންވުން ނުވަތަ ހަންގަނޑު އެނދުމަކީ ސަންބްލޮކް ބޭނުންނުކޮށް، މާގިނަ އިރު އަވީގައި އުޅުމުގެ ސަބަބުން ދިމާވާކަމެކެވެ. އާންމުގޮތެއްގައި މިގޮތަށް އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު އަނދާއިރު އަނދަނީ އަވީގެ އަސަރުކުރާގޮތަށް ނިވާނުވެ ހުންނަ ހަންގަނޑުގެ ބައެވެ. ބުރުގާ އަޅާ ފަރާތްތަކުގެ މޫނާއި، އަތާއި، ފައި، އަދި ފިރިހެނުންގެވެސް އަތާއި ފަޔާއި ކަނދުރާ އަކީ އާންމުގޮތެއްގައި މިގޮތަށް ހަންގަނޑު އަނދާ ތަންތަނެއެވެ. މިގޮތަށް އަނދާފައި ހުންނަ ހުރުން، އާންމުގޮތެއްގައި އެއްވެސް ފަރުވާއެއް ނުކުރާނަމަ ގިނަދުވަހަށް ނުފިލާހުރުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. އެހެންނަމަވެސް މިއީ ގޭގައި ތިބެގެން ވަރަށް ފަސޭހައިން ރަނގަޅުކުރެވިދާނެކަމެކެވެ.

  • ސަންބްލޮކް ބޭނުންކުރުން
  • ފުރަތަމަ ކަމަކަށް އިސްކަންދޭން ޖެހެނީ ހަންގަނޑު އިތުރަށް ނާނދާނެހެން، ބޭރަށް ނިކުތުގެ 30 މިނެޓުވަރު ކުރިން އަބަދުވެސް ހަންގަނޑުގައި ސަންބްލޮކް އުނގުޅައިގެން ނިކުތުމަށެވެ. އާންމުގޮތެއްގައި ވަރަށް ދޮން ހަންގަނޑެއްނަމަ އެއްވެސް ފަރުވާއަކާނުލައި ޓޭންއެއް 4-3 ހަފްތާވަންދެން ނުފިލާ ހުރެދާނެއެވެ. އެހެން ނަމަވެސް އާންމުގޮތެއްގައި އޮލިވް ހަންގަނޑެއްނަމަ، ޓޭންއެއް އެއްކޮށް ފިލަން 3-2 މަސްވެސް ނަގާފާނެއެވެ. އެހެންކަމުން އިތުރަށް ހަންގަނޑު އެނދިޔަ ނުދިނުމަކީ މުހިންމު ކަމެކެވެ.

  • އެކްސްފޯލިއޭޓްކުރުން
  • ހަންގަނޑުގެ ސެލްތަކަކީ އަބަދުވެސް އާވެއާވެ ހުންނަ އެއްޗެއްކަމުން، މަރުވާ ސެލްތައްކާއި ބްލޮކް ވެފައިތިބޭ ހަންގަނޑުގެ ޕޯރސްތައް ސާފުކުރުމަށްޓަކައި އެކްސްފޯލިއޭޓްކުރުމަކީ މުހިންމުކަމެކެވެ. މިގޮތައް އެކްސްފޯލިއޭޓްކުރުމުން އާ ސެލްތައް އަވަހަށް އަރައި، ހަންގަނޑުގެ ޓޭންވެފަ ހުރިބައި ފިލާދާލެއް އަވަސްވާނެއެވެ. އެހެންނަމަވެސް ހަންގަނޑު އެކްސްފޯލިއޭޓްކުރާއިރު ހަންގަނޑަށް ގެއްލުންވާވަރަށް ގިނައިން އަދި ބާރަށް ނުކުރުމަށް ހަނދާންބަހައްޓަންވާނެއެވެ. އެގޮތުން ލުނބޯ ހުތަކީ އޭގެ ޒާތުގައި ސްކްރަބްކުރަން ނުޖެހޭ ގުދުރަތީ އެކްސްފޯލިއެންޓެކެވެ. ލުނބޯހުތުގެ އެސިޑިޓީ ކަނޑުވާލަން މާމުޔާއި އެއްކޮށްފައި ހަންގަނޑުގައި އުނގުޅުމަށްފަހު 25 މިނެޓު ވަރު ބަހައްޓާފައި ދޮވެލުމުން ހަންގަނޑު އެކްސްފޯލިއޭޓްވާނެއެވެ.

  • ކިއުކަމްބަރ ބޭނުންކުރުން
  • ކިއުކަމްބަރއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ފެންއެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ޓޭން ލައިންސް ފިލުވުމަށްޓަކައި އެންމެ މުހިންމު ވިޓަމިންސީ އާއި ފެން ލިބިގަތުމަށް ކިއުކަމްބަރއަކީ ވަރަށް މުހިންމު ކަމެކެވެ. ކިއުކަމްބަރ ތުނިކޮށް ކޮށާފައި، ނުވަތަ ޕޭސްޓަކަށް ހަދާފައި ހަންގަނޑުގައި އުނގުޅުމަށްފަހު 20 މިނެޓު ބަހައްޓާފައި ދޮވެލުމުން ހަންގަނޑުގެ ޓޭން ލައިންސްތައް ފިލާދާލެއް އަވަސްވާނެއެވެ. އަދި އަބަދުވެސް ހަންގަނޑު ރީއްޗަށް ބެހެއްޓުމަށްޓަކައި ގިނަގިނައިން ފެންބޯންވާނެއެވެ.

    މިގޮތަށް ގޭގައި ހުރެގެން ހަންގަނޑަށް ދެވޭ ކުދި ކުދި ޓްރީޓްމެންޓްތަކަކީ ހަންގަނޑު ރީއްޗަށް ބެލެހެއްޓުމަށް ކުރެވިދާނެ މުހިންމު ކަންކަމެވެ.