Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެމްޑީޕީ މެމްބަރުންގެ މާލީ ބަޔާން ހާމަކުރަނީ

އަންނަ މަޖްލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ 86 ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަ ކުރުމަށް އެމައުލޫމާތު ހިއްސާ ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެމްޑީޕީން ވަނީ ކެންޑިޑޭޓުންގެ މާލީ ބަޔާން ތަފްސީލުކޮށް ހުށަހެޅޭނެ ފޯމެޓެެއް ތައްޔާރުކޮށްފައެވެ. އެގޮތުން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމެޓުގައި މުހިއްމު މައުލޫމާތުތަކުގެ ތަފްސީލު ހިމެނިފައިވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ އެގޮތަށް ނިންމީ ކެންޑިޑޭޓުންގެ މައުލޫމާތު ވީހާވެސް ހާމަކޮށް ދެފުށް ފެންނަ ގޮތަށް ހެދުމަށް ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ އާމްދަނީ އާއި ވިޔަފާރިތަކުގެ ހިސާބު އާއްމު ކުރާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެ މާލީ މައުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅުމަށް އަންގާފައިވާ އިރު އެމައުލޫމާތު އެމްޑީޕީގެ ވެބްސައިޓުގައި އާއްމު ކުރާނެކަމަށެވެ.