Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޕެރަލައިޒްވެފައިވާ އަނބިމީހާއަށް ޚިދުމަތް ކުރުމުގައި 31 އަހަރު، ކޮންފަދަ ލޯތްބެއް!

ހަގީގީ ލޯބިވެރިންނަކީ ވަރަށް ތަދު ބައެކެވެ. އަމުދުން މިޒަމާނުގައި މިފަދަ ލޯބިވެރިން ފެންނަ މިންވަރު މަދެވެ. މިހާރުގެ ހާލަތަކީ ލޯބިން ދެ ދުވަހު އެކުގައި ނޫޅެވުމެވެ. ދެމީހުން ވަކިވެ، ދެތަން ވުމެވެ. އަމުދުން ދެމަފިރިން ކުރެ އެކަކު ބޮޑު ބައްޔެއް ދިމާވެއްޖެނަމަ އެމީހަކު ދޫކޮށް އެކަހެރިކޮށް ބިކަކޮށްލާ މަންޒަރަކީ އާއްމު މަންޒަރަކެވެ.

އުމުރުން 45 އަހަރުގައި ކުއްލިގޮތަކަށް ބަލި އެންދުގައި އޮންނަން ޖެހުނު އަނބިމީހާއަށް ޓަކައި މުޅި ދިރިއުޅުން ހުއްޓުމަކަށްގެނެސް، އަނބިމީހާ ބެލުމުގައި އުމުރު ހޭދަކޮށްލި ދިވެހި ފިރިއެއްގެ ވާހަކައެވެ.

ސ. ހުޅުދޫ ކޮކާހަނދުވަރުގޭ އިބްރާހިމް ފުއާދު އާއި ހިލާލާ އަބްދުލް ކަރީމްގެ ޒަމާންވީ އާދަޔާ ހިލާފު ލޯބީގެ ވާހަކައާއި އެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ. އެންމެ ހިތްދަތި ދުވަސްތަކުގައި ވެސް ލޯބީގެ ވަރުގަދަ ނަމޫނާ ދެއްކި ދެމަފިރިއެއްގެ ވާހަކައެވެ. ދިރިއުޅުން އެއްކޮށް އެފުށް މިފުށަށް ޖަހާލި ހާދިސާއަށް 31 އަހަރު ފަހުން، މިހާރު އުމުރުން 70 އަހަރުވެފައިވާ ފުއާދު އަދިވެސް ހުރީ އޭނާގެ ލޯބިވާ އަނބިމީހާގެ ޚިދުމަތުގައި، އޭނާ ކައިރީގައެވެ. މީހަކު ގަސްދުގައި ދިން ލަނޑެއްގެ ސަބަބުން މިދެމަފިރިންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި މިހިތްދަތި ކަންތަކުގެ ވާހަކަ ފުއާދުވަނީ ވަރަށް އަސަރާއެއްކޮށް އައްޑޫލައިވްގެ ޓީމާއި ހިއްސާކޮށްފައެވެ.

މީގެ 31 ކަށް އަހަރު ކުރިން، ސ. ހުޅުދުއަށް އުފަން އިބްރާހިމް ފުއާދާއި އެނާގެ އަންހެނުން އުޅެމުން ދިޔައީ އުފާވެރި، ލޯބި ދިރިއުޅުމެކެވެ. އެމީހުންގެ 3 ކުދިން ގޮވައިގެން މާލޭގައި އުޅެމުން ދިޔައިރު ފުއާދު މަސައްކަތްކުރަމުން ދިޔައީ ރިސޯޓެއްގެ ހައުސްކީޕަރެއްގެ ގޮތުގައެވެ. އަންހެނުން ރަށަށް ގޮސްލަން ބޭނުންވެގެން ރޭވި ދަތުރެއްގައި ފުއާދަށް ދެވެން ނެތުމުން އަންހެނުން ދިޔައީ އެކަންޏެވެ. ކަނޑުމަގުން ރަށައް ދިޔަ މިދަތުރުގައި އަންހެނުން ވެއްޓި އަތްބިނދި، ރަށުންނާއި މާލެއިންވެސް އެކަށީގެންވާ ފަރުވާއެއް ލިބޭގޮތެއް ނުވިއެވެ. މިކަމާއި ކަންބޮޑުވެގެން އުޅެނިކޮށް ރަށުން އިންޑިއާއަށް ފުރާ މީހަކާއި އެކީ ފުއާދު އޭނާގެ އަންހެނުން ގޮވައިގެން އިތުރު ފަރުވާއަށް އިންޑިއާގެ މެޑްރާސްއަށް ދިޔައެވެ.

" އަޅުގަނޑުމެން ދިޔަ ދުވަހުގެ ރޭ، އަހަރެމެން ގޮވައިގެން (އޭނާ) ދިޔައީ ކޮންމެވެސް ޑޮކްޓަރަކަށް. ކޮން ޑޮކްޓަރެއް ކަމެއްވެސް އަޅުގަނޑަކަށް (އޭރު) ނޭނގޭ. މީ އަހަރެމެން ގޮވައިގެން ދިޔަ މީހާގެ ވަރަށް ޚާއްސަ ޑޮކްޓަރެއް. މި މީހާ ހުންނަނީ ހިތުގެ މައްސަލައެއް. އެހެންވެ އަހަރެމެން ގެންދިޔައީ ހިތުގެ ޑޮކްޓަރަކަށް ދައްކަން. އެރޭ އެމީހާއަށް އަންހެނުން ދެއްކީ. ދެއްކީމަ ދީފި ބޭހެއް. ބޭސް ހިފައިގެން އައިސް ހޮޓަލަށްވަދެ، ރޫމުގަ ނިދަންވީމަ ކައިބޮއެހަދައިގެން ބޭސްގުޅަ ކާންދީގެން ނިދީ. ފަތިހު ހޭލައިފިން ފަތިސް ނަމާދަށް. ތެދުވެ ނަމާދުކޮށް ނިމިގެން، ގޮވާފަ ބުނެފިން ތެދުވާށޭ ފަތިސް ނަމާދަށް. ބުނީމަ ލޯ ހުޅުވާފަ ބަލާލި. އެކަމަކު ތެދުވާކަށް ނޫޅުނު. ދެން ބުނެފިން ކިހިނެއްވީ ހެއްޔޭ. ބުނީމަ، ކޮންމެވެސް ވަރަކަށް ރޮއެގަނެފަ ބުނީ ތިމަންނައަށް ނުތެދުވެއޭ. ދެން އަޅުގަނޑާ ދެމީހުންވެގެން ތެދުކޮށް ބެލިއިރު ވައަތުގަ ވާގި މަދު. ފައިގަ ހުރި." މެޑްރާސްއަށް މުޅިން އަލަށް ދިޔަ ފުއާދު ފުރަތަމަ ކަންތައް ހިނގާދިޔަގޮތް ކިޔާދިނެވެ.

ފުއާދު ބުނީ އެމީހުން ގޮވައިގެން ދިޔަ މީހާ އަންހެނުން ދެއްކީ އޭނާގެ ކޮންމެ ރައްޓެހި ލަކްސްމީ ކިޔާ ޑޮކްޓަރަކަށް ކަމަށެވެ. އަދި އަތް ބިނދިގެން ދިޔަ މީހަކު ހިތުގެ ޑޮކްޓަރަކަށް ދައްކަން ޖެހުނު ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި އަންހެނުންގެ އެއް ފަރާތުގައި ވާގި ނެތުމުން އެތައް ފަހަރަކު ޑޮކްޓަރަށް ދައްކަން ދިއުމަަށް އެދުމުންވެސް އޭނާ އެކަމާއި އަޅާނުލިކަމަށެވެ.

"އަޅުގަނޑުމެން ގޮވައިގެން ގޮސް ހުރި މީހާ ގާތު އަޅުގަނޑު ބުނިން މިހެން މިހެން ވެގެންނޭ މިއުޅެނީ. އަވަހަށް ހޮސްޕިޓަލަށް ދާން ހިނގާށޭ. ބުނީމަ އޭނާ ބުނީ ތިމަންނައަށް މިގަޑިއަކު ނުދެވޭނެއޭ. ބުނެފަ މީނާ ދެން ހޭލީ 9:30 ހާއިރު. ހޭލައިގެން ސައިބޮއެގެން މިގެންދިޔައީ އެއްކަލަ ހިތުގެ ޑޮކްޓަރުކައިރިއަށް. ދިޔައިމަ ޑޮކްޓަރު ބުނީ ތިއީ ތިމަންނަ ދިން ބޭހުން ވީކަމެކޭ. ތިމަންނަ މިބުނާ ހޮސްޕިޓަލަކަށް އަވަހަށްދާށޭ. ތީ އެއްވެސް ކަމެއް ނޫނޭ، އެތަނަށް ދާއިރަށް ރަނގަޅުވާނެއޭ. ދެން އަޅުގަނޑު ހިތުން (ގޮވައިގެން ދިޔަ މީހާ) އަޅުގަނޑުމެން ގެންދާނީ އެތަނަށް. އެކަމަކު ކުއްލިއަކަށް ބުނެފި ތިމަންނައަކަށް ތިތަނަކަށް ނުދެވޭނެއޭ. ބުނެފަ ގެންދިޔައީ އެޕޯލޯ ހޮސްޕިޓަލަށް. އޭރު 11 ޖަހައިފި. ގޮސް އެޕޯލޯ ހޮސްޕިޓަލަށް އެތެރެވީތަނުން ފައިގެ ވާގިވެސް ގެއްލުނީ. އެ ހޮސްޕިޓަލުގަ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ތިބެން ޖެހުނު."

ފުއާދު ބުނީ އޭނާ ގޮވައިގެން ދިޔަ މީހާ ދެއްކި ޑޮކްޓަރެއްގެ އިހްމާލުން އަންހެނުންގެ ވާތްފަރާތް އެއްކޮށް ވާގި ނެތި ބަލި އެނދުގައި އޮންނަން ޖެހުނު އިރުވެސް އޭނާ ބޭނުންވީ އެމީހުން ގޮވައިގެން ރާއްޖެ އައުމަށެވެ.

" އެތަނުން ދިން ލިޔެކިޔުންތަކުން ބުނާގޮތުން އެތަނުގަ އަހަރެމެން ތިބެންޖެހޭ ގާތްގަނޑަކަށް 1 މަހާއި، 20 ދުވަހަށް. އެވަރަށް ދުވަހަށް ތިބެން ޖެހުނީމަ އެއްކަލަ އަޅުގަނޑުމެންނާއެއްކޮށް ދިޔަ މީހާ ބުނެފި ތިމަންނައަކަށް އެހާ ގިނަދުވަހަށް ނުހުރެވޭނެއޭ. މިހެން ބުނެގެން ބަރާބަރު 13 ދުވަހު އެތާ ތިބެވުނީ. މި 13 ދުވަސްތެރޭ އެޕޯލޯ ހޮސްޕިޓަލުން ދިން މައުލޫމާތުތެރޭގައި މިއޮންނަނީ، ހޮސްޕިޓަލްތެރޭގައި ހިނގާދިޔަ ކަމެއް ނޫންނަމަ (ފައިގެ ވާގިދޫނުވިނަމަ) ފުރާނަވެސް ދިޔައީސްކަމަަށް. އެހާވެސް ސީރިއަސް ކަމެއް ކަމަށް. ދެން އެތަނުން ބުނި ވަގުތުން އިންޖިކްޝަނެއް ޖަހައިގެން ރަނގަޅުކުރެވިދާނެއޭ. އެކަމަކު އެނާ ބުނެފި މީ ފަޤީރުންނޭ. އަޅުގަނޑު އިނގިރޭސި ބަހެއް ނުކިޔަވަން. އެކަމަކު އެވަރު ބަހެއް އަޅުގަނޑަށްވެސް ކޮންމެވެސް ވަރަކަށް އެނގިދާނެތާ."

"އޭނާ ބުނީ އަހަރެމެންނަކީ ފަޤީރުންނޭ. އެހެން ބުނީމަ ލޮލުން ކަރުނަވެސް އައި. އޭރު އަޅުގަނޑު ޖީބުގައި ގާތްގަނޑަކަށް 5000 ޑޮލަރު ހުރި. އަނެއްކާ ދިވެހި ފައިސާއިން ދިހަވަރަކަށް ހާސް ރުފިޔާހުރި. ދެކޮޅުގެ ޓިކެޓު ހުރި. އެހެންވީމާ މި ލާރިކޮޅު ހުސްވަންދެން މަސައްކަތްކޮށްދިނުމަކީވެސް އެންމެރަނގަޅުކަމެއްނޫންތޯ؟ ލާރި ހުސްވުމުގެ ކުރިން ރަށަށް ގުޅައިގެންވެސް އިތުރަށް ފައިސާ ހޯދޭނެތާ. ކުދިންވެސް އެބަތިބި. އަޅާފަހުރި ގެވެސް ހުރި. އެގެ ލޯނަށް ދީގެންވިޔަސް، ނުވަތަ ވިއްކައިގެންވިޔަސް އަންހެނުންނަށް މިބަލިން ސަލާމަތްކޮށްދިނުމަށް ކުރެވެން ހުރި މަސައްކުރެވޭނެ ކިތަންމެ ގޮތްގޮތް ހުރި. އެނޫން ތަކެތިވެސް ވިއްކާލެވެން ހުރި. އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް، ހައްތާވެސް އަޅުގަނޑަށް މިދިން އެއްޗަކީ ނުދެވޭނެ ވާހަކައާއި، ނުހުރެވޭނެވާހަކަ. ނުވަތަ ކޮށްނުދެވޭނެވާހަކަ. ﷲއަށްޓަކާ ތެދުބަހުން ހަދާތެދެއްމީ. މިހިތާމައިގަ މިހެން އަޅުގަނޑުމެން އުޅޭތާ އަދަށް މިވީ 30 އަހަރު ފުރި 31 އަހަރު." ފުއާދު ރޮވިފައި ކިޔާދިނެވެ.

ފުއާދު އިތުރަށް ކިޔާދިންގޮތުން، އެދެމަފިރިންގެ 3 ކުދިން އެބަތިއްބެވެ. އަދި ދޮންދަރިންވެސް އެބަތިއްބެވެ. އެކުދިންގެވެސް އެހީލިބެއެވެ. ރައީސް ނަޝީދުގެ ސަރުކާރުން އާސަންދަ ތައާރަފް ކުރުމާއި ހަމައަށް އަންހެނުންނަށް ބޭނުންވާ ބޭސް ޖެހެނީ ގަންނާށެވެ. ނަމަވެސް އާސަންދަ އާއި އެކު ވަރަށް ބޮޑު ލުއިތަކެއް ފުއާދުގެ ދެމަފިރިންނަށް ލިބިގެން ދިޔައެވެ.

" މިކަންތައް ހިނގާދިޔަތާ އެތައް ދުވަހެއްފަހުން އާސަންދަ ހުޅުވައިގެން ހިލޭ ބޭސް ލިބެންފެށީވެސް. އޭގެ ކުރިން ހަމަ ގަނަން ޖެހުނީ. މިކަންތައް ހިނގާ ދިޔައިރު (އަންހެނުންނަކީ) ޒުވާން އަންހެނެއް. ގާތްގަނޑަކަށް 45 އަހަރު. މިހާރު 80 ކޮންމެވެސް އަހަރެއްވެފައިވާއިރު އަދިވެސް މިހެން މިއޮވެވެނީ އަޅުގަނޑަށް ހީވާގޮތުން ކޮންމެވެސްވަރެއްގެ ބެލުންތެރިކަމެއްވެސް ހުރެގެން. އަޅުގަނޑު އަމިއްލަ ދެއަތުން މަދުވެގެން ދެ ދުވަހުން އެއްދުވަހު ފެންވަރުވާ، ރީތިކޮށްހަދަން. އަދި ކާއެތިކޮޅުވެސް މޮޑެގެން އަމިއްލައަށް ކާންވެސްދެނީ. އަޅުގަނޑު އަތުން ސައިތަށިވެސް ބޯނީ. އަޅުގަނޑުމެންގެ ދެމަފިރިން ފޫހިފަލުވަންކުރާކަމަކީ ޓީވީ ބެލުން" ފުއާދު ޓީވީއަށް އިށާރާތްކުރަމުން ކިޔާދިނެވެ. "އަޅުގަނޑުމެންގެ ކުދިންވެސް ގެއަށް އައިސް އުޅޭ. އެއްކުއްޖަކު އުޅޭ މިގޭގަވެސް. ރޭގަނޑު އުނދޯލިން ނަގައިގެން އެނދާހަމައަށް ގެންގޮސްދެނީވެސް މިހާރު އެކުއްޖާ. އެއީ އެކުއްޖާ ސުވަރުގެ ވަނުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ އަޅުގަނޑު އެދެނީ."

ފުއާދު ބުނި ގޮތުގައި މިއީ އޭނާއަށް މީހަކު ގަސްތުގައި ދިން ބޮޑިއެކެވެ. ހުޅުދޫގެ ނަން މަޝްހޫރު މީހަކު އެ އާއިލާއަށް ދިން ބޮޑިއެކެވެ. ފުއާދު ބުނީ އެމީހާ ގަދަވެ ސަލާމަތުން އުޅޭ ކަމަށާއި، މިއީ އޭނާއަށް ލިބުނު އިމްތިހާނެއް ކަމަށެވެ. އުމުރުން 80 އަހަރުން މަތީގެ އަނބި މީހާ ބެލުމުގައި އޭނާ ދެމިހުރީ ހެޔިޮ ސަވާބާއި ދަރުމަ އަދި ސުވަރުގެ ހޯދުމަށްޓަކައެވެ.

މިހުރިހާ ކަމެއް މެދުވެރިވެ މިއަދާހަމައަށް އަޅުގަނޑުމެން މިހާހިސާބަށް އައިސް މިތިބީ ﷲގެ ހެޔޮ ރަހުމަތުން، ހެޔޮ ރަހުމަތް ލިބިގަންނަން، ހެޔޮ އުފާ ލިބިގަންނަން. އަޅުގަނޑު ﷲ ދެއްކެވި ތެދުމަގުން އެއްކިބާ ނުވަން. ރެއާއި ދުވާލު 5 ނަމާދުކޮށްގެން ﷲ އެންގެވިހާ ތެދުމަގަކަށް ބޯލަނބާ ކިޔަމަންވެގެން. އަޅުގަނޑަށް މީހަކު ދިން ބޮނޑިއެއް މިއީ. ހަމަ ސީދާ ކަނޑައެޅިގެން ދިން ބޮނޑިއެއް. އޭގެ ހިސާބު ޤިޔާމަތް މަހުޝަރު ދުވަހު ހަމަޖެހޭނީ." ފުއާދު ރޮމުން ކިޔާދިނެވެ.

އޭގެ 30 އަހަރުފަހުން، މިއަދާއި ހަމައަށް އައިއިރުވެސް (އަންހެނުންގެ) ބަލި ރަނގަޅެއްނުވެއެވެ. އެހެންނަމަވެސް ފުއާދުގެ ހިތްވަރަކަށް، އަދި ލޯތްބަކަށްވެސް ބަދަލެއް ނާދެއެވެ. މިއަދުވެސް ފުއާދު ދެމިހުރީ އޭނާގެ ލޯބިވާ އަންހެނުންނަށްޓަކާ ދެގޮތެއްނުވެއެވެ. އައްޑޫލައިވްއިން އެދެނީ ފުއާދާއި އޭނާގެ އަންހެނުންނަށް ހިތްވަރާއި، ހެޔޮގޮތް މިންވަރުކުރެއްވުމެވެ.