Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ބިދޭސީން އެތެރެ ކުރުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ލޭބަރ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަން އިން މިހާރު ދެމުންގެންދާ ބައެއް ޚިދުމަތްތައް އެ މިނިސްޓްރީގެ ދަށަށް، އަންނަ މާރިޗް މަހުގެ ތެރޭގައި ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް، ހުއްދަ ދިނުމުގެ މަސައްކަތްތައް އެ މިނިސްޓްރީއަށް ބަދަލުކުރުމަށް ކުރުންޖެހޭ އެންމެހާ މަސައްކަތްތައް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރެވެމުންދާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކީ ނުވަތަ މަސައްކަތްތަކަކީ:

– ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތައް

– ކޯޓާ ހަމަޖައްސައިދުން

– އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން

– ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން

އެ މަސައްކަތްތައް އެ މިނިސްޓްރީ އަށް މާރިޗް މަހު ބަދަލުކޮށް، މިނިސްޓްރީއިން ސީދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެށުމަށް ހަމަޖެހިފައިވާ ތާރީޚު ފަހުން އިޢުލާންކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.