Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

މައިލޯ ސްޓްރީޓް ސޮކަރ: ވިއްސާރަ ވުމުގެ ސަބަބުން މިރޭގެ މެޗްތައް ކެންސަލް

ސ. ގަމުގައި މިހާރު ކުރިއަށްދާ މައިލޯ ސްޓްރީޓު ސޮކާރ މުބާރާތުގެ މިރޭ ކުޅޭގޮތަށް ހަމަޖެހިފައިވާ މެޗްތައް ވިއްސާރަ ވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

މުބާރާތް އިންތިޒާމް ކުރާ ދަ ފޭދޫ ސްޕޯޓްސްއިން ބުނީ މިރޭ ވިއްސާރަ ވުމުގެ ސަބަބުން ކެންސަލް ކުރި މެޗުތައް ޝެޑިއުލް އާއި އެއްގޮތަށް މާދަމާ ރޭ ކުޅޭނެކަމަށެވެ.

"މިރޭގެ މެޗުތަކުން މާދަމާ ރޭ ފަށާނީ، މިވީ ގޮތުން ޝެޑިއުލް އޮތް ގޮތަށް އެެއް ދުވަސް ފަސްވީ" ދަ ފޭދޫގެ އޮފިޝަލް ވިދާޅުވިއެވެ.

މުބާރާތުގެ މިރޭގެ މެޗުތައް ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކުރިއިރު މިރޭ 8:30 ގައި ޑީސީ ސްޕޯޓްސް އާއި ސްކަވޭންޖާސް ކުޅުން ހަމަޖެހިފައިވާ މެޗުގެ ފުރަތަމަ ހާފް ވަނީ ކުޅެފައެވެ. އެހެންވެ މާދަމާރޭ ކުޅެން ފަށާނީ މިދެ ޓީމު ބައްދަލު ކުރާ މެޗުގެ ދެވަނަ ހާފުންނެވެ.

މާދަމާ ރޭގެ ދެވަނަ މެޗުގައި މަރަދޫ ޔުނައިޓެޑް އާއި ޒެފިއާ ބައްދަލު ކުރާއިރު މާދަމާ ރޭގެ ފަހު މެޗުގައި ބައްދަލު ކުރާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ޓީމާއި އެފްސީ ފެލްކަންއެވެ.

ޗެމްޕިއަން ޓީމަށް ފަންސާސް ފަސް ހާސް ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގައި 20 ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ މައިލޯއެވެ. ކޯ ސްޕޮންސާ އަކީ މެޑިސިޓީއެވެ. މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.