Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ސިފައިންގެ ވަޒީފާތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފި - ފޮޓޯ: އެމްއެންޑީއެފް

ޖުމްލަ 10 ދާއިރާއަކުން ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސަރވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާއަށް ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަންޖެހޭނީ ފެބްރުއަރީ 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި ފޯމާއެކު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ ކައުންޓަރުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.