Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރުގައި ބަހައްޓަން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދިﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މި މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.

ޔާމީންގެ އިތުރުން މި މައްސަލަތަކުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާއެވެ.