Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ގައުމުގެ ހަމަޖެހުން ގުޅިފައިވަނީ ފަނޑިޔާރުގޭގެ ނިންމުންތަކާ: ރައީސް

ގައުމުގެ ހަމަޖެހުން ގުޅިފައިވަނީ ފަނޑިޔާރުގޭގެ ނިންމުންތަކާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޤަޟާއީ އަހަރު 2019 އިފްތިތާހުކޮށްދެއްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފަނޑިޔާރުގެ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަޤިއްލު ބާރެއް ކަމަށާއި މި މިނިވަންކަމާއި ބާރާ އެއްވަރަށް، އިންޞާފު ޤާއިމުކޮށްދިނުމަކީ، ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން ކަމަށެވެ.

ޤާނޫނުއަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދީފައިވަނީ، ކޮންމެ މަރުޙަލާއެއްގެ ކޮންމެ ކޯޓެއްވެސް، މިނިވަންކަމާ އެކު ހިންގޭނެ ގޮތަށްކަމުން ފަނޑިޔާރުގޭގެ ކޮންމެ ކަމެއް ވެސް ހުންނަންވާނީ، އެ ކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މި ރާއްޖޭގައި ވެސް، ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމުގައި، ދައުލަތުގެ ތިން ބާރުގެ ތެރެއިން، އެންމެ މުހިންމު ބާރަކަށްވެފައި މި އޮންނަނީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު. ފަނޑިޔާރުގެ މިނިވަން ވާންޖެހެނީ މި ސަބަބަށްޓަކައި.  ޤާނޫނުއަސާސީ އެކުލަވާލާފައި އޮތީވެސް، ދައުލަތުގެ ތިން ބާރުވެސް ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭ ގޮތަށް. އެހެންކަމުން ފަނޑިޔާރުންނަކީ ވެސް، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ޖަވާބުދާރީ ކުރެވެން ޖެހޭނެ ބައެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ފަނޑިޔާރުގެއަކީ ވެސް، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުޙީބުދޭ ތަނަކަށްވާ ނަމަ، ފަނޑިޔާރުގޭގެ މިޞްރާބު ސީދާކުރަން ވަރަށް ފަސޭހަވާނެ ކަމަށާއި އެގޮތުން ރައްޔިތުންގެ ވެރިކަމެއް ކުރާއިރު ރައްޔިތު މީހާއާ އެންމެ ރައްޓެހި އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ ކަމުން އެ ތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާންވާނީ ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު މި ފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެ ވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށެވެ.

"ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް. ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނީ ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން. ރައްޔިތުންގެ ޙައްޤުތައް ގުޅިފައިވަނީ ތިޔަ ފަނޑިޔާރުން އިއްވަވާ ޙުކުމްތަކާ. އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ނޫން. ޙަޤީޤަތުގައި ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަންޖެހޭ، އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަން" ރައީސް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި، އަދި އެހާމެ ޤަދަރުވެރި މަސްއޫލިއްޔަތަކަށް ވާންޖެހޭނެ ކަމަށާއި ޤައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައިވަނީ، ފަނޑިޔާރުގޭގެ ނިންމުންތަކާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވި ގޮތުގައި ފަނޑިޔާރުގޭގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެގޮތުން ވިޔަފާރި އާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިޞްލާޙްކޮށް، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މަގު ކޮށުމަކީ، ރިއާސީ ވަޢުދެއް ކަމަށާއި މި ސަރުކާރުން އެ ވަޢުދު ފުއްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރާނީ، ޤާނޫނީ އިމުގެ ތެރެއިން، އަދި ފަނޑިޔާރުގޭގެ ލަފަޔާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.