Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ޔާމީން ޖަލަށްލުމުން ކަންބޮޑުވާ ރައްޔިތަކު ނެތް: އިންތި

އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ - ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުން ކަންބޮޑުވާ ރައްޔިތަކު ނެތް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ވިދާޅުވީ ޔާމީނަށް މިއަދު އޮތް ހިތާމައަކީ އެމަނިކުފާނު ޖަލަށްލުމުން އެކަމާ ކަންބޮޑުވާ ރައްޔިތަކު އަދި ބޭރުގެ ފަރާތެއް ވެސް ނެތްކަން ކަމަށެވެ. އަދި އަނިޔާވެރިން ނިމިދަނީ އެކަނިވެރި ނިކަމެތި ހާލުގައި ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި މިހެން ވިދާޅުވިއިރު ޔާމީންގެ ވެރިކަމުގައި ސިޔާސީ އެކި ފަރާތްތަކަށް ތަފާތު އެކި ދައުވާތައް އުފުލައި ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.