Last Updated: April 20, 09:47
Saturday, April 20, 2024
މީހުން

ޑިޒައިނަރު ކާލް ލެގަރފެލްޑް މަރުވެއްޖެ

މަޝްހޫރު ޑިޒައިނަރު ކާލް ލެގަރފެލްޑް - ފޮޓޯ: އޭއެފްޕީ/ގެޓީ

މަޝްހޫރު ޖަރުމަންގެ ފެޝަން ޑިޒައިނަރު ކަމުގައިވާ އުމުރުން 85 އަހަރުގެ ކާލް ލެގަރފެލްޑް ޕެރިސްގައި މަރުވެއްޖެ އެވެ.

ޝެނަލް އާއި ފެންޑީގެ ކްރިއޭޓިވް ޑައިރެކްޓަރު ކަމުގައިވާ ލެގަރފެލްޑް އަކީ ފެޝަން އިންޑަސްޓްރީގެ އެންމެ ނަންކިޔޭ އެއް ޑިޒައިނަރެވެ.

އޭނާގެ އަމިއްލަ ބްރޭންޑަށް ކަލެކްޝަން ޑިޒައިންކުރުމުގެ އިތުރުން ލެގަރފެލްޑް ވަނީ ހައިސްޓްރީޓް ބްރޭންޑެއް ކަމުގައިވާ އެޗްއެންޑްއެމް އާއެކުވެސް މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފަހަކައަށް އައިސް ލެގަރފެލްޑް އުޅުނީ ވަރަށް ބޮޑަށް ބަލިވެއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަނީ ގިނަ ފެޝަން ޝޯތަކަށްވެސް ހާޒިރުނުވެވިފައެވެ.

ފެޝަން އިންޑަސްޓްރީގެ ފުންނާބުއުސް ގިނަ ފަރާތްތަކުން ވަނީ ލެގަރފެލްޑްގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތާމަފާޅުކޮށްފަ އެވެ. ލެގަރފެލްޑް އަށް އިޙްތިރާމް އަދާކުރި މީހުންގެ ތެރޭގައި އިޓަލީގެ ޑިޒައިނަރު ޑޯނަޓެއްލާ ވަސާޗޭ ވެސް ހިމެނެއެވެ.

ޑިޒައިނަރ ހެންރީ ހޮލޭންޑް ވެސް ވަނީ ލެގަރފެލްޑްގެ އަމިއްލަ ކުއޯޓެއް ބޭނުންކޮށްގެން އޭނާއަށް އިޙްތިރާމް އަދާކޮށްފަ އެވެ.

ލެގަރފެލްޑް އުފަންވީ 1933 ވަނަ އަހަރު ޖަރުމަނުގަ އެވެ. އޭނާގެ އުފަން ނަމަކީ ކާލް އޮޓީ ލެގަރފެލްޓް އެވެ. ނަމަވެސް އޭނާ ވަނީ ފަހުން ނަން ލެގަރފެލްޑް އަށް ބަދަލުކޮށްފަ އެވެ.

ފުރާވަރު ދުވަސްވަރު ޕެރިސްއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، ފެންޑީ އާއި ކްލޯއީ އަށް 1960ގެ އަހަރުތަކުގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ލެގަރފެލްޑް މަސައްކަތްކުރީ ޕިއަރ ބަލްމެއިން އަށް ޑިޒައިން އެސިސްޓެންޓެއްގެ ގޮތުގައެވެ.