Last Updated: April 20, 18:15
Saturday, April 20, 2024
ރިޕޯޓް

ބަރަބޯ: ޑައެޓްކުރާ މީހުންނަށް ބަރާބަރު!

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ފެނު ކައްކައިގެން އަދި ރިހަ ކައްކައިގެން ވެސް ދިވެހިން ކައިއުޅެއެވެ. ކުޑަކުދިންނަށް ތައްޔާރުކުރާ ކާނާގައި ވެސް ބަރަބޯ ހިމެނުން އެއީ ވަރަށް ގިނަ މައިން ކުރާ ކަމެކެވެ. ބައެއް މީހުންނަށް ބަރަބޯ އެހާ މީރު އެއްޗަކަށް ނުވި ނަމަވެސް އެ ކާން ވަރަށް ވަރު ހުންނަ ފަރާތްތައް ވެސް ދިވެހިންގެ ތެރޭގައި އުޅެއެވެ. ހެނދުނުގެ ސަޔަށް ބަރަބޯ މަސްހުނި ވަރެއް ނެތޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ. ބަރަބޮލުގެ އޮށަކީ ވެސް ހަނާކޮށްގެން ކާލަން ވަރަށް ފައްކާ އެއްޗެކެވެ. ފަޅިނުކޮށް ހުންނަ ބަރަބޯ ފިނި އަނދިރި ތަނެއްގައި 2 މަސްވަންދެން ހަލާކުނުވެ ބެހެއްޓޭނެއެވެ.

ބަރަބޮލުގައި ސެޗިޔުރޭޓެޑް ފެޓް ނޫނީ ކޮލެސްޓްރޯލެއް ނުހުރެއެވެ. ބަރަބޮލަކީ ވިޓަމިންތަކާ، މައުދަންތަކުން މުއްސަދި ފަލަމަޑީގެ ބާވަތެކެވެ. ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓް ތައް ވެސް ބަރަބޮލުގައި ހުރެއެވެ. މިހުރިހާ ސަބަބަކާހުރެ ބަރަބޯވެފައިވަނީ ހަށިގަނޑުގެ ސަރުބީ ދަށްކޮދިނުމަށާއި، ބަރުދަން ލުއިކުރުމަށް ހިންގާ ޑައެޓް ޕްރޮގްރާމް ތަކުގައި މައިގަނޑު ގޮތެއްގައި ކެއުމަށް އިރުޝާދުދެވޭ އެއް ބާވަތް ކަމުގައެވެ.

ޒިއެޒެންތިން އަކީ އިރުގެ އަލިން އަންނަ ދޯދިތައް ލޮލަށް ވަންނައިރު ލޮލުގެ އަލި ދުލިން އެދޯދިތައް ފުރޭނުމުގެ މަސައްކަތް ހިންގުމުގައި އެހީތެރިވެދޭ ތަބީއީ އެންޓިއޮކްސިޑެންޓެކެވެ. މިއީ އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބަރަބޮލުގައި ގިނަ އަދަދަކަށް ޕޮލިފީނަލިކް ފްލޭވޮނޮއިޑް ކަމްޕައުންޑް ތައް ހުރެއެވެ. އެގޮތުން ބަރަބޮލުގައި ހުންނަ މިފަދަ މާއްދާ ތަކުގެ ތެރޭގައި އަލްފާ ކެރޮޓީން، ބީޓާ ކެރޮޓީން، ލޫޓީން، ޒިއެޒެންތިން، ކްރިޕްޓޯޒެންތިން ފަދަ މާއްދާތައް ހިމެނެއެވެ. ކެރޮޓީންގެ ބާވަތްތައް ހަށިގަނޑުގައި ވިޓަމިން އޭ އަށް ބަދަލުވެ، ވިޓަމިން އޭ އިން ހަށިގަނޑަށް ލިބިދޭ މަންފާތައް ފޯރުކޮށްދޭނެ އެވެ.

ބަރަބޮލަކީ އެންޓިއޮކްސިޑެންޓް ވިޓަމިން ތަކުގެ ގޮތުގައި ބެލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ވިޓަމިން އީ ރައްކާކުރެވިފައިވާ ގުދަނެއް ފަދަ އެއްޗެކެވެ. ކޮންމެ 100 ގުރާމް ބަރަބޮލުގައި 7384 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ، ހުރެއެވެ. ހަމުގެ ދުޅަހެޔޮކަމާ، ލޮލުގެ ފެނުމަށާ، ކަށިތަކުގެ ދިރުމަށާ، ހަށިގަނޑުގައިވާ ތެތް ދުލިފަށަލަތަކުގެ ދިރުމަށް ބޭނުންވާ ވިޓަމިން އޭ އަކީ ބާރުގަދަ ތަބީއީ އެންޓިއޮކްސިޑެންޓެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން އޭ އިން މުއްސަދި ކާނާ ބޭނުންކުރުމަކީ ފުއްޕާމޭ އަދި އަނގައިގެ ތެރޭގައި އުފެދޭ ކެންސަރުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބަރަބޮލުގައި ހިމެނޭ މިވިޓަމިން ތަކުގެ ސަބަބުން ހަށިގަނޑު ދިފާއީ ބާރު ވެސް ރަގަޅުކޮށްދެއެވެ. ބަރަބޮލުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ.

ބަރަބޮލުގައި އެކުލެވޭ މެގްނީޒިއަމް އަކީ ހަށިގަނޑުގައިވާ މަސްތަކުގެ މަސައްކަތަށް ބާރުއަޅައިދީ، ދިފާއީ ބާރު ރަގަޅުކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް ހެދިބޮޑުވުމަށް ބޭނުންތެރި މައުދަނެކެވެ، ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ.

ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ ބަނޑު ފަސޭހަ ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. ބަރަބޮލުގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. މިސަބަބާހުރެ ބަރަބޮލަކީ ބަނޑުހިކިފައިވާ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. ފައިބަރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ބަރަބޮލުގައި ޕޮޓޭސިއަމް ހުރުމަކީ ހަޖަމުކުރުމުގެ މަސައްކަތަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.