Last Updated: January 19, 13:24
Wednesday, January 19, 2022
ޚަބަރު

މަޖިލިސް އިންތިޚާބުގައި މެޓްރިކްސް މޯޑް ވާދަކުރައްވަނީ

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރެއްވުމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދް (މެޓްރިކްސް މޯޑް) އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.

މެޓްރިކްސް މޯޑް އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށެވެ.

އެމްޑީޕީ އިން ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވި މެޓްރިކްސް މޯޑް މަޖިލީހަށް އިންތިޚާބުވީ އެ ޕާޓީގެ ޓިކެޓުގައި 2009 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން މެޓްރިކްސް މޯޑް ވަނީ 2014 ވަނަ އަހަރު ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް ނާކާމިޔާބު ވެވަޑައިގެންނެވީއެވެ.

މެޓްރިކްސް މޯޑަކީ މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އެސިސްޓަންޓް މެނޭޖަރެވެ. އަދި ފާއިތުވި 5 އަހަރެއްހާ ދުވަހުގެ ތެރޭގައި މެޓްރިކްސް މޯޑަކީ ޔާމީނަށް ތާއީދު އިތުރުކުރުމަށް އައްޑޫގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މެޓްރިކްސް މޯޑު ވަނީ މަޤާމުން ވަކިކުރައްވާފައެވެ.

މެޓްރިކްސް މޯޑު އިންތިހާބުގައި ވާދަކުރައްވާއިރު، މިހާރު އެދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އޭނާގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދް ލަތީފެވެ.

މީގެ އިތުރުން ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ. އަހްމަދް އަދީލް ނަސީރު އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް އަށް ފޯމު ހުށަހެޅުއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދީލްގެ އާއިލާގެ ފަރާތުން ވަނީ އޭނާ އިންތިޚާބުގައި ވާދަކުރައްވަން އުޅޭ ޚަބަރު ދޮގުކޮށްފައެެވެ. އެހެން ނަމަވެސް އެކަމާއި ބެހޭގޮތުން އަދީލްގެ ބަހެއް އަދި ނުލިބެއެވެ.