Last Updated: April 16, 16:40
Tuesday, April 16, 2024
ޚަބަރު

ދެކުނަށް ވާދަކުރާ އަހްމަދުގެ ކޮއްކޮގެ އެކައުންޓަށް އެސްއޯއެފުން 2 މިލިއަން!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަނުން، ނެރުނު ރިޕޯޓްގައި އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ އަހްމަދް ލަތީފްގެ ކޮއްކޮ އެއް ހިމެނޭކަން ހާމަވެއްޖެއެވެ.

އޭސީސީ އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން އަހްމަދް ލަތީފްގެ ކޮއްކޮ، ސ.ހިތަދޫ ބްލޫލެގޫން އަބްދުﷲ ޤާސިމްގެ އެކައުންޓަށް 135،000 އެމެރިކާ ޑޮލަރު ( ދެ މިލިއަން އަށްޑިހަ އެއްހާ ހަތްސަތޭކަ ދިވެހި ރުފިޔާ) އެސްއޯއެފުން ވަނީ ޖަމާކޮށްފައެވެ.

އޭސީސީގެ ރިޕޯޓުގައި އަބްދުﷲ ޤާސިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 135،000 އެމެރިކާ ޑޮލަރުގެ މައުލޫމާތު ހިމަނާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސަގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާ ފޮނުވި ފަރާތްތަކުގެ ތަފްސީލުގެ ތެރޭގައެވެ.

އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާ ގިނަ ފަރާތްތަކުން ބުނެފައިވަނީ "އެއީ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގެ ފައިސާ" ކަމަށެވެ. އެހެން ނަމަވެސް އެސްއޯއެފް އަކީ މަނީ އެކްސްޗޭންޖް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތެއް ނޫނެވެ.

ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަހްމަދް ލަތީފްގެ ބައްޕާފުޅަކީ މަޝްހޫރު ވިޔަފާރިވެރިޔާ ބީއެޗްއެމްގެ ހުސައިން މޫސާއެވެ. އަދި އޭނާ އަކީ ވެސް ބީއެޗްއެމް ކުންފުނީގެ ޑިރެކްޓަރެކެވެ.