Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޔާމީން ހޮސްޕިޓަލަށް ގެނައީ އޮޅުވާލުމެއްގެ ތެރެއިން: އަދުރޭ

ކުރީގެ ރައީސް ޔާމީން އާއި އަދުރޭ - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް، ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަވައިގެން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މިއީ އޮޅުވާލުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށާއި މިއީ ގަސްދުގައި ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ.

"ރައީސް ޔާމީން ހީފުޅުކުރައްވައިގެން ހުންނެވީ އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮތުމުން ކޯޓަށް ގެނައި ގެނައުމެއް ކަމަށް. އެހެން ނަމަވެސް އައިޖީއެމްއެޗާ ހަމައަށް ގެނައުމުން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވީ ހޮސްޕިޓަލަކަން މި ގެނައީ. އެމަނިކުފާނުގެ ރިކުއެސްޓު ކުރެއްވުމަކާ ނުލާ ގަސްދުގައި ރާވައިގެން އޮޅުވާލުމެއްގެ ތެރެއިން ހޮސްޕިޓަލަށް މި ގެނައީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ބޭސްފަރުވާގެ ކަންތައްތަކުގައި މީހަކު ހޮސްޕިޓަލަށް ގެންނައިރު އެމީހާ ގެންނަ ސަބަބު ވެސް އެނގެންޖެހޭނެ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް ކަމެއް ޔާމީނަށް އަންގަވާފައި ނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެގެން މި އުޅެނީ ރައީސް ޔާމީނަކީ ވަރަށް ބޮޑު ކުށްވެރިއެއްކަން ދައްކަން. ރައީސް ޔާމީނަކީ ހަގީގަތުގައި ކުށްވެރިއެއް ނޫން. ރައީސް ޔާމީން ހައްޔަރުކޮށްގެން މި އުޅެނީ ކުށެއް ކޮށްގެނެއް ވެސް ނޫން. ހަމަ ގަސްދުގައި އޮޅުވާލުމެއްގެ ތެރެއިން ސިޔާސީ ބޭނުމެއްގައި މިކަން ކޮށްގެން މި އުޅެނީ" އަދުރޭ ވިދާޅުވިއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.