Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މުސްކުޅި ސާރިދޯޅަށް ވުރެ ޒުވާން ފުއްލާގެ ހާލުބޮޑު: ނާދިރާ

އާމިނަތު ނާދިރާ - ފޮޓޯ: އައްޑޫ ލައިވް

މުސްކުޅި ސާރިދޯޅަށް ވުރެ ޒުވާން ފުއްލާގެ ހާލުބޮޑު ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް މައުމޫން ރިފޯމް މޫވްމެންޓުގައި (އެމްއާރްއެމް) ގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ ފާޑު ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިތާ ދެ ދުވަސް ވެފައިވަނިކޮށް މިއަދު ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މުސްކުޅި ސާރިދޯޅާއި ޒުވާން ފުއްލާގެ ވާހަކަ އަކީ 2016 ވަނަ އަހަރުތެރޭ "އަސްލު ރ. އަތޮޅު ބޮޑު ޖަލްސާ" ގެ ނަމުގައި ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި ވާހަކައެކެވެ. އެގޮތުން އެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މުސްކުޅި ސާރިދޯޅެއްގެ ދުވެލީގައި ކުރިއަށް ދާން ރާއްޖެއަށް ވަގުތު ނެތް ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ޒުވާން ފުއްލާއެއްގެ ދުވެލީގައި ކުރިއަށްދާން ކަމަށެވެ.

"ސާރިދޯޅެއް ނޫނީ އެ ހިނގުމުގެ ނުވަތަ އެ ދުވެލީގެ ލަސްކަން މަތީ ތިބެވޭކަށް އަޅުގަނޑުމެންނަށް ނެތް. އަޅުގަނޑުމެން ޖާގަ ހޯދަން މި ޖެހެނީ ޅަދޮޅު ފުއްލާގެ ބާރު ސްޕީޑުން" ޔާމީން އެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ޔާމީން އައިޖީއެމްއެޗް އަށް ގެނެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑަިގަތުމަކަށް ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންނަކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ކުރިޔާލައި ފޯރުކޮށްދީފައިވެސް ނުވާ ކަމަށެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.