Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި

ގއ. ވިލިނގިލި (8 އޮގަސްޓު 2018) - ރައީސް އަބްދުﷲ ޔާމީން ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ކުރިއަށްގެންދާ މަގު ހެދުމާއު، ހައުސިން ޔުނިޓު ނިންމުން އިފްތިތށހު ކުރުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.

އައިޖީއެމްއެޗުން މިއަދު މެންދުރުފަހު 3:00 ގައި ޔާމީން ދޫކޮށްލެއްވުމުން ކަރެކްޝަންގެ ބޭފުޅުން އެމަނިކުފާނު މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޔާމީން އިއްޔެ ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނައުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ބައެއް ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި ފުލުހުން ވަނީ އެ ފަރާތްތަށް މައިތިރިކުރުމަށް ޕެޕޭ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް ގެންނެވި ވަގުތު އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު އެ ހޮސްޕިޓަލުގެ ހުޅަނގު ގޭޓުން ވަދެ، ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ސެންޓަރު ގެ ތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުންވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުން ކަމަށެވެ.

އެހެންކަމުން އެމީހުން ހުއްޓުވުމަށް ޕެޕާ ސްޕްރޭ ބޭނުން ކުރަން ޖެހުނު ކަމަށާއި އެސަރަހައްދުގައި ހިނގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެއްވެސް ފަރާތަކުން ހޮސްޕިޓަލުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ ނުހެދުމަށް ވެސް ނަސޭހަތްތެރިވެފައެވެ.