Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ފަތްޖަހާލެވޭ ސެމްސަންގް ގެލެކްސީ ފޯލްޑް ދައްކާލައިފި، އަގަކީ 1980 ޑޮލަރު!

"ގެލެކްސީ ފޯލްޑް"ގައި އެއްފަހަރާ ތިން އެޕްލިކޭޝަން ބޭނުންކުރެވޭނެ - ފޮޓޯ: ސެމްސަންގް

ފަތްޖަހާލެވޭ ސްމާޓްފޯން ކަމުގައިވާ "ގެލެކްސީ ފޯލްޑް" އާއި 5ޖީ ނެޓްވޯކް ހިމެނޭ "ގެލެކްސީ އެސް10" އިތުރުން ތިން ގެލެކްސީ 10 ސީރީސްގެ ސްމާޓްފޯން ސެމްސަންގް އިން ދައްކާލައިފި އެވެ.

ގިނަ ބަޔަކު ލަފާކުރި ތާރީޚަށްވުރެ ގާތްގަނޑަކަށް ދެ މަސް ދުވަސް ކުރިން ފޯލްޑް ބާޒާރަށް ނެރޭނެ އެވެ.

"ގެލެކްސީ އެސް10 5ޖީ" އަކީ މިހާތަނަށް ސެމްސަންގް އިން އުފައްދާފައިވާ ފަތްނުޖެހޭ އެންމެ ބޮޑު ފޯނެވެ. އަދި 5ޖީ ނެޓްވޯކް ތަޢާރަފްވެ، އާންމުވުމާއެކު އެ ފޯންގެ ޑޭޓާ ސްޕީޑް އިތުރަށް އަވަސްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"އެސް10" ސީރީސްގައި ބަޖެޓާއި ރައްޓެހި، އަގުހެޔޮ ތިން ފޯނެއްވެސް ސެމްސަންގް އިން ވަނީ ދައްކާލާފައެވެ.

ސެމްސަންގް އިން މީގެ ކުރިން ބުނި ގޮތުގައި "އެސް9" ސީރީސްގެ ފޯންތަކުގެ އަގު މާބޮޑަށް ބޮޑުވުމުގެ ސަބަބުން ލަފާކުރި މިންވަރަށްވުރެ ސޭލްސް ދަށްވި ކަމަށެވެ.

މި ފޯންތައް ދައްކާލާފައި ވަނީ ބުދަ ދުވަހު ސެން ފްރެންސިސްކޯގައި ބޭއްވި އެ ކުންފުނީގެ "އަންޕެކްޑް" އިވެންޓުގައެވެ.

"ގެލެކްސީ ފޯލްޑް"

"އަންޕެކްޑް" އިވެންޓްގައި ފުރަތަމަ ދައްކާލާފައި ވަނީ 4.6 އިންޗީގެ "ގެލެކްސީ ފޯލްޑް" އެވެ. މި ސްމާޓްފޯނަކީ ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، ހުޅުވާލުމުން 7.3 އިންޗީގެ ޓެބްލެޓަކަށް ބަދަލުވާ ފޯނެކެވެ. އިންފިނިޓީ ފްލެކްސް ޑިސްޕްލޭ ހިމެނޭ މި ފޯން އޭޕްރީލް 26ގައި ބާޒާރަށް ނެރޭއިރު، ފޯނުގެ އަގަކީ 1980 އެމެރިކާ ޑޮލަރެވެ.

މި ފޯން ތިން ކުލައަކުން ލިބެން ހުންނާނެ އެވެ. އެއީ ކަޅު، ރިހި، ފެހި އަދި ނޫ ކުލައެވެ. މި ފޯންގައި އެއްފަހަރާ ތިން އެޕްލިކޭޝަން ބޭނުންކުރެވޭނެ އެވެ. އެހެންކަމުން ނެޓްފްލިކްސް ބަލާލައި، ގޫގުލް އިން އެއްޗެއް ސާޗުކޮށް އަދި މެސެޖަކަށް ޖަވާބު ދިނުން އެއްފަހަރާ އެއް ސްކްރީނަކުން ކޮށްލެވޭނެ އެވެ. ބޮޑެތި ސްކްރީންތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް މި ފޯން ވަރަށް ކަމުދާނެ ކަމަށް ބެލެވެއެވެ.

"ގެލެކްސީ އެސް10 ސީރީސް"

ސެމްސަންގްގެ އެންމެ މަޝްހޫރު "ގެލެކްސީ އެސް" ސްމާޓްފޯން ސީރީސްގެ އެންމެ ފަހުގެ ފޯންތައްވެސް ވަނީ ރޭ ދައްކާލާފައެވެ. އެގޮތުން 5.8 އިންޗީގެ "ގެލެކްސީ އެސް10އީ" (749 ޑޮލަރު)، 6.1 އިންޗީގެ "ގެލެކްސީ އެސް10" (899 ޑޮލަރު)، 6.4 އިންޗީގް "ގެލެކްސީ އެސް10 ޕްލަސް" (999 ޑޮލަރު) އަދި 6.4 އިންޗީގެ "ގެލެކްސީ އެސް10 5ޖީ" ވަނީ ދައްކާލާފައެވެ. މީގެ ތެރެއިން "ގެލެކްސީ އެސް10 5ޖީ"ގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ.

ގެލެކްސީ އެސް10، އެސް10 ޕްލަސް އަދި އެސް10 5ޖީ ގައި މުޅިން އާ ކާވްޑް ކުއޮޑް އެޗްޑީ ޕްލަސް އެމޯލެޑް ޑިސްޕްލޭ ހިމެނިގެންވާއިރު، ސެމްސަންގް އިން ބުނީ އޭގެ ސަބަބުން ކުލަތައް އިތުރަށް ސާފުވެ، ނޫ އަލީގެ ސަބަބުން ލޮލަށް ކުރާ އަސަރު ކުޑަވާނެ ކަމަށެވެ.

މި ތިން ފޯންގައި ވެސް ފިންގަރޕްރިންޓް ސެންސަރ ހުންނާނީ ޑިސްޕްލޭގައެވެ. "އަލްޓްރާސޮނިކް ފިންގަރޕްރިންޓް ރީޑަރ" ފޯންތަކުގެ ފޭސް އަންލޮކް ފީޗާ އާއި ގުޅޭއިރު، ކުރިއަށްވުރެ ފިންގަރޕްރިންޓް ރީޑަރގެ ސެކިއުރިޓީ ވަރުގަދަވާނެ އެވެ.

އަގުހެޔޮ އެސް10އީ ގައި ހުންނާނީ ފުލް އެޗްޑީ ޕްލަސް ފްލެޓް ސްކްރީނެއް ކަމުގައިވާއިރު، މި ފޯނުގެ ފިންގަރޕްރިންޓް ސެންސަރ ހުންނާނީ ފޯނުގެ އަރިމަތީގައެވެ.

ގެލެކްސީ އެސް10 5ޖީގައި ޖުމްލަ ހަ ކެމެރާ ހިމެނޭއިރު، އޭގެ ތެރޭގައި 3ޑީ-ޑެޕްތު ލެންސް ހިމެނޭ ޑުއަލް-ފްރަންޓް ކެމެރާއެއް ވެސް ހިމެނެއެވެ. މީގެ އިތުރުން 3ޑީ-ޑެޕްތު ލެންސް ހިމެނޭ ހަތަރު ރިއާ ކެމެރާވެސް މި ފޯންގައި ހިމެނެއެވެ.

އެސް10 އާއި އެސް10 ޕްލަސްގެ ފީޗާތައްވެސް އެސް10 5ޖީ އާއި އެއްގޮތްވި ނަމަވެސް، މި ފޯންތަކުގެ ފަހަތު ކެމެރާގައި 3ޑީ ޑެޕްތު ލެންސެއް ނުހުންނާނެ އެވެ. އެހެންނަމަވެސް އެސް10އީ ގައި ވައިޑް އަދި އަލްޓްރާ-ވައިޑް ލެންސާއެކު ސިންގަލް ފްރަންޓް ކެމެރާ އަކާއި ޑުއަލް ރިއާ ކެމެރާ ހުންނާނެ އެވެ.

ބުރާސްފަތު ދުވަހުން ފެށިގެން ޕްރީ-އޯޑަރ ކުރެވޭނެ މި ހަތަރު ފޯންވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 08 ވަނަ ދުވަހު އެވެ. ފޯންތައް ލިބެން ހުންނަ އެންމެ ކުޑަ ސައިޒަކީ 128 ޖީބީ އެވެ. މި ހަތަރު ފޯންވެސް ކަޅު، ހުދު، ނޫ އަދި ފިޔާތޮށި ކުލައިގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރެއިން ފިޔާތޮށި ކުލައަކީ ޕެންޓޯންގެ އަހަރުގެ ކުލައިގެ ގޮތުގައި ހޮވި 'ލިވިންގ ކޮރަލް' ރަމްޒުކޮށްދޭ ކުލައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފޯންތަކުގެ އިތުރު ކުލަތައް ވެސް ލިބެން ހުންނާނެ އެވެ.

އެސް10 5ޖީ މޮޑެލް

މި ފޯނަކީ މިހާތަނަށް އުފައްދާފައިވާ އެންމެ އަވަސް ވަޔަލެސް ނެޓްވޯކް ކަމުގައިވާ 5ޖީ ބޭނުންކުރާނެ އެންމެ ފުރަތަމަ އެއް ސްމާޓްފޯނެވެ. މި ފޯނުގެ ސަބަބުން އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޗައިނާފަދަ ހިސާބުތަކުގެ 5ޖީގެ ބާޒާރުގައި ސެމްސަންގް އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ކުރިން 5ޖީ ފޯނެއް އެޕަލް އިން ނެރޭނެ ކަމަކަށް ނުބެލެވެއެވެ.

5ޖީ ނެޓްވޯކް އަދި ރަނގަޅަށް ތަޢާރަފްކޮށްފައި ނުވާއިރު، އޭގެ ސަބަބުން މި ފޯނުގެ އަސްލު ފީޗާތަކަށް ހީނަރުކަމެއް އަންނާނެ އެވެ. ބައެއް ކުންފުނިތަކުން 5ޖީ ލޯންޗްކުރާނެ ތާރީޚުތައް އާންމުކޮށްފައިވާއިރު، ފުޅާ ދާއިރާއެއްގައި 5ޖީ ނެޓްވޯކް އާންމުވެގެންދާނީ އަދި މީގެ އަހަރުތަކެއް ފަހުންނެވެ.

ކެނެސިލްގެ ބެން ސްޓެންޓަން "ސީއެންއެން ބިޒްނެސް" އަސް ބުނި ގޮތުގައި 5ޖީ އަށް ބޭނުންވާ ސެލިއުލާ ވޭވްތައް 4ޖީ އާއި 3ޖީ ހާ ދުރަށް ދަތުރުނުކުރާނެ ކަމަށާއި، އެހެންކަމުން 5ޖީ އަށް އެކަށީގެންވާ އިންފްރާސްޓްރަކްޗަރގެ ނެޓްވޯކެއް ޤާއިމްކުރުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.