Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޖޭޕީގެ އަސްލު ބާރު އޮތީ ކާކަށް؟

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ސިޔާސީ ކުރިއެރުމެއް ލިބުނު އެއް ފަރާތަކީ ޔަގީނުންވެސް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މަޖްލިސް ރައީސް ގާސިމް އިބްރާހިމްގެ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާ (އައިޝާ) ކަން ޔަގީނެވެ.

ތުއްތު ހަ ކުދިންނާއި ގާސިމްގެ ކަންތައް ހަމަޖެއްސުމަށް ގޭތެރޭގައި ހުންނެވި އައިޝާ ސިޔާސީ ޕޯޑިއަމްތަކަށް އަރަން މަޖްބޫރުކުރުވީ ޔާމީންގެ އަނިޔާވެރިކަމެވެ. ގާސިމް އިބްރާހިމް، އާއި އާއިޝާގެ ދޮން ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް ނުހައްގުން ދައުވާ އުފުލައި، ހައްޔަރު ކުރުމުން ގެއިން ނިކުންނަވައި ނަހުލާ ސިޔާސީ މަސައްކަތް ތަކުގެ ތެރެއަށް ނިކުންނެވިއެވެ.

ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށް ސިޔާސީ އެއްވުންތަކުގައި ގާސިމް އާއި ސިޔާދު ދޫކޮށްލުމަށާއި އޭރު ޔާމީންގެ އަނިޔާގެ ދަންތުރައިގައި ތިބި އެންމެން ދޫކޮށްލުމަށް އަޑު އުފުއްލެވީ އަސަރާއި އެކުއެވެ. އެވޭނީ އުދާސްތަކުގެ އަޑު ދިވެހިން އަހައި އައިޝާއަތް ލޯތްބާއި، ތައުރީފު ލިބިގެންދިޔައެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ދިވެހިން ވޯޓުލީއިރު އައިޝާގެ ހިތުގެ އުދާސްތަކާއި އެ ހިތްދަތިކަމަށް ތަސައްލީއެއްދޭން ބޭނުންވެ ރައްޔިތުން ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައެވެ.

ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އޭރު ޖުމްހުރީ ޕާޓީގެ މެމްބަރުންނަށް ލިބެމުންދިޔަ ނިކަމެތިކަމަށް ހައްލު ހޯދައިދިނީ އައިޝާއެވެ. ޕާޓީގެ ކޮންގްރެސް ބާއްވައި ޖުމްހުރީ ޕާޓީ އަލުން ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާކުރެއްވީ އައިޝާއެވެ. ޖޭޕީގެ ކޮންގްރެސްއަށް ޒުވާނުން ނެރެ އެފަރާތްތަކަށް ފުރުސަތު ދިނުމުގައި އައިޝާގެ ދައުރު ބޮޑެވެ. އެހެންވެ މިއަދު ޖޭޕީގެ ކޮންގްރެސްގެ ބާރު އޮތީ އައިޝާއަށް ކަމަށް ވާހަކަ ދެކެވެއެވެ. ޖޭޕީގެ ރައީސަކަށް އަލީ ވަހީދު ގެނެސް ޖޭޕީއަށް ބަދަލު ގެނައީ އައިޝާއެވެ.

މިއަދު އައިޝާ އަކީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރެވެ. އެތައް ފާޑުކިއުމެއް އަމާޒުވި ނަމަވެސް އައިޝާގެ ހިތްވަރަކަށް މަސައްކަތަކަށް ބަދަލެއް ނާދެއެވެ. އެތައް ބައެއްގެ ތައުރީފާއި ލޯބި ޓްރާންސްޕޯޓު މިނިސްޓަރގެ ހައިސިއްޔަތުން ދަނީ ހޯދަމުންނެވެ. މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ވަޒީރަކީ ވެސް އައިޝާއެވެ.

ސިޔާސީ ގޮތުން ބަލާއިރު މިހާރު ޖޭޕީގެ ލީޑަރ އަދި ފިރިކަލުން ގާސިމަށްވުރެ އައިޝާގެ މަގްބޫލްކަން ދަނީ ގަދަވަމުންނެވެ. މި ސަރުކާރުގެ ކޯލިޝަން ތެރޭގައި ޖޭޕީ އޮތް އިރު ގާސިމަށް އަމާޒުވަމުންދާ ފާޑު ކިއުން އައިޝާއަށް އަމާޒެއް ނުވެއެވެ. ގާސިމް ދައްކަވާ ކަހަލަ "ދެއުޅިއެއްނުވާ" ވާހަކަތަކެއް އައިޝާ ދައްކަވާ އަޑެއް ނީވެއެވެ. އެއަށް ވުރެ މާ ސީދާ ސާދާއެވެ.

މަޖްލިސް އިންތިހާބަށް ނިކުންނަން ތައްޔާރުވަމުން އަންނަ އިރު ޖޭޕީން ކުރިމަތިލާ ކެންޑިޑޭޓުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ގާސިމްއެވެ. ގާސިމް ދައްކަވާ ވާހަކަތަކެވެ. ނިންމަވާ ނިންމުންތަކެވެ. އޭގެ ސަބަބުން އެ ކެންޑިޑޭޓުންނަށްވެސް ގާސިމަށް އަމާޒުވާ ނަފްރަތު ދަނީ އަމާޒުވަމުންނެވެ.

ގާސިމްގެ ގިނަ ނިންމެވުންތަކާއި ވާހަކަތަކަކީ ޕާޓީގެ ނިންމުންތަކެއް ނޫނެވެ. އެއީ ގާސިމްގެ އަމިއްލަ ހިޔާލެވެ. އަމިއްލަ ވާހަކަތަކެވެ. އެވާހަކަ ތަކާއި އެކު ގާސިމްގެ އިތުބާރު ގެއްލި ސިޔާސީ ގޮތުން އޮތް ތާއިދު ދަނީ ގެއްލެމުންނެވެ. މިއަދު ދިވެހިން ގާސިމަށް އިތުބާރެއް ނުކުރެއެވެ.

ގާސިމް ލީޑަރަކަށް ހުރެގެން ޖޭޕީއަށް ލިބޭނެ ކުރިއެރުމެއް ނެތްކަން މިއަދު ޕާޓީގެ ކައުންސިލަށް ވިސްނެއެވެ. އެހެންވެ ކައުންސިލުން އެފަދަ ދޯދިޔާ ނިންމުންތައް ނުނިންމައެވެ. އައިޝާގެ ނުފޫޒާއި އެކު ޕާޓީގެ ކައުންސިލް އޮތީ ބަދަހިކޮށެވެ. ގާސިމް ބޭރު ކުރަން ޖެހުނަސް އެކަން ކުރެވޭނެ ބާރު ކައުންސިލަށް އެބަ އޮތެވެ. އެބާރު ހިފަހައްޓަނީ އައިޝާއެވެ. ވީއިރު ސުވާލަކީ ޕާޓީގެ އަސްލު ބާރުވެރިއަކީ ކާކުތޯއެވެ؟