Last Updated: May 8, 22:22
Wednesday, May 8, 2024
ރިޕޯޓް

އައްޑޫ އަށް ވެސް ސިނަމާ އެއް ބޭނުން!

އައްޑޫގެ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އިނގިރޭސިންގެ އައްޑޫގައި ތިބި ދުވަސްވަރަކީ އައްޑޫއަށް އެންމެ ބޮޑު ތަރައްޤީއެއް ލިބުނު ދުވަސްވަރެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ބޭންކު، އެއާޕޯޓު އަދި ހޮސްޕިޓަލާއި ސިނަމާވެސް ހުޅުވުނީ އައްޑޫގައެވެ. އެއްގަމު ދަތުރުފަތުރަށް ބޮޑެތި ބަސްތަކާއި ކާރުތައް ގެނެސް ދުއްވީވެސް އައްޑޫގައެވެ. ނަމަވެސް ރާއްޖެއަށް މިނިވަންކަން ލިބި، އިނގިރޭސިން އައްޑޫއިން ފައިބައިގެން ދިޔުމާއެކު ލިބެމުން އައި ތަރައްޤީވެސް އައްޑޫއިން ފައިބައިގެންދިޔައެވެ. އެދުވަސްވަރު މާގިނަ ދުވަސްތަކެއްނުވެ މިތަންތަން ބަންދުކޮށް، ތަންތަން ވީރާނާކޮށް ލޫޓުވައި ހުސްކޮށްލީއެވެ. އަތުޖެހުނު އެއްޗެއް ގެންދިޔައީ މާލެއަށެވެ.

އައްޑޫގެ މީހުން ބުނާގޮތުން އެދުވަސްވަރު އައްޑޫގައި ދެ ސިނަމާ ހިންގަމުންގެންދިޔައެވެ. ގަމުގައި ހިންގަމުންދިޔަ އަސްޓްރާ ސިނެމާގެ އިތުރުން ހިތަދޫގައި ހިންގި "ވިނަރެސް" ސިނަމާއެވެ. މިއަދު އެސްޓިއޯ ހިތަދޫ އޮފީހުގެ ކުރިމަތީގައި ހުރި އިމާރާތަކީ މި ސިނަމާއެވެ. ގަން އެއާޕޯޓު ކައިރީ މިހާރުވެސް ފެންނަން ހުރި އަސްޓްރާ ސިނަމާއަކީ މިއަދު ގަން އެއާޕޯޓުގެ ދަށުގައި ހުރި އިމާރާތެކެވެ. ނުބެލެހެއްޓި ވީރާނާވެފައިއެވެ.

އައްޑޫގެ އާބާދީ އަކީ 30،000 ވުރެ ބޮޑު އާބާދީއެކެވެ. އަތޮޅުގައި 20،000 ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އިރު އަތޮޅުގައި މުނިފޫހިފިލުވާލުމަށް ވަދެލާނެ ސިނަމާއެއް ނެތެ. އާއިލާ އާއި އެކުވެރިން އެކުގައި ފިލްމެެއް ބަލާލަން އުފާކޮށްލަން ދާނެ ތަނެއް ނެތެވެ. މަދު ފަހަރެއްގައި އައްޑޫގައި އަޅުވާ ފިލްމެއް މިހާރު އަޅުވަނީ ދާދި ފަހުން ކައުންސިލުން މަރާމާތު ކުރި މަރަދޫ ބޮނޑޮ ގޭގައެވެ. ނޫންނަމަ ކޮންމެވެސް ސްކޫލެއްގައެވެ

މިތަންތަނަކީ ސިނަމާ ހިންގުމަށް ހަދާފައިވާ ތަންތަން ނޫނެވެ. އެންމެ އެކަށީގެންވާ ގޮތުގައި ފިލްމު އެޅުވޭނެ ވަސީލަތެއް ނުހުރެވެ. މި ތަންތަނަކީ އެހެނިހެން ކަންކަމަށް ހަދާފައިވާ ތަންތަނެވެ. ސިނާމާގައި ހުންނަން ޖެހޭ ސިފަތަކެއް މިތަންތާކު ނުހުރެއެވެ. އެހެން ކަމުން. ފިލްމު ބެލުމުގެ މުޅި ހިތް ހަމަޖެހުން މިތަންތަނުގައި އަޅުވާ ފިލްމަކުން ނުލިބެއެވެ. އެންމެ ކުޑަމިނުން އެކަށީގެންވާ ޖާގަވެސް މިތަންތަނުން ނުލިބެއެވެ.

ޒަމާންނަށް އައި ބަދަލާއި ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި އެކު ގިނަ މީހުން އޮންލަންކޮށް ފިލްމު ބެލި ނަމަވެސް ބޮޑު ސްކްރީނުން އަރާމުގައި ތިބެގެން ފިލްމެއް ބަލާލަން ބޭނުންވެއެެވެ.

ފާއިތުވި އެކި ސަރުކާރުތަކުން ވަނީ ޒުވާނުންނާއި އާންމުންގެ ނަމުގައި ފުޓުބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑު ތައް އަޅާފައެވެ. މީގެ ތެރެއިން ގިނަ ތަން ތަނަކީ ގިނަ ފަހަރަށް ކުޅެން ވަންނާނެ ބަޔަކު ނުވެ، ފަޅުވެފައިވާ ތަންތަނެވެ.

އައްޑޫގެ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ސިނަމާއަކަށް އެދިއެދި ތިބޭތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ސަރުކާރަކަށް ފަހު ސަރުކާރެއް، މިނިސްޓަރަކަށް ފަހު މިނިސްޓަރެއް، މަޖިލިސް މެންބަރަކަށް ފަހު މަޖްލިސްމެންބަރެއް، ކައުންސިލަރަކަށް ފަހު ކައުންސިލަރެއް އިންތިޚާބު ކުރެވި ދައުރު ނިމިގެންދާއިރުވެސް އައްޑޫގައި ސިނަމާއެއް އަޅަން އިސްނަގާނެ ފަރާތެއް ނެތެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާގޮތުން އައްޑޫގެ ޒުވާނުންތަކެއްވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހުމަދު މަހުލޫފުއަށް އައްޑޫގައި ސިނަމާއެއް އަޅާދިނުމަށް އެދިފައެވެ. އަދި މިނިސްޓަރ ވަނީ އެމަނިކުފާނުގެ ޓީމާއި މިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އަދި އައްޑޫގައި ސިނަމާއެއް އެޅިގެންދާނެކަމުގެ ފެހި ސިގްނަލެއް ރަސްމީކޮށް ސަރުކާރުން ދީފައިނުވެއެވެ.

އެސްޓިއޯއިން އައްޑޫގައި ބޭނުންކުރި ވިނަރެސް ސިނަމާ ހަލާކުކޮށްލާފައިވާ އިރު ހިތަދޫގައި އާ ސިނަމާއެއް ޒަމާނީ ވަސީލަތާއި އެކު ގާއިމްކޮށްދިނުމަކީ ދަތިކަމެއް ނޫނެވެ.. އެސްޓިއޯއަކީ އިލެކްޓްރޯނިކް ސާމާނުގެ ބޮޑެތި ބްރޭންޑުތަކުގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރއެކެވެ. އެހެންކަމުން މިފަދަ އިމާރާތެއް އިޖްތިމާއީ މަސައްކަތުގެ ތެރެއިން ހަދައި ރައްޔިތުންނަށް ދެވިދާނެއެވެ. ސަބަބަކީ މީގެ ކުރިންވެސް ފުޓްސަލް ދަނޑު ހެދުމާއި އެކި ކަންކަމަށް އެސްޓިއޯއިން އެހީތެރިވެފައިވުމެވެ.

އައްޑޫ ރައްޔިތުންގެ އުންމީދަކީ މި ސަރުކާރުން އައްޑޫގައި ސިނަމާއެއް ހަދައި ރައްޔިތުންގެ މި އުއްމީދު ފުރިހަމަކޮށްދިނުމެވެ.