Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކުޅުދުއްފުށި ކުޅީގެ ބާކީބައި ސަލާމަތްކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް އެރަށުގެ ކުޅިން ބޮޑު ބައެއް ހިއްކައި ތިމާވެއްޓަށް އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެފައިވަނިކޮށް، މިސަރުކާރުން ކުޅީގެ ބާކީ ބައި ސަލާމަތް ކުރުމަށް މަސައްކަތް ފަށައިފިއެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ގޮތުން މިފަދަ ތަންތަން ހިމާޔަތްކުރާ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓު" ގެ ފަރާތުން ހުށައަޅާފައިވާ އެހީ ގަބޫލުކުރަން ނިންމަވާފައެވެ. މިނިސްޓްރީން ހާމަކޮށްފައިވަނީ އެއާޕޯޓު އެޅުމަށް ބޮޑު ބައެއް ހިއްކުމުގެ ސަބަބުން ދެން އެތަން އާލާ ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އަދި އެކަން ކުރުމަށް ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ އެހީއާ ލަފާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅުދުއްފުށި ކުޅީގެ ބޭނުން އަލުން ހިފުމަށް ހަދަން ޖެހޭ ދިރާސާތައް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު، "އަވަސް" ނޫހަށް މައުލޫމާތުދެމުން ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރ ޑރ. ހުސެއިން ހަސަން ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކުޅި މިހާރު އޮތް ހާލަތު ބައްލަވާފައެވެ. އެރަށުގެ ޒުވާނުން ވަނީ އައްޑުއާއި ފުވައްމުލަކު ކުޅިތަކުގައި ހަދާފައިވާ ގޮތަށް ކުޅުދުއްފުށި ކުޅީގެ ބާކީ އޮތް ތަނުގައި ނޭޗާ ޕާކެއް އަޅައިދިނުމަށް މިނިސްޓަރު ގާތުގައި އެދިފައެވެ.