Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔާމީން ހައްޔަރުކުރުމުން ކަންބޮޑުވާ މާގިނަ ބަޔަކު ނެތް: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު - ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުން އެކަމާ ކަންބޮޑުވާ މާގިނަ ބަޔަކު ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވީ ޔާމީން ހައްޔަރުގައި ހުންނެވިކަން ވަރަށް ގިނަ މީހުންގެ ހަނދާނުގައި މިހާރު ނުވެސް ނެތް ކަމަށާއި ޔާމީން ހައްޔަރުކުރުމުން އެކަމާ ކަންބޮޑުވެގެން އުޅޭ މާގިނަ ބަޔަކު ނުވެސް ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ގަބޫލުކުރަނީ ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް އެ ބޭފުޅާއަކީ ހައްޔަރުގައި ހުންނަވަން ޖެހޭ ބޭފުޅެއްކަން. އެއީ ހައްގު ގޮތުގައި ހައްޔަރުކޮށްގެން ޝަރީއަތް ކުރެވެން ޖެހޭ ބޭފުޅެއްކަން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާކަން މި މަންޒަރުން ސާފުވޭ" އަފްޝަން ވިދާޅުވިއެވެ.

ޔާމީން ހައްޔަރުކުރުމަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނާއިރު އަފްޝަން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބަށް ކޯލިޝަނުން ކުރިމަތިލިއިރު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވި ބަންދުގައި ނުވަތަ އަރުވާލެވިފައި ކަމަށާއި އެހެންކަމުން މިއަދު އެ ފަރާތްތަކުން އެ ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.