Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނަށް ވެސް ފްލެޓް ލިބުނު!

ޕީޕީއެމްގެ ކެމްޕެއިން އިވެންޓަކަށް ރައީސް ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގެން ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާން އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި އެކު. ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓްތައް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކުރި އިރު ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާނަށް ވެސް ފްލެޓް ދީފައިވާކަން ހާމަވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކުރީ ކުރީގެ ސަރުކާރުގައި ފްލެޓް ދިނުމުގައި މަކަރު ހަދާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދަނިކޮށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ފްލެޓް ދިން މީހުންގެ ލިސްޓް އާއްމުކުރިއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާނަށް ފްލެޓް ލިބިވަޑައިގެންފައި ވަނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން C2 ކެޓެގަރީންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާނަށް C2 ކެޓަގަރީން ފްލެޓް ލިބިވަޑައިގެންނެވި އިރު ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރަ ބައި ލައްކަ ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.

ހައިކޯޓު ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 36،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް 3300 ރުފިޔާ ލިބިވަޑައިގަންނަވާއިރު ފަނޑިޔާރުންނަށް ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖައްސައިދެ އެވެ.