ޚަބަރު

ދުނިޔޭގެ އެންމެ އަގުބޮޑު ކާރު ބުގާޓީ އިން ދައްކާލައިފި

ފޮޓޯ: ގެޓީ އިމޭޖެސް

ފްރާންސްގެ ކާރު އުފައްދާ ކުންފުންޏެއް ކަމުގައިވާ ބުގާޓީ އިން ދުނިޔޭގެ އެންމެ އަގުބޮޑު ކާރު ދައްކާލައިފި އެވެ.

ޓެކްސްއާ ނުލައި އަގަކަށް މަދުވެގެން 11 މިލިއަން ޑޮލަރު އަރާ މި ކާރު ގަތް ފަރާތުގެ ނަމެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މި ކާރު ގަނެފައި ވަނީ ޕޯޝްގެ ފައުންޑަރގެ ކާފަދަރިއެއް ކަމުގައިވާ ފާޑިނޭންޑް ކާލް ޕިއޭ އެވެ.

މި ކާރުގެ އަސްލު ސީދާ އަގު ހާމަކޮށްފައި ނުވިނަމަވެސް، ލަފާކުރެވޭ ގޮތުގައި ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކާރުގެ ރެކޯޑް ހޯދި ރޯލްސް-ރޮއިސް ސްވެޕްޓެއިލްގެ 8-9 މިލިއަން ޕައުންޑްގެ އަގަށްވުރެ މި ކާރު އަގުބޮޑުވާނެ އެވެ.

ފޯޑް ފިއެސްޓާ އަކަށްވުރެ 20 ގުނައަށް އިންޖީން ޕަވަރ ބޮޑު މި ކާރު އުފައްދާފައި ވަނީ ބުގާޓީގެ 110 ވަނަ އަހަރީދުވަސް ފާހަގަކުރުމަށެވެ.

ޖެޓް-ބްލެކް ކާބަން އިން ހަދާފައިވާ މި ކާރުގައި 1،500 ހޯސްޕަވަރގެ 16 ސިލިންޑަރުގެ އިންޖީނެއް ހުރެއެވެ.

މި ކާރުގެ އެންމެ ބާރު ސްޕީޑް ބުގާޓީ އިން ހާމަކޮށްފައި ނުވިނަމަވެސް، ރިޕޯޓްތައް ބުނާގޮތުން 2.4 ސިކުންތު ތެރޭގައި ގަޑިއަކު 62 މޭލުގެ ސްޕީޑަށް އަރާނެ އެވެ. އަދި ކާރުގެ އެންމެ މަތީ ސްޕީޑަކީ ގަޑިއަކު 261 މޭލު ކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.