Last Updated: April 25, 21:20
Thursday, April 25, 2024
ވިޔަފާރި

ސެމްސަން އިން ފަތްޖަހާލެވޭ އިތުރު ދެ ފޯނު ނެރެނީ

"ގެލެކްސީ ފޯލްޑް"ގައި އެއްފަހަރާ ތިން އެޕްލިކޭޝަން ބޭނުންކުރެވޭނެ - ފޮޓޯ: ސެމްސަންގް

ސެމްސަން އިން ދާދިފަހުން ސެން ފްރެންސިސްކޯގައި ބޭއްވި "އަންޕެކްޑް" އިވެންޓްގައި ދައްކާލި ގެލެކްސީ ފޯލްޑް އެކޭ އެއްފަދައިން ފަތްޖަހާލެވޭ އިތުރު ދެ ފޯން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނެރޭނެކަމަށް ބްލޫމްބާގް އިން ރިޕޯޓްކުރެއެވެ.

އެ ކުންފުނިން ނެރުނު ފަތްޖަހާލެވޭ ފޯނު ޓެބްލެޓެއްގެ ގޮތުގައި ބޭނުންކުރެވޭއިރު ކުރިއަށް އޮތް ތަނުގައި ނެރޭނެކަމަށް ބެލެވޭ ފޯނުގައި ވާވޭގެ މޭޓް އެކްސް އާއި އެއްގޮތަށް ބޮޑު ސްކްރީނެއް އެކުލެވިގެންވާނެއެވެ. އެގޮތުން މި ފޯން، އެއްކޮށް ލައްޕާލުމުން މުޅި ފޯން އެއްކޮށް ފޮރުވި ފަސޭހައިން ޖީބަށްލެވި ފޮތެއްގެ ސިފަ ހުންނާނެ ކަމަށްވެއެވެ. ސެމްސަން އިން ނެރުމަށް ހަމަޖެހިފައިވާ ފަތްޖަހާލެވޭ އަނެއް ފޯންގެ ބައްޓަން އެންމެ ވައްތަރީ ކްލެމްޝެލްއާ ކަމަށް މައުލޫމާތުލިބެއެވެ.

ބައެއް މީޑިއާ ހަބަރުތައް ބުނާގޮތުން، ލެނޯވޯ އިން ފަރުމާކޮށްގެން މިއަހަރުގެ ފަހުކޮޅު ނުވަތަ ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ކުރީކޮޅު ނެރުމަށް ހަމަޖެހިފައިވާ ފަތްޖަހާލެވޭ މޮޓޮރޮލާ ރޭޒާއާ ވެސް މި ފޯނާއި އެއްގޮތްކަމެއް ހުންނާނެ ކަމަށް ބެލެވެއެވެ. މި ފޯން އެކޭ އެއްފަދައިން ވާވޭގެ މޭޓް އެކްސް އާއި އެއް ކަހަލަ ގޮތަކަށް ފަރުމާކުރެވިގެންދާނެ ފޯން ވެސް އެއަށްފަހު މާގިނަ ދުވަހެއް ނުވަނީސް ނެރޭނެކަމަށް ބެލެވެއެވެ.

ސެމްސަން އިން އެންމެ ފަހުން ދައްކާލި ގެލެކްސީ ފޯލްޑް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގައެވެ. ބެލެވޭގޮތުގައި އެ ކުންފުނިން މިހާރު ކުރަމުންދަނީ އެ ފޯންގެ ސްކްރީންގައި މުޅިން އަލަށް ބޭނުންކޮށްފައިވާ އިންފިނިޓީ ފްލެޓް ޑިސްޕްލޭ ފައްކާކުރުމުގެ މަސައްކަތެވެ. މީގެއިތުރުން، ބްލޫމްބާގްގެ ފަރާތުން މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި ސެމްސަން އިން މި ފޯނަށް ސްކްރީން ރިޕްލޭސްމަންޓް ހިލޭ ދޭން ވިސްނާކަމަށްވެއެވެ.