ޚަބަރު

އެމްއައިބީގެ ކޮންސިއުމަރ ފައިނޭންސިންގ ލިމިޓް މަތިކޮށްފި

"އުޖާލާ ދިރިއުޅުން" ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އަވަސް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކޮންސިއުމަރ ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް 250،000ރ. އަށް މަތިކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އެމްއައިބީގެ ކޮންސިއުމަރ ފައިނޭންސިންގ ޚިދުމަތުގެ ނަން "އުޖާލާ ދިރިއުޅުން"ގެ ނަމަށް ބަދަލުކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި "އުޖާލާ ދިރިއުޅުން" ތަޢާރަފްކޮށްދެއްވީ މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، ހަސަން ޝާހް އާއި އިސްލާމިކް ބޭންކްގެ ސީއީއޯ އަބްދުލް މުހައިމިން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައިމިން ވިދާޅުވީ އަލަަށް ތަޢާރަފްކުރި "އުޖާލާ ދިރިއުޅުން"ގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮންސިއުމަރ ފައިނޭންސިންގ އިން 100،000ރ. އާއި ހަމައަށް ކުރިން ތަކެތި ނެގޭއިރު، އެތަކެއްޗަށް 18 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. ނަމަވެސް މިއަދު ތަޢާރަފްކުރި "އުޖާލާ ދިރިއުޅުން"ގެ ދަށުން 80،000ރ. އާއި 250،000ރ. އާއި ދެމެދުގެ އަދަދަކަށް ތަކެތި ނެގޭއިރު، އެތަކެއްޗަށް ފައިސާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އެމްއައިބީ އިން ބުނެއެވެ.

އިލެކްޓްރޯނިކް ސާމާނާއި ގޭގޭގައި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން މޮބައިލް ފޯނުާއި އައުޓްބޯޑް އިންޖީން އަދި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި ފަރުނީޗަރުފަދަ ތަކެތި މި ސްކީމްގެ ދަށުން ނެގޭއިރު، މި ޚިދުމަތަށް ފައިދާގެ ގޮތުގައި އެމްއައިބީ އިން ލާފައިވަނީ 15 އިންސައްތަ އެވެ.

އެމްއައިބީ އިން ބުނީ މި ސްކީމް ދޫކުރާނީ އެ ބޭންކްގައި އެކައުންޓް ހުރި ކަސްޓަމަރުންގެ އިތުރުން ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ޕާޓްނަރުންނަށް ކަމަށެވެ.

ހެލްތު މިނިސްޓްރީ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއާއެކު އެމްއައިބީ އިން އެއްބަސްވުން ހަދާފައިވާއިރު، މި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު "އުޖާލާ ދިރިއުޅުން" ނެގޭނެ އެވެ. އެގޮތުން ވަޒީފާ އަދާކުރާތާ ހަ މަސްވެފައިވާ ކޮންމެ މުވައްޒަފަކަށްވެސް މި ފައިނޭންސް ސްކީމް ނެގޭނެ އެވެ.

މީގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކަށް ނަގާ ތަކެތީ ފައިސާ ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތެއް މި ސްކީމްގެ ދަށުން ލިބެއެވެ.

"އުޖާލާ ދިރިއުޅުން" ފައިނޭންސް ނަގަން ބޭނުންވާ ފަރާތްތަކުން އެމްއައިބީ ޤަބޫލުކުރާ ތަނަކުން ކޯޓޭޝަން ނެގުމަށްފަހު، އެޕްލިކޭޝަން ފޯމް ހުށަހަޅާ ދުވަހު ފައިސާ ލިބޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.