Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

ގޮނޑިތައް ދީ، ބުނި ކޮންމެ ކަމެއް ކޮށްދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އައްޑޫ ލައިވް

އެޕްރީލް 21 ވަނަ ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ 7 ގޮނޑިވެސް އެމްޑީޕީއަށް ދެއްވައިފިނަމަ އައްޑޫ ރައްޔިތުން ބުނި ކޮންމެ ކަމެއް ކޮށްދެވޭނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ މަރަދޫފޭދޫ ކެމްޕޭނު ޖަގަހައިގައި ސައިފޮދު ބެއްލެވުމަށް ފަހު އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ އާދަޔާ ޚިލާފު ތައުރީފެއް ރޮޒެއިނާ އަދި އެމްޑީޕީ ކެންޑިޑޭޓުންނަށް ރައްދު ކޮށްފައިވާއިރު އެމަނިކުފާނު ވިދާޅުވީ އައްޑޫ 7 ދާއިރާގެ އެމްޑީޕީ 7 ކެންޑިޑޭޓުންނަށް ވެސް އެމަނިކުފާނު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ.

އައްޑޫގެ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް މިއަހަރުގެ ބަޖެޓުގައި ވެސް ހިމެނިފައިވާނެ ކަމަށާއި އައްޑޫގެ ކުރިއެރުވުމަށް އެމްޑީޕީއަށް 7 ގޮނޑި ލިބުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީއަށް އައްޑޫގެ ގޮނޑިތައް ލިބުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ނަޝީދު ވަނީ އައްޑޫގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވި އަދި ނާކާމިޔާބުވި ކެންޑިޑޭޓުން ދައްކަވާ މިސާލާ މެދު ފަޚުރުވެރިވާ ކަމަށް ވިދާޅުވެ އެބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި މިހާރުގެ މެމްބަރު އަލީ ނިޒާރާއި މެދު ދާއިރާގެ ބްރިގޭޑިއާ ޖެނެރަލް ދީދީގެ ނަންފުޅު ފާހަގަކުރެއްވިއެވެ.