Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

އާލިޝާ ޕަންވާރް "އިޝްޤް މޭ މަރްޖާވާން" އިން ވަކިވެއްޖެ

ކަލާސް ޓީވީ އިން ގެނެސްދޭ "އިޝްޤް މޭ މަރްޖާވާން" އިން ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓްރެސް އާލިޝާ ޕަންވާރް، އެ ސީރީސް އިން ވަރަށް އަވަހަށް ވަކިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ހުނަރުވެރި އެކްޓްރެސް ވަނީ އެ ސީރީސްގައި ތާރާ އާއި އާރޯހީގެ ރޯލް އަދާކޮށްފަ އެވެ. އަދި ފަހަކަށް އައިސް ޝޯގެ ޕްލޮޓާމެދު އާލިޝާ ހިތްހަމަ ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުރަތަމަ ޝޯއިން ފެނިގެންދިޔައީ އެއްވަތަރު ޖަހާ ދެ އަންހެން ކުދިން ކަމުގައިވާ ތާރާ އާއި އާރޯހީގެ ވާހަކައެވެ. އެގޮތުން އާރޯހީ ކުރި ކުށްތަކަށް އަދަބުދިނުމުގެ ގޮތުން ތާރާ އޭނާ ފުލުހުންނާއި ހަވާލުކުރެއެވެ. ބަދަލުހިފުމުގެ މި ޑްރާމާ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ލޯންޗްކުރި ފަހުން، ޝޯގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހިނގާފައެވެ.

ބެލުންތެރިންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ ޝޯގައި އާރޯހީގެ ރޯލަށް ނިއާ ޝަރްމާ ތަޢާރަފްކުރުމުންނެވެ. އަދި ސީރީސްގައި ތިން މަސް ދުވަހުގެ ލީޕެއް ނެގުމަށްފަހު، އާރޯހީ ތަޢާރަފްވެގެންދިޔައީ އަންޖަލީގެ ރޯލުންނެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކުރާ ގޮތުގައި އޭރުވެސް އާލިޝާ ޝޯއިން ވަކިވާން ބޭނުންވި ކަމަށާއި، ނަަމަވެސް ކުރިއަށްދިއުމަށް ޝޯގެ ޕްރޮޑިއުސަރުން އޭނާ ކައިރިން އެދުނު ކަމަށެވެ.

އެހެންނަމަވެސް ދާދިފަހުން އަނެއްކާވެސް ޝޯ އަށް ބޮޑު ބަދަލެއް ގެނެސް، ނޭތްރާގެ ރޯލަށް ސޮނާރިކާ ބަޑޯރިއާ ވަނީ ހަމަޖައްސާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާލިޝާ ވަނީ ޝޯ އިން ވަކިވާން އެއް މަސް ދުވަހުގެ ނޯޓިސް އެއް ޕްރޮޑިއުސަރުންނަށް ދީފައެވެ.