ދުނިޔެ

އަޤްޞާ މިސްކިތުގައި ނަމާދަށް ތިބި ބަޔަކަށް އިސްރާއީލް ފުލުހުން ހަމަލާ ދީފި

މި ހަމަލާ އަކީ އިސްރާއީލްގެ ފުލުހުން ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތުކުރެވޭ - ފޮޓޯ: އޭއޭ

އިރުމަތީ ޤުދުސްގެ ހަމަނުޖެހުން ބޮޑު ސަރަޙައްދެއް ކަމުގައިވާ އަލް-އަޤްޞާ މިސްކިތް ސަރަޙައްދަށް ވަންނަ މަގުތައް އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ އޮފިޝަލުން ބުނެފި އެވެ.

"އަނަދުލު އޭޖެންސީ" އިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލްގެ ހަނގުރާމަވެރިން ވަނީ އަޤްޞާ މިސްކިތަށް ވަދެ، މިސްކިތުގައި ނަމާދަށް ތިބި ގިނަ ބަޔަކަށް ހަމަލާދީފައެވެ.

ޤުދުސްގެ ރިލީޖަސް އެންޑޯމެންޓްސް އޮތޯރިޓީގެ ތަރުޖަމާނު، ފިރާސް އަލް-ދިބްސް ބުނި ގޮތުގައި ހަމަލާދިން މީހުންގެ ތެރޭގައި އަޤްޞާ މިސްކިތުގެ ޑައިރެކްޓަރ އޮމަރް ކިސްވާނީ އާއި ޤުދުސްގެ އިސްލާމީ ކޯޓްތަކުގެ އިސް ޣާޒީ ޝެއިޚް ވާސިފް އަލް-ބަކްރީ ވެސް ހިމެނޭ ކަމަށެވެ.

މިއަދު ހިނގި މި ހާދިސާގައި މަދުވެގެން ފަލަސްތީންގެ ފަސް މީހުން ހައްޔަރުކޮށް، ތަޙުޤީޤަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުނެއެވެ.

އަލް-ދިބްސް އިތުރަށް ބުނެފައި ވަނީ މިސްކިތުގައި ތިބި މުސްލިމުން ބޭރަށް ނެރެ، އޭގެ ތެރެއިން މަދުވެގެން 10 މީހަކަށް ފަހުން ހަމަލާދީފައިވާ ކަމަށެވެ.

އޭނާ ބުނީ މިސްކިތުގައި އަލިފާންގަނޑެއް ރޯވެފައިވާ ކަމަށާއި، އެއީ މިސްކިތުން މީހުން ނެރުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން އިސްރާއީލްގެ ފުލުހުން ރާވައިގެން ހިންގި ކަމެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅޭގޮތުން އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އަޤްޞާ މިސްކިތް ހުންނަ އިރުމަތީ ޤުދުސް އިސްރާއީލުން ހިސާރުކޮށްފައި ވަނީ 1967 ވަނަ އަހަރު ހިނގި އަރަބް-އިސްރާއީލީ ހަނގުރާމައިގަ އެވެ.